ބަރަހަނާ ވީޑިއޯތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުން: (ކ-ވ) ހަމްދޫން އަބްދުﷲ، މުހައްމަދު މިހާދު އަދި މައުމުން މޫސާ

ބްލެކްމެއިލް މައްސަލައިގެ ހައްޔަރުކުރި މީހުން ދޫކޮށްލައި، މައްސަލަ ފައިލްކޮށްފި

އާ މައުލޫމާތެއް ލިބިއްޖެ ނަމަ ތަހުގީގު ފަށާނެ ކަމަށް ފުލުހުން ބުނޭ

ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއް ޖިންސުން ގުޅުން ހިންގި މަންޒަރުގެ ވީޑިއޯ ރެކޯޑުކޮށް، އެ ތަކެތި ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރުމުގެ ހައްޔަރުކުރި އެންމެން ދޫކޮށްލައި، ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން، އެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މާފަންނުކޮޅުގައި ހުންނަ އެޕާޓްމަންޓަކަށް ވިޔަފާރިވެރިންނާއި ސިޔާސީ މީހުން އަދި އެ ނޫން ވެސް ބައެއް ފިރިހެނުން ގެންގޮސް، ބަންގަލަދޭޝްއަށް ނިސްބަވްތާ އެމްޑީ އަލަމްގީރު އެ މީހުންނާ އެކު ގުޅުން ހިންގާ މަންޒަރުތައް ރިކޯޑްކޮށް، އެ ވީޑިއޯތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރި މައްސަލައިގައި ފުލުހުން މިިދޔަ ސެޕްޓެމްބަރު މަހު ފަސް މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ފުލުހުން ވަނަވަރު ހާމަކުރީ އޭރު ބަންދުގެ މުއްދަތު ޖެހި ތިން މީހުންނެެވެ. އެއީ:

  • ހަމްދޫން އަބްދުﷲ، 37 - ބ. ދަރަވަންދޫ/އަކިރި  

  • މުހައްމަދު މިހާދު މުސްތަފާ، 24 - ބ. ދަރަވަންދޫ/ހީމަ  

  • މައުމޫން މޫސާ، 41 - ށ. ފުނަދޫ/ސީސްޓާ

ތަފްސީލު - މި މައްސަލައިގެ ތަހުގީގު ދިގުލައިގެންދާތީ މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނަކު 'ދައުރު'އަށް މިއަދު ވިދާޅުވީ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ލަފާގެ މަތިން މި މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށެވެ. 

"މައްސަލައާ ގުޅޭ ގޮތުން ޕީޖީއާ މަޝްވަރާކުރުމުން، ލިބިފައިވާ ހެއްކަކީ ޖިނާއީ ދައުވާއެއް ކުރެވޭ ވަރުގެ ބުރަދަން ހުރި ހެކިތަކެއް ނޫން ކަމަށާއި އެހެންކަމުން މައްސަލަ ފައިލްކުރުމަށް ޕީޖީ އޮފީހުން ލަފާދީފައިވާތީ، މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން [މިދިޔަ] ނޮވެމްބަރު މަސް ތެރޭ ދޫކޮށްލައި، މައްސަލަ ވަނީ ފައިލްކޮށްލާފައި،" ތަރުޖަމާނު ވިދާޅުވި އެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، މައްސަލަ ފައިލް ކުރި ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުންނަށް ލިބިއްޖެ ނަމަ، "މައްސަލަ އަލުން ބެލުމުގެ ފުރުސަތު" އެބަ އޮތް ކަމަށެވެ.

ޕީޖީ އޮފީހުގެ ބަސް - އެ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕޮރޮސެކިއުޓާ އަހްމަދު ޝަފީއު މިދިޔަ ހަފްތާގައި 'ދައުރު'އަށް ވިދާޅުވީ، ބްލެކްމެއިލް މައްސަލައިގައި ހައްޔަރު ކުރި ފަސް މީހުންނަށް ވެސް ދައުވާ ކުރުމަށް އެދި ފުލުހުންގެ ފަރާތުން އެ އޮފީހަށް މައްސަލަ ފޮނުވި ކަމަށެވެ. ނަމަވެސް ދައުވާ ކުރުމަށް ބޭނުންވާ ވަރަށް ހެކި ނެތުމުން މިދިޔަ ސެޕްޓެމްބަރު މަހު އަނބުރާ އެ މައްސަލަ ފުލުހަށް ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލަމްގީރު ފިރިހެނުންނާ އެކު ގުޅުން ހިންގައި އެ މަންޒަރުތައް ވީޑިއޯކުރި ކޮޓަރި

އެނގުން މުހިންމު - ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ހަމްދޫނަކީ އެ ވީޑިއޯތަކުން ފެންނަ އަލަމްގީރު ތަހުގީގަށް ދިން ބަޔާނުގައި، އޭނާގެ "ބޮސް" ކަމަށް ބުނި މީހާ އެވެ. ވީޑިއޯތަކުން ފެންނަ އެޕާޓްމަންޓް ކުއްޔަށް ހިފައިގެން އުޅުނީ ހަމްދޫންގެ ދެމަފިރިންނެވެ.

ކޮޓަރިއެއްގައި އަލަމްގީރު ދިވެހިންނާ އެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ލީކުކުރަން ފެށީ މިިދިޔަ އަހަރުގެ ޖޫން މަހުގެ މެދުތެރޭގަ އެވެ. އެގޮތުން:

  • ސިޔާސީ ފަރާތްތަކާއި ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރާ މީހުންނާއި އަދިވެސް ބައެއް އެހެން ފަރާތްތަކުގެ އެފަދަ ވީޑިއޯތަކެއް އާންމުވެފައިވޭ  

  • ވީޑިއޯތައް ލީކްވުމުގެ ކުރިން، އަލަމްގީރުއާ އެކު އެއް ޖިންސުން ގުޅުން ހިންގި މީހުން ބްލެކްމެއިލްކޮށް، ބައެއް މީހުންގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގި  

  • ވީޑިއޯތައް ލީކްވުމާ އެކު ފުލުހުން ޖޫން 27ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ، މި މައްސަލައިގެ ތެރެއިން ބްލެކްމެއިލް ކުރި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް؛ އެ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުނި  

  • ބްލެކްމެއިލް ކުރުމުގެ މައްސަލަ، ވީޑިއޯތައް ލީކުކުރުމުގެ ކުރިން، މިދިޔަ މާޗު މަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނި

  • މި މައްސަލައިގައި އަލަމްގީރާއި އޭނާއާ އެކު އެއް ޖިންސުން ގުޅުން ހިންގި ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް