ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް (ފޮޓޯ/އަވަސް)

ފުއްގިރި މައްސަލައިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޝަކީލް ތަނާޒުލް ވެއްޖެ

ގާޒީ ޝަކީލު ފުއްގިރި މައްސަލައިން ތަނާޒުލްވެވަޑައިގެންނެވި ސަބަބެއް ކްރިމިނަލް ކޯޓުން ސާފެއް ނުވި
20 ޑިސެމްބަރު 2022
2

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ދޫކުރަން މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ތަނާޒުލްވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މިހާރު ހުކުމް ކުރުމާ ހިސާބުގައިވާ ވ. އާރަށް މައްސަލައިގައި ޝަރީއަތްކުރެއްވި ގާޒީ ޝަކީލު ފުއްގިރި މައްސަލައިން ތަނާޒުލްވެވަޑައިގެންނެވި ސަބަބެއް ކްރިމިނަލް ކޯޓުން ސާފެއް ނުވި އެވެ. ހަމައެކަނި ބުނީ ގާޒީ ޝަކީލް ތަނާޒުލްވުމުން އެ މައްސަލައިގެ ޝަރީއަތް ދެން ކުރިޔަށް ގެންދާނީ އެ ކޯޓުގެ ގާޒީ އަލީ ނަދީމް ކަމަށެވެ.

ތަފްސީލް - ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާކުރީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ޔާމީން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ، ކުރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި އެ ފައިސާ ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓްސް މެދުވެރިކޮށް މަނީ ލޯންޑާކުރެއްވި މައްސަލައިގެ ތުހުމަތުގަ އެވެ.

މި މައްސަލައިގައި ކުރާ ދައުވާތަކަކީ:

  • އަބްދުﷲ ޔާމީން - މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުން

  • އަހުމަދު ކްރިކް ރިޒާ - މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުން 

  • ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން - މަނީ ލޯންޑަރިން

އެ މައްސަލައިން ގާޒީ ޝަކީލު ތަނާޒުލްވެވަޑައިގެންނެވީ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އެ މައްސަލަ މިހާރު އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތެއް ނިންމުމުގެ މަރުހަލާގަ އެވެ.

ފުއްގިރި މައްސަލައިގެ ތެރެއިން ޔާމިންގެ ޕާސްޕޯޓް ހިފަހައްޓަން ވެސް ދައުލަތުން މަސައްކަތްކުރި އެވެ. ނަމަވެސް މުއްދަތު ހަމަވެފައިވާ ދެ ޕާސްޕޯޓަށް ވާތީ ކްރިމިނަލް ކޯޓުން ވަނީ އެ އަމަރު ދޭން ދެކޮޅުހަދައިފަ އެވެ.

އެނގުން މުހިންމު - ޔާމީންގެ މައްސަލައަކުން ގާޒީ ޝަކީލް ތަނާޒުލްވެވަޑައިގެންނެވި އިރު، ހުކުމަކާ ހަމައަށް މިހާރު ގޮސްފައިވާ އާރަށު މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ޔާމީންގެ ވަކީލުން ތުހުމަތުކުރެ އެވެ. ސަރުކާރުން ވަނީ މި ވާހަކަތައް ދޮގުކުރަމުން ޝަރުއީ ނިޒާމަށް އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށް ބުނެފަ އެވެ.

އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ އެ މައްސަލައިގެ ހުކުމް މި މަހު ފަހުކޮޅު އިއްވާނެ އެވެ.

ކޮމެންޓް (2)

ގާޒީ ރުކުޓީ

20 ޑިސެމްބަރު 2022
ބޭފުޅާއަށް ކޮން ދިމާލަކުން އެއްޗެއް އަންނަތަން ފެނުނީބާ؟ ސީދާ ސަބަބު ނޭނގޭނެއެއްނު އަޑީ ބަތާނަށް ވާސިލް ވެވޭނީ ގާތުގައި އުޅުއްވާ ބޭބޭފުޅުންނަށް
0 0

އަހުމަދު

20 ޑިސެމްބަރު 2022
ތީގައި ނުފެނި އޮތް ފަރާތް ދުވަސް ކޮޅަކުން ފެނިގެން ދާނެ. އިންތިޒާރުގައި މި ތިބީ އެ މަންޒަރު ބަލަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް