ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމުގެ އުފަލުގައި މާލޭގެ ކާނިވާ ސަރަހައްދުގައި 3 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަދީބު ފިލި، ޔާމީން ވެސް ފިލާފާނެ: ދައުލަތް

ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭ މައްސަލައިގައި މިއަދު ހަވީރު އިތުރު އަޑުއެހުމެއް ބާއްވާނެ
6 ޑިސެމްބަރު 2021
1

މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ތުހުމަތު އަދިވެސް ކުރެވޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިއްލަވާފާނެ ކަމުގެ ހެކި ލިބިފައިވާ ކަމަށް ބުނެ އެ މަނިކުފާނު ފުރުން މަނާކުރުމުގެ އަމުރަކަށް ދައުލަތުން އެދުނީ، އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވެސް ފިއްލަވާފައިވާތީ ކަމަށް ދައުލަތުން މިއަދު ކޯޓުގައި ބުނެފި އެވެ.

އެނގުން މުހިއްމު - އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު 1 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑަކުރިކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ މިިދިޔަ މަހުގެ 30ގައި ބާތިލް ކޮށްފަ އެވެ. އެއާ އެކު ދެ އަހަރާއި ދެ ދުވަސް ފަހުން ޔާމީން ވަނީ ބަންދުން ދޫވެފަ އެވެ.  

ވީ ކިހިނެއް؟ - ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ޝަރީއަތް އެއްކޮށް ނިމެންދެން، ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ދައުލަތުން ވަނީ އެދިފަ އެވެ. 

އެކަމާ ގުޅިގެން ދެ ފަރާތުން ވާހަކަދެއްކުމަށް މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ.

'ބޭރުގައި އުޅުމުގެ އެހީތެރިކަމާއި ތަނަވަސްކަން ޔާމީންގެ އެބަހުރި'

ބުނީ ކީކޭ؟ - ދައުލަތުގެ ވަކީލު އާމިނަތު ޝާމާ ނަސީރު ވިދާޅުވީ ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ދައުލަތުން އެދުނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ރ) ގައި ބުނާ ކަންކަން ފުރިހަމަވާތީ ކަމަށެވެ. އެ މާއްދާގައި ބުނާ ކަންތައްތަކީ:

  • 1-

    ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މީހާ ކުށެއް ކޮށްފައިވާ ކަމަށް، ކުށެއް ކުރަމުންދާ ކަމަށް ނުވަތަ ކުށެއް ކުރަން އުޅޭ ކަމުގެ ހެކި ލިބިފައިވުން

  • 2-

    އޭނާ ރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅޭ ކަމުގެ ހެކި ލިބިފައިވުން

  • 3-

    އޭނާ ރާއްޖޭގައި މަޑުކުރުވަން ޖެހޭ ސަބަބެއް އޮތުން

ޔާމީން ފިއްލަވާފާނެ ކަމުގެ ހެކި ލިބިފައިވާ ކަމަށް، ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާ ހަވާލާދެއްވައި، ވަކީލު ވިދާޅުވި ސަބަބުތަކަކީ:

  • އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލަވާފައިވާތީ

  • ޔާމީންގެ ކިބައިގައި ރާއްޖޭން ފިލައިގެން ބޭރުގައި އުޅުއްވުމުގެ އެހީތެރިކަމާއި މާލީ ތަނަވަސްކަން ހުރުން

  • މީގެ ކުރިން ރައީސްކަން ކުރައްވާފައި ވާތީ "ކަނެކްޝަންސް" ހުންނާނެތީ 

  •  ޔާމީން ފިއްލަވައިފި ނަމަ އަނބުރާ ރާއްޖެ ގެންނަން ގޮންޖެހުންތައް ކުރިމަތިވާނެތީ

"މި ސަބަބުތައް މިހެން ހުރުމުން ދައުލަތުން އެދެނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް،" ވަކީލް ވިދާޅުވި އެވެ.

އަޅުގަނޑުގެ ހިޔާލަކު މިހާތަނަށް އަޅުގަނޑު ފިލައިގެން ދާކަށް ކޮށްފައި އޮތް އެއްވެސް މަސައްކަތެއް ނޯންނާނެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

'ދިރާސާކުރަން ވަގުތު ބޭނުންވޭ'

ދައުލަތުގެ ވާހަކަތަކާ ގުޅިގެން ޔާމީންގެ ދިފާއީ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ ޕާސްޕޯޓު ހިފެހެއްޓުމަށް އެދި ދައުލަތުން ހުށަހެޅި ފޯމުގެ ކޮޕީ ލިބުނީ ޝަރީއަތަށް ހާޒިރުވުމުން ކަމަށާއި، އެހެންކަމުން މައްސަލަ ދިރާސާކުރަން ވަގުތު ބޭނުންވާނެ ކަމަށެވެ.

ނަމަވެސް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަހްމަދު ޝަކީލް ވިދާޅުވީ ފޯމުގައި ހުރީ ދައުލަތުގެ ވަކީލު ކޯޓުގައި ދެއްކެވި ވާހަކަތައް ކަމަށެވެ. އެ ފޯމު ދިރާސާކުރަން ބޭނުންވަނީ ކިހާ ވަގުތެއްތޯ ގާޒީ ސާފުކުރެއްވި އެވެ.

ޔާމީންގެ ދިފާއީ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ދައުލަތުން ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކާ ހަވާލާދީފައި ވާތީ، ވަގުތުން ވަގުތަށް އެއަށް ޖަވާބުދާރީވާން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި މައްސަލައިގައި ޖަވާބުދާރީވާން ދެ ހަފްތާ ދެއްވުމަށް އެދިވަޑައިގަތެވެ.

ދައުލަތުން އެދެނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް.

ދައުލަތުގެ ވަކީލު

ގާޒީގެ ބަސް - ނަމަވެސް ގާޒީ ވިދާޅުވީ ފޯމުގައި ހުރި ކަންތައްތަކަށާއި، ހަވާލާދީފައިވާ ގަޒިއްޔާތަކަށް ބަލާއިރު، ދެ ހަފްތާއަކީ އެކަށީގެންވާ ވަރަށް ވުރެ ދިގު މުއްދަތެއް ކަމަށެވެ. އެހެންކަމުން އެ މުއްދަތު ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓަން އެދެނީ އަލަށް ނޫން ކަމަށެވެ. މީގެ ކުރިން ވެސް ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެފައި އޮތްކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ މިއަދުގެ އަޑުއެހުން ބާއްވަނީ އެ އަމުރުގެ މުއްދަތު ހަމަވާތީ ކަމަށެވެ.

ހަމަ އެއާ އެކު، މިއަދުގެ އަޑުއެހުމުގައި އޮތީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރާ ގުޅިގެން ވާހަކަދެއްކުންކަން ކުރިން އިއުލާނުކޮށްފައިވާ ކަމަށާއި، އެހެންކަމުން ދިފާއުން ކޯޓަށް ހާޒިރުވާން ޖެހޭނީ އެކަމަށް ތައްޔާރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ފިލުމުގެ އިލްޒާމް އަޅުވައިގެން ނުވާނެ: ޔާމީން

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވީ ޔާމީނެވެ. ޔާމީން ވިދާޅުވީ އެ މަނިކުފާނު ފިއްލަވަން އުޅުއްވާކަމުގެ ހެކި ލިބިފައިވާކަމަށް ދައުލަތުން ބުނާއިރު، އެއީ "ކޮށްގެން ނުވާނެ ކަހަލަ އިލްޒާމެއް" ކަމަށެވެ.

"އަޅުގަނޑުގެ ހިޔާލަކު މިހާތަނަށް އަޅުގަނޑު ފިލައިގެން ދާކަށް ކޮށްފައި އޮތް އެއްވެސް މަސައްކަތެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ފުލުހުންނަށް ލިބިގެން އުޅޭ ހެއްކަކީ ކޮބައިތޯ އާއި އެ ހެކި އުފެދުނު ގޮތަކީ ކޮބައިކަން ދިރާސާކުރައްވަން އެ މަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު ގާޒީ ޝަކީލް ވިދާޅުވީ:

  • ޔާމީންގެ ޕާސްޕޯޓުގެ ހިފެހެއްޓުމާ ގުޅޭ ގޮތުން މިއަދު ހަވީރު 4ގައި އަޑުއެހުމެއް ބާއްވާނެ ކަމަށް 

  • އެ އަޑުއެހުމަށް ވަޑައިގަންނަވާއިރު، ފޯމު ދިރާސާކޮށް ތައްޔާރުވެގެން ވަޑައިގަތުމަށް އެންގެވި

ގުޅުން ހުރި ކަމެއް - ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ ކުރީ އެރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ، ކްރިކް ރިޒާ (ކުރިކީލަ ރިޒާ) މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި އެ ފައިސާ ސަން ކޮންސްޓްރަކްޝަން އާއި ސަން އިންވެސްޓްމަންޓްސް މެދުވެރިކޮށް މަނީ ލޯންޑާކުރި މައްސަލައިގެ ތުހުމަތުގަ އެވެ.

ކްރިކް ރިޒާއަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރު 1ގައި އޮންނާނެ އެވެ. 

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

ލޮޖިކް

6 ޑިސެމްބަރު 2021
މީ ކޮންކަހަލަ ލޮޖިކެއް. ޑިޑަކްޓިވް އުސޫލެއްބާ؟ މިކަހަލަ ތާކުނުޖެހޭ ރީޒަނިންދޭތީ މައްސަލައަކީ. ކާކު މިއަށް ރަގަޅު އީކްއޭޝަނެއް ލިޔެދޭނީ.!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް