ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމުގެ އުފަލުގައި މާލޭގެ ކާނިވާ ސަރަހައްދުގައި 3 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ދައުލަތުން އެދުނީ ޔާމީންގެ މުއްދަތު ހަމަވެފައިވާ 2 ޕާސްޕޯޓު ހިފަހައްޓަން؛ އަމުރެއް ނުދިން

ޕާސްޕޯޓު އަލުން ހައްދައި ޔާމީން ފުރާވަޑައިގަންނަވަން އުޅުއްވާ ކަމުގެ އެއްވެސް ހެއްކެއް ލިބިއްޖެ ނަމަ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އަލުން އެދުމުގެ ފުރުސަތު ދައުލަތަށް އޮތްކަން ކޯޓުން ފާހަގަކުރި
6 ޑިސެމްބަރު 2021

މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ތުހުމަތު އަދިވެސް ކުރެވޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިއްލަވާފާނެ ކަމުގެ ހެކި ލިބިފައިވާ ކަމަށް ބުނެ، އެ މަނިކުފާނުގެ މުއްދަތު ހަމަވެފައިވާ ދެ ޕާސްޕޯޓު ހިފަހައްޓަން ދައުލަތުން އެދުމުން އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ވީ ކިހިނެއް؟ - ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ޝަރީއަތް އެއްކޮށް ނިމެންދެން، ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ދައުލަތުން ވަނީ އެދިފަ އެވެ. 

އެކަމާ ގުޅިގެން ދެ ފަރާތުން ވާހަކަދެއްކުމަށް މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އާމިނަތު ޝާމާ ނަސީރު ވިދާޅުވީ ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ދައުލަތުން އެދުނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ރ) ގައި ބުނާ ކަންކަން ފުރިހަމަވާތީ ކަމަށެވެ. އެ މާއްދާގައި ބުނާ ކަންތައްތަކީ:

  • 1-

    ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މީހާ ކުށެއް ކޮށްފައިވާ ކަމަށް، ކުށެއް ކުރަމުންދާ ކަމަށް ނުވަތަ ކުށެއް ކުރަން އުޅޭ ކަމުގެ ހެކި ލިބިފައިވުން

  • 2-

    އޭނާ ރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅޭ ކަމުގެ ހެކި ލިބިފައިވުން

  • 3-

    އޭނާ ރާއްޖޭގައި މަޑުކުރުވަން ޖެހޭ ސަބަބެއް އޮތުން

ޔާމީން ފިއްލަވާފާނެ ކަމުގެ ހެކި ލިބިފައިވާ ކަމަށް، ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާ ހަވާލާދެއްވައި، ވަކީލު ވިދާޅުވި ސަބަބުތަކަކީ:

  • އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލަވާފައިވާތީ

  • ޔާމީންގެ ކިބައިގައި ރާއްޖޭން ފިލައިގެން ބޭރުގައި އުޅުއްވުމުގެ އެހީތެރިކަމާއި މާލީ ތަނަވަސްކަން ހުރުން

  • މީގެ ކުރިން ރައީސްކަން ކުރައްވާފައި ވާތީ "ކަނެކްޝަންސް" ހުންނާނެތީ 

  •  ޔާމީން ފިއްލަވައިފި ނަމަ އަނބުރާ ރާއްޖެ ގެންނަން ގޮންޖެހުންތައް ކުރިމަތިވާނެތީ

ތަފްސީލް - ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ ޔާމީން ރާއްޖޭން ބޭރަށް ވަޑައިގަންނަވަން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށާއި، އަދި ކޯޓަށް ހާޒިރުވެވަޑައިގަންނަވަން މިހާތަނަށް ކުރި އެއްވެސް އަމުރަކާ ވެސް ހިލާފުވެވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންކަމުން، އެ ކަންކަމަށް ފަނޑިޔާރު ރިއާޔަތްކޮށްދެއްވަން އެދިވަޑައިގަތެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލު ވާހަކަދައްކަވަނީ.

'ހިފަހައްޓަން އެދުނު ދެ ޕާސްޕޯޓު ވެސް އޮތީ މުއްދަތު ހަމަވެފައި'

ޔާމީން އަތުގައި މިވަގުތު "ވެލިޑް" ޕާސްޕޯޓެއް ނެތް ކަމަށާއި އެ ހާލަތުގައި ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެވިދާނެތޯ ވެސް ދިފާއީ ވަކީލު ސުވާލު އުފެއްދެވި އެވެ.

ދައުލަތުން ހުށަހެޅި ފޯމުގައި ހިމަނާފައި ވަނީ މުއްދަތު ހަމަވެފައިވާ "އިންވެލިޑް" ޕާސްޕޯޓަކާއި އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އޮންނަ ޕާސްޕޯޓެއް ކަމަށާއި އެ ދެ ޕާސްޕޯޓު ހިފަހައްޓައިގެން ނުކުންނާނެ ގާނޫނީ ނަތީޖާއެއް ވެސް ނެތް ކަމަށް ވަކީލު ވިދާޅުވި އެވެ.

ޔާމީނަކީ ރާއްޖޭން ފިލައިގެން ބޭރުގައި ދިރިއުޅެވޭނެ މާލީ ތަނަވަސްކަމާއި "ކަނެކްޝަންސް" ހުރި ބޭފުޅެއް ކަމަށް ބުނެ ދައުލަތުން ވަނީ އެ މަނިކުފާނުގެ ބޭންކު ސްޓޭޓްމަންޓުތައް ވެސް ހުށަހަޅައިފަ އެވެ. ދައުލަތުގެ އެ ވާހަކައަށް ރައްދު ދެއްވައި ވަކީލް ޝިޔާޒް ވިދާޅުވީ، އެކައުންޓުގައި ފައިސާ ހުރި ކޮންމެ މީހަކީ ފިލައިގެން ދާން އުޅޭ މީހެއް ކަމަށް ބަލަންޏާ ރާއްޖޭގައި ތިބީ މުޅިން ވެސް ފިލައިގެން އުޅޭނެ މީހުން ކަމަށެވެ.

ހަމަ އެއާ އެކު، އަދީބަކީ ޔާމީންގެ ބައިވެރިއެއް ނޫން ކަމަށާއި އަދީބު ޓަގު ބޯޓެއްގައި ފިއްލެވީ ވެސް ޕާސްޕޯޓު ބޭނުންކުރައްވައިގެން ނޫން ކަމަށް ވަކީލު ވިދާޅުވި އެވެ.

"[ޔާމީނަކީ] ފިލައިގެން ދާނެ ނުވަތަ ކޯޓަށް ހާޒިރުވާން ފަސް ޖެހޭނެ ފަރާތެއް ނޫން. ކޯޓުން ހަމަ ކިޔާ ކޮންމެ ގަޑިއަކަށް މިހާތަނަށް އޮތީ ހާޒިރުވެފައި. ކޯޓުން ފޮނުވި އެއްވެސް ޗިޓަކަށް ހާޒިރު ނުވެ އޮތް ފަރާތެއް ނޫން އަދި ފިލައިގެން އުޅެފައިވާ ފަރާތެއް ވެސް ނޫން،" ވަކީލު ވިދާޅުވި އެވެ.

އެހެންކަމުން، ޝަރީއަތް ނިމެންދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓަން އަމުރެއް ނެރެން ޖެހޭ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށާއި، އެކަމުން ހާސިލްވާނެ ގާނޫނީ ނަތީޖާއެއް ނެތް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ޔާމީންގެ ދިފާއީ ވަކީލު އަބްދުﷲ ޝިޔާޒް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަނީ.

'މިހާރު މިނިވަނެއް؛ ކޮންމެ ވަގުތަކު ވެސް ޕާސްޕޯޓް އާކުރެވޭނެ'

ޔާމީންގެ ދިފާއީ ވަކީލުން ފާހަގަކުރެއްވި ކަންތައްތަކާ ގުޅިގެން ދައުލަތުގެ ވަކީލު ޝާމާ ވިދާޅުވީ ޔާމީނަކީ މިހާރު މިނިވަނެއް ކަމަށާއި އެހެންކަމުން ކޮންމެ ވަގުތެއްގައި ވެސް ޕާސްޕޯޓު އާކުރެއްވޭނެ ކަމަށެވެ.

"އެހެންކަމަށް ވާ ނަމަ ދައުލަތަށް ގަބޫލުކުރެވެނީ އިމިގްރޭޝަންގެ މައްޗަށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭން ފުރައިގެން ދިއުން މަނާކުރުމުގެ އަމުރެއް އަދިވެސް ނެރުއްވިދާނެ ކަމަށް،" ވަކީލު ވިދާޅުވި އެވެ.

ދައުލަތަށް ރައްދު ދެއްވައި، ޔާމީންގެ ދިފާއީ ވަކީލުކަން ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ދައުލަތުން ހޯދީ، ޔާމީންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހު ކަމަށާއި އެހެންކަމުން މިކަމުގައި "ނުބައި ނިޔަތެއް" އޮތްކަން ސާފުވާ ކަމަށެވެ.

"ކޮން ކަމެއްތޯ ނުވެގެން މި އުޅެނީ؟ ހަމަ ހަގީގަތުގައި ވެސް މީހަކު ކޯޓަށް ހާޒިރު ނުވެގެންތޯ؟ ނޫން،" ޖަމީލް ސުވާލު އުފެއްދެވި އެވެ.

ޖަމީލް ވެސް ވިދާޅުވީ ކޯޓަށް ހާޒިރުވާން ޔާމީނަށް އެންގި ކޮންމެ ވަގުތަކު ކޯޓަށް ހާޒިރުވެވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން، ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"ފިލައިގެން ދާން އެއްވެސް ކަމެއް ނުކުރައްވާ. އެފަދަ ނިޔަތެއް ވެސް ނެތް،" ޖަމީލް ވިދާޅުވި އެވެ.

ޔާމީންގެ ބަސް - ދިފާއީ ވަކީލުންގެ ވާހަކައަށް ފަހު ކޮޅަށްތެދުވެވަޑައިގެން ޔާމީން ވިދާޅުވީ، މިފަދަ އަމުރަކާ ގުޅިގެން ގޮތެއް ނިންމާއިރު، މީގެ ކުރިން އެ މަނިކުފާނު އަމަލުކުރައްވާފައިވާ ގޮތަށް ފަނޑިޔާރު ބައްލަވަން ވާނެ ކަމަށެވެ. އެގޮތުން ގއ. ވޮޑަމުލާ މައްސަލައިގައި 2019ގެ ކުރީކޮޅުން ފެށިގެން އެ އަހަރުގެ ނޮވެމްބަރު 28އާ ހަމައަށް ވެސް އެ މަނިކުފާނު ފުރައިގެން ނުވަތަ ފިލައިގެން ތަނަކަށް ވަޑައިގަންނަވަން ކުރި މަސައްކަތެއް ފެންނަން އެބަ އޮތްތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

"އެ އޮތީ ދިގު މުއްދަތެއްގައި އަޅުގަނޑު އަމަލުކުރި އުސޫލު ފެންނަން. އޭރު އަޅުގަނޑުގެ މައްޗަށް ހުކުމެއް ވެސް ނެތް. ހަމަ މިނިވަނެއްގެ ގޮތުގައި ހުރެގެން ކޯޓަށް ހާޒިރުވަމުން ދިޔައީ،" ޔާމީން ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޔާމީން ވާހަކަދައްކަވަނީ.

ގާޒީގެ ސުވާލު - ދިފާއުގެ ވާހަކަތަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ދައުލަތުން ބައެއް ކަންކަން ސާފުކުރައްވައިފަ އެވެ. އެގޮތުން، ދައުލަތުން ހިފަހައްޓަން ބޭނުންވާ ދެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާކަން ދައުލަތަށް ފާހަގަކުރެވިފައިވޭތޯ ގާޒީ ސުވާލުކުރެއްވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެކަން އެނގޭ ކަމަށާއި، ނަމަވެސް ޕާސްޕޯޓަކީ ކޮންމެ އިރެއްގައި ވެސް އާކުރެވޭނެ އެއްޗެއް ކަމަށެވެ. އަދި މުއްދަތު ހަމަވެފައިވާ ޕާސްޕޯޓަކީ ބާތިލް އެއްޗެއް ކަމަށާއި އެފަދަ ޕާސްޕޯޓެއްގައި ފުރައިގެން ނުދެވޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ ޕާސްޕޯޓުތައް މުއްދަތު ހަމަވެފައި ވީ ނަމަވެސް، މި އަމުރުގެ މަގުސަދަކީ ޔާމީން ރާއްޖެ ދޫކޮށް ދިއުން މަނާކުރުން ކަމަށާއި، އެހެންކަމުން އަމުރު ނެރެދީފި ނަމަ އެ މަގުސަދު ހާސިލްވާނެ ކަމަށެވެ.

އޭގެ އިތުރުން، މި ބާވަތުގެ ހުރިހާ މައްސަލައެއްގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ހިފަހައްޓަން އެދިފައިވޭތޯ ވެސް ގާޒީ ސުވާލުކުރެއްވި އެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، މައްސަލަތަކުގެ ކުޑަ ބޮޑު މިނަށް ބަލައި، ގިނަ މައްސަލަތަކެއްގައި ޕާސްޕޯޓު ހިފަހައްޓަން އެދުނު ނަމަވެސް ހުރިހާ މައްސަލައެއްގައި އެފަދަ އަމުރަކަށް އެދިފައި ނުވާނެ ކަމަށެވެ.

ނިންމުން - ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ނެރުނު އަމުރުގައި ބުނީ:

  • ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އާންމު އުސޫލެއްގެ ދަށުން ބަލާއިރު، ޔާމީންގެ ޕާސްޕޯޓު ހިފަހައްޓަން ޖެހޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ބެލެވޭ ކަމަށް

  • ނަމަވެސް، ޔާމީން ފުރައިގެން ގޮސްފި ނަމަ ދައުވާ ކުރިއަށް ގެންދަން ހުރަސްއެޅިދާނެ ކަމަށް ބުނުން ފިޔަވައި، ޔާމީން ފިލައިގެން ދާން އުޅޭ ކަމަށް ލިބިފައިވާ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް 

  • ހިފަހައްޓަން އެދުނު ޕާސްޕޯޓުތަކަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓުތަކަކަށް ވާތީ، ވުޖޫދުގައި ނެތް އެއްޗެއް ހިފެހެއްޓޭނެ ގާނޫނީ ހުއްޖަތެއް ދައުލަތުން ބަޔާންކޮށްފައި ނުވާ ކަމަށް

  • ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނީ، ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް ކުރިއަށް ގެންދަން ޔާމީން ރާއްޖޭގައި ހުންނަން ޖެހޭކަން އެނގެން އޮތް ނަމަވެސް، ވުޖޫދުގައި ނެތް އެއްޗެއް ހިފަހައްޓާނެ ގޮތެއް ނެތް ކަމަށް

  • ޔާމީނަކީ ގަވާއިދުން ކޯޓަށް ހާޒިރުވާ ފަރާތެއްކަން

  • ޕާސްޕޯޓު އަލުން ހައްދައި ޔާމީން ފުރާވަޑައިގަންނަވަން އުޅުއްވާ ކަމުގެ އެއްވެސް ހެއްކެއް ލިބިއްޖެ ނަމަ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އަލުން އެދުމުގެ ފުރުސަތު ދައުލަތަށް އޮތް ކަމަށް

ގުޅުންހުރި ކަމެއް - ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރަކަށް އެދި ދައުލަތުން ހިފަހައްޓަން އެދުނީ ވެސް ކެންސަލް ކޮށްފައި އޮތް ޕާސްޕޯޓެކެވެ. ކެންސަލްކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ކޯޓުން އަމުރު ނެރެންޖެހޭނެ ސަބަބެއް ނެތް ކަމަށާއި، އަދި އެ އަމުރަކުން ނެރެވޭނެ ގާނޫނީ ނަތީޖާއެއް ނެތް ކަމަށް ހައި ކޯޓުން އޮތީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް