ބްލެކްމެއިލް ކުރި މައްސަލައިގައި މިވަގުތު ބަންދުގައި ތިބި ތިން މީހުން.

ބަރަހަނާ ވީޑިއޯތަކުގެ މައްސަލަ: ބްލެކްމެއިލް ކުރުމުގެ ތުހުމަތަށް 5 މީހަކު ހައްޔަރުކޮށްފި

ދެ މީހަކު ކޯޓުން ދޫކޮށްލުމުން މި ވަގުތު ބަންދުގައި ތިބީ ތިން މީހުން
25 ސެޕްޓެމްބަރު 2022

ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ތަކެތި ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކޮށް އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނަމަވެސް، ފުލުހުން ބުނެފައިވާ ގޮތުގައި، އޭގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި ކޯޓުން ވަނީ އެ ދެ މީހުން ދޫކޮށްލާފަ އެވެ. އެ ދެ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ތަފްސީލް - މި މައްސަލައާ ގުޅިގެން މިހާރު ބަންދުގައި ތިބި މީހުންނަކީ:

  • ހަމްދޫން އަބްދުﷲ (37އ) - ބ. ދަރަވަންދޫ/އަކިރި 

  • މުހައްމަދު މިހާދު މުސްތަފާ (24އ) - ބ. ދަރަވަންދޫ/ހީމަ 

  • މައުމޫން މޫސާ (41އ) - ށ. ފުނަދޫ/ސީސްޓާ

ފުލުހުން ބުނި ގޮތުގައި:

  • ހަމްދޫނާއި މިހާދު ހައްޔަރުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު

  • ހަމްދޫންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވޭ 

  • މިހާދުގެ ބަންދަށް ހަތް ދުވަސް ވަނީ ދީފައި

  • މައުމޫން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވޭ

ފުލުހުން ބުނި ގޮތުގައި، މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެނގުން މުހިންމު - މާފަންނު ކޮޅުގައި ހުންނަ އެޕާޓްމަންޓަކަށް މީހުން ގެންގޮސް، އެ މީހުންނާ އެކު ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގީރު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯތައް ލީކްވާން ފެށީ މިިދިޔަ ޖޫން މަހުގެ މެދުތެރޭގަ އެވެ. އެގޮތުން:

  • ސިޔާސީ ފަރާތްތަކާއި ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރާ މީހުންނާއި އަދިވެސް ބައެއް އެހެން ފަރާތްތަކުގެ އެފަދަ ވީޑިއޯތަކެއް އާންމުވެފައިވޭ

  • ވީޑިއޯތައް ލީކްވުމުގެ ކުރިން، އަލަމްގީރުއާ އެކު އެއް ޖިންސުން ގުޅުން ހިންގި މީހުން ބްލެކްމެއިލްކޮށް، ބައެއް މީހުންގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގި

  • ވީޑިއޯތައް ލީކްވުމާ އެކު ފުލުހުން ޖޫން 27ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ، މި މައްސަލައިގެ ތެރެއިން ބްލެކްމެއިލް ކުރި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް؛ އެ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުނި

  • ބްލެކްމެއިލް ކުރުމުގެ މައްސަލަ، ވީޑިއޯތައް ލީކްވުމުގެ ކުރިން، މިދިޔަ މާޗު މަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނި

އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ހަމްދޫނަކީ، ލީކްވެފައިވާ އަލަމްގީރުގެ ތަހުގީގު ބަޔާނުގައި އޭނާ "ބޮސް"ގެ ނަމުން މުހާތަބުކޮށްފައިވާ އަދި ވީޑިއޯތަކުގައި ފެންނަ ކަމަށް ބުނާ ކޮޓަރި ހުންނަ އެޕާޓްމަންޓް ކުއްޔަށް ނަގައިގެން އުޅުނު މީހާ އެވެ. އެނގިފައިވާ ގޮތުގައި، ހަމްދޫން ވަނީ ބައެއް މީހުންނަށް މަކަރު ހަދައި އޮޅުވަލައިގެން ފައިސާ ނެގުމުގެ އިތުރަށް، އެތައް ބަޔަކަށް ފައިސާ ދޭން ޖެހިފަ އެވެ.

ލީކްވެފައިވާ އަލަމްގީރުގެ ބަޔާނުން އެނގޭ ގޮތުގައި، އެއް ޖިންސުން ގުޅުން ހިންގާ އަދި އެ މަންޒަރު ފެންނަ ގޮތަށް، 45-50 މީހެއްގެ ވީޑިއޯ އޭނާ ވަނީ ރިކޯޑްކޮށްފަ އެވެ. 

އަލަމްގީރު ވަނީ:

  • ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާއަށް ވެސް ކޯޓުގައި މީގެ ކުރިން އިއުތިރާފްވެފައި 

  • އެ ތިން ދައުވާ އޭނާގެ މައްޗަށް ސާބިތުވެ، ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 31ގައި 

  • އޭގެ ފަހުން، އޭނާގެ މައްޗަށް ކުރި އިތުރު 40 ދައުވާއަށް ވެސް އިއްޔެ ކްރިމިނަލް ކޯޓުގައި އޭނާ ވަނީ އިއުތިރާފު ވެފައި 

  • އޭނާގެ މައްޗަށް އަންނާނެ ކަމަށް ލަފާކުރެވެނީ ތިން އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް