އަލީ ވަހީދު: އޭނާ މިހާރު ހުންނެވީ އިނގިރޭސިވިލާތުގައި. (ފައިލް ފޮޓޯ/ޓޫރިޒަމް މިނިސްޓްރީ)

އަލީ ވަހީދު

އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ދައުލަތުން ކުރީ "ކަމަކަށް ކަމެއް"

ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމާފައި ވަނީ، އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް
12 ސެޕްޓެމްބަރު 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު މައްސަލައިގައި ދައުލަތާއި ތަންފީޒީ އިދާރާތަކުން ކަން ކޮށްފައި ވަނީ އެއްވެސް ރަނގަޅު ނަތީޖާއެއް ހާސިލްކުރުމުގެ މަގުސަދުގައި ނޫން ކަމަށް ހައިކޯޓުން މިއަދު ބުނެފި އެވެ.

މައްސަލަ ފެށުނު ގޮތް - އަލީ ވަހީދާއި އިތުރު މީހަކު ބައިވެރިވެގެން ޓޫރިޒަމް މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުންނަށް އެކި ދުވަސްމަތިން ޖިންސީ އަނިޔާކޮށް ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކްރިމިނަލް ކޯޓުން އަލީ ވަހީދު ފުރުން މަނާކޮށް އަމުރެއް ނެރެފައިވަނިކޮށް ސިއްހީ ކަންތައްތަކާ ގުޅިގެން އަމުރު ނިމުމަކަށް ގެނެސް، ހަތަރު މަސްދުވަހަށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދިނީ މިދިޔަ ފެބުރުއަރީގަ އެވެ. 

ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވުމަށްފަހު ވެސް އޭނާ އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ. އެހެންވެ، ކޯޓުތަކުގައި ހިނގަމުން އަންނަ މައްސަލަތަކަށް ހުރަސް އެޅިދާނެތީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން ބުނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. ކްރިމިނަލް ކޯޓުން އެގޮތަށް ނިންމީ، އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަގުސަދެއް އޮތް ކަމަށް ނުފެންނަ ކަމަށް ބުނެ އެވެ. 

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. 

އެނގުން މުހިންމު -  އަލީ ވަހީދު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރީ 10 ފެބުރުއަރީގަ އެވެ. ނަމަވެސް، އޭނާ ރާއްޖެއިން ފުރީ 9 ފެބުރުއަރީގަ އެވެ. 

އަލީ ވަހީދު ދަތުރުކުރީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ނެތުމުންނެވެ. އަލީ ވަހީދު ދަތުރުކުރި އިރު އޭނާ ޕާސްޕޯޓު ހިފަހައްޓަން ކޯޓެއްގައި އެދިފައި އޮތްކަމެއް އެނގޭކަށް ނެތެވެ.

ހައިކޯޓުގެ ހުކުމް

ހިފެހެއްޓީ ކެންސަލް ކޮށްފައި އޮތް ޕާސްޕޯޓެއް

މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައި ބުނީ، އަލީ ވަހީދު ރާއްޖެއިން ފުރައިގެން ދިޔައީ އޭނާގެ އާންމު ޕާސްޕޯޓުގައި ކަމަށެވެ. އެހެން ނަމަވެސް ފުރުން މަނާކުރުމުގެ އަމުރުގައި އަލީ ވަހީދުގެ ޕާސްޕޯޓު ނަންބަރުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ އަލީ ވަހީދު މިނިސްޓަރުކަމުގައި ހުރިއިރު، އޭނާއަށް ދައުލަތުން ދޫކޮށްފައިވާ އަދި ފަހުން ކެންސަލްކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓުގެ ނަންބަރެވެ. އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ބާތިލުކުރީ 11 އޯގަސްޓް 2020 ގަ އެވެ. 

މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުﷲ ހަމީދުގެ ރައުޔުގައި ވިދާޅުވެފައި ވަނީ، ކެންސަލްކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފެހެއްޓުމުން އަލީ ވަހީދު ފުރުމަށް ހުރަސް ނޭޅޭ ކަމަށާއި، އަލީ ވަހީދު ފުރީ ވެސް އެ ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ ކުރިން ކަމަށެވެ.

"ވީމާ ދައުލަތުން މި މައްސަލަލައިގައި އެދިފައިވާ ގޮތަށް، ކެންސަލްކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ކޯޓުން އަމުރު ނެރެންޖެހޭނެ ސަބަބެއް ނެތެވެ. އަދި އެ އަމުރަކުން ނެރެވޭނެ ގާނޫނީ ނަތީޖާއެއް ވެސް ނެތެވެ،" ފަނޑިޔާރު ވިދާޅުވި އެވެ. 

ޕާސްޕޯޓު ހިފެހެއްޓޭ ވަރަށް ހެކި ހުރި

ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދޭން އެދޭ ނަމަ، ފުރިހަމަ ވާންޖެހޭ ތިން ކަމެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނެފައިވެ އެވެ. އެއީ:

  • ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މީހާ ކުށެއް ކޮށްފައިވާ ކަމަށް ނުވަތަ ކުށެއް ކުރަމުންދާ ކަމަށް ނުވަތަ ކުށެއް ކުރަންއުޅޭ ކަމުގެ ހެކި ލިބިފައިވުން

  • އޭނާ ރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމުގެ ހެކި ލިބިފައިވުން

  • އޭނާ ރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތުން

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އަލީ ވަހީދަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލިފައިވާ ކަމަށާއި، ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ ހެކީގެ މިންވަރަށް ވުރެ މަތީ ދަރަޖައަކަށް މި މައްސަލައިގައި ހެކި ލިބިފައިވާ ކަމަށެވެ. 

އޭގެ އިތުރުން، އަލީ ވަހީދަކީ ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލާފައިވާ އަދި މީގެކުރިން ވެސް ކޯޓާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ފިލައިގެން އުޅެފައިވާ މީހެކެވެ.

"އަލީ ވަހީދަކީ ހަމައެކަނި ފިލާފާނެ ކަމަށް ބެލެވޭ މީހެއް ނޫނެވެ. އަލީ ވަހީދަކީ މިހާރުވެސް ޝަރީއަތަށް ފިލާފައިވާ މީހެކެވެ. އަދި އަލީ ވަހީދުގެ މައްޗަށް ހުށަހެޅިފައިވާ ދައުވާތަކާ ކުރިމަތިލުމަށް އޭނާގެ ރުހުމުގައި ދިވެހިރާއްޖެއަށް އެނބުރި އައުމަށްވުރެ ނައުން ގާތްކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ." ހުކުމްގައިވެ އެވެ. 

ހައިކޯޓުން ބުނީ، އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފުރިހަމަވާންޖެހޭ ސަބަބުތައް ފުރިހަމަވާކަން އެނގެން އޮތް ނަމަވެސް، އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުން ބިނާކޮށްފައި ވަނީ ގާނޫނީ ސަބަބުތަކުގެ މައްޗަށް ނޫން ކަމަށެވެ. ކްރިމިނަލް ކޯޓުން އެގޮތަށް ނިންމާފައި ވަނީ، އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެތީ އެވެ. 

ދައުލަތުގެ ޒިންމާ އަދާކޮށްފައެއް ނެތް

ހައިކޯޓުން މިއަދު ބުނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގައި ދައުލަތާއި ތަންފީޒީ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތުން، ކަމަކަށް ކަމެއް ކުރީކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި ގާނޫނީގޮތުން އެފަރާތްތަކާ މަތިކޮށްފައިވާ ޒިންމާތައް އެދެވޭ ގޮތުގައި އަދާކޮށްފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. 

އެހެންކަމުން، ދައުލަތުން އެދިފައިވާ އަލީ ވަހީދުގެ ކެންސަލްކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރުމުން ހާސިލުވާނެ ނަތީޖާއެއް ނެތުމުން، އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ވަނީ ނިންމައިފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގައި ދައުލަތާއި އަދި ތަންފީޒީ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތުން، ކަމަކަށް ކަމެއް ކުރީކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.

ހައިކޯޓުގެ ހުކުމް

ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ނަމުގައި ދައުލަތުން ކޯޓުތަކަށް ހުށަހަޅައިގެން ކުރަމުންގެންދާ މަސައްކަތަކީ ސީރިއަސް ނަތީޖާއެއް ނެރުމުގެ މަގުސަދެއްގައި ކުރަމުންދާ ކަމެއް ކަމަށް ބުރަވެވެން ނެތް ކަމަށެވެ. އަދި އަލީ ވަހީދަކީ ފިލައިގެން ދިޔަ މީހެއް ކަމަށް ބުރަވެވެން ނެތްކަމަށް ވެސް ފަނޑިޔާރުގެ ރައުޔުގައިވެ އެވެ.

"ސަބަބަކީ އަލީ ވަހީދު ދަތުރުކުރީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ނެތުމުންނެވެ. އަލީ ވަހީދު ދަތުރުކުރި އިރު އޭނާ ޕާސްޕޯޓު ހިފަހައްޓަން ކޯޓެއްގައި އެދިފައި އޮތްކަމެއް އެނގޭކަށް ނެތެވެ،" ފަނޑިޔާރު ވިދާޅުވި އެވެ. 

ޖާމިނުވި މީހާއަށް ފިޔަވަޅު އެޅުން މާ ހަމަޖެހޭ

އަލީ ވަހީދު ރާއްޖެއިން ފުރައިގެން ދިއުމުން އޭނާ ކޯޓަށް ހާޒިރުކޮށްދޭނެ ކަމުގެ ޔަގީންކަންދީ އެކަމަށް ޖާމިނުވީ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އެވެ. ނަމަވެސް އަލީ ވަހީދު ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވެ، އެއްވެސް ޝަރީއަތަކަށް އޭނާ ހާޒިރުވެފައެއް ނުވެ އެވެ.

ޖާމިނުވި މީހާގެ ހައިސިއްޔަތުން އައްސަދު އަލީއަށް ވެސް ފިޔަވަޅެއް އެޅެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ. އެ ނިންމުން މިއަދާ ހަމައަށް ވެސް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެއް ނުވެ އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ، ޖާމީނުވުމަކީ ގާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އެކުލެވޭ، ސީރިއަސް ގާނޫނީ ނަތީޖާތަކެއް ހާސިލުކޮށްދޭނެ ޖާމިނުވުމެއް ކަމަށެވެ.

އެފަދަ ޖާމިނުވުމެއްގެ ގާނޫނީ ސީރިއަސް ނަތީޖާއާ ކުރިމަތިލާން ނުޖެހޭކަން ދޭހަވާ ގޮތަށް ދައުލަތުން އަމަލުކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ، ގާނޫނުގައި ބަޔާންކުރާ ޖާމިނުވުމަކީ ކުޅިވަރަކަށްވެ، ޖާމިނުވާ މީހާއަށް އޭނާ ބޭނުންހާ ކުޅިވަރެއް ކުޅުމަށް މިނިވަންކަމާއެކު އުޅެވުން ކަމަށް ކޯޓުން ބުންޏެވެ.

"ވީމާ، ޕްރޮސެކިއުޝަނުން ބަޔާންކުރާ ފަދައިން މިހާރު ފިލައިގެން ގޮސް ރާއްޖެއިން ބޭރުގައި ހުރި މީހަކު އަލުން އިތުރަށް ފިލައިފާނެ ކަމަށް ދެކިގެން، އޭނާއަށް ދޫކުރުމަށް ފަހު މިހާރު ބާތިލްކޮށްފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމަށް އެދުމަށްވުރެ، ކްރިމިނަލް ކޯޓަށް އަލީ ވަހީދު ހާޒިރުކުރާނެ ކަމަށް ދީފައިވާ ޔަގީންކަން ތަންފީޒުކުރަން ފިޔަވަޅު އެޅުން ގާނޫނީ އަދި ބުއްދީގެ ހަމައިން ވެސް ހަމަޖެހޭ ކަމަށް ދެކެމެވެ،" ހުކުމްގައިވެ އެވެ.

ފަނޑިޔާރު އަލީ ސަމީރުގެ ރައުޔު ތަފާތު

މި މައްސަލައިގައި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ފުލުހުން ހުށަހަޅާފައިވާ ފޯމުގައި، ބާތިލުކޮށްފައިވާ ޕާސްޕޯޓު ނަންބަރެއް އޮތުމަކީ، އޭނާގެ އެހެން ޕާސްޕޯޓެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ހިފެހެއްޓުމުގެ އަމުރެއް ހައިކޯޓުން ނެރެނުދޭންވީ ސަބަބެއް ނޫން ކަމަށެވެ.

އަލީ ވަހީދަށް ދޫކޮށްފައިވާ ޓްރެވަލް ޑޮކިއުމަންޓް ހިފަހައްޓަން ބޭނުންކަމަށް ފުލުހުން ބުނެފައިވާތީ، އޭގެން ހާސިލުކުރަން ބޭނުންވާ ނަތީޖާއަކީ އޭނާ ރާއްޖޭން ބޭރުގައި ދަތުރުފަތުރުކުރުން ހުއްޓުވައި އަނބުރާ ރާއްޖެ ގެނައުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން، ހައިކޯޓުން އެފަދަ އަމުރެއް ނެރެދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ހުކުމް ކުރެއްވީ، އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް