ކުރީގެ ރައީސް ޔާމީންގެ ވަކީލުންގެ ޓީމު ސުޕްރީމް ކޯޓު ބޭރުގައި. (ދައުރު ފޮޓޯ/ މުހައްމަދު އަނަމް)
ޔާމީންގެ ވަކީލުން: ފްރޭމްކުރުމާއި ބިރު ދެއްކުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތު ސަރުކާރަށް
ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިހާރު ހިނގަމުންދާ ވ. އާރަށް މައްސަލައިގައި ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން އެ މަނިކުފާނު ފްރޭމްކޮށް، ފަނޑިޔާރުންނަށް ބިރުދައްކައިގެން މައްސަލައަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ތުހުމަތުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީން ވ. އާރަށް ދޫކުރަން ރިޝްވަތު ނެންގެވި މައްސަލައިގައި ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް ނިމި، މައްސަލަ އޮތީ ހުކުމް ކުރުމާ ހަމައިގަ އެވެ.
-
އިތުރަށް ކިޔާލަން - އާރަށު މައްސަލައިގައި ހުކުމް ކުރުން އަންނަ މަހުގެ 30ގެ ކުރިން
ނަމަވެސް، ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި ހުރި މުއައްސަސާތައް ބޭނުންކޮށްގެން ސަރުކާރުން ކުރަމުންދާ ކަންކަމާ ގުޅިގެން އާރަށް މައްސަލައިގައި ޔާމީންއަށް އިންސާފުވެރި ހުކުމެއް ލިބިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ޔާމީންގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
ތަފްސީލް - ޔާމީނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މަނިކުފާނުގެ ވަކީލުން ވިދާޅުވީ ޔާމީންގެ މައްސަލަތަކުގައި ސަރުކާރުން ފުލުހުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބޭނުންކޮށްގެން، އެކި ގޮތް ގޮތުން މައްސަލައަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
"[އާރަށް] މައްސަލައަކީ އެއީ ދައުލަތުން އަހުމަދު އަދީބު އަބްދުލްގަފޫރާ އަދި އަބްދުﷲ ޒިޔަތު ބޭނުންކޮށްގެން ވަކި ސްކްރީން ޕްލޭއަކަށް ތައްޔާރުކޮށްގެން [ސަރުކާރުން] ބޭނުންވާ ސީންތަކެއް ސެޓްކޮށްގެން ކުރަމުންދާ ދައުވާތަކެއް" ޔާމީނާ ދެކޮޅަށް ހެކި އުފައްދާފައިވާ ކަމަށް ކުރާ ތުހުމަތުތައް ތަކުރާރުކުރައްވަމުން، ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވި އެވެ.
-
އިތުރަށް ކިޔާލަން - ޔާމީންގެ ވަކީލުން ބުނަނީ ދައުލަތުން ހެކި އުފެއްދި ކަމަށް
ސަރުކާރުން ނުފޫޒު ފޯރުވަން ކުރަމުންދާ ކަންކަން 'ތިލަކޮށްދެއްވަމުން' ޔާމީންގެ ވަކީލު އަލީ ޝާހު ވަނީ، އެމްއެމްޕީއާރުސީ މައްސަލައިގައި ޔާމީން ފްރޭމްކުރަން ފުލުހުންގެ އިސް ވެރިން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެކަން ހެކިކޮށްދޭ އޯޑިއޯތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުލުހުންގެ އިސް ވެރިންގެ ގޮތުގައި ތިއްބެވި ބައެއް ފަރާތްތަކުން، ބައެއް ހަސްމުންނަށް ވަކި ގޮތަކަށް ބަޔާން ދިނުމަށް އެންގުމާ، އަދި ވަކި ގޮތަކަށް ރައީސް ޔާމީން ފްރޭމްކުރުމަށްޓަކައި ކަންކަން ކުރުމަށާއި އަދި އެގޮތަށް ބަޔާން ދީފި ކަމަށްވާ ނަމަ އެ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ބުނެ، މިފަދަ ކަންކަން ހިންގާފައި އެބަހުރި،" ޕީޖީ އާއި ފުލުހުން ގާނޫނާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރައްވަމުން ޝާހު ވިދާޅުވި އެވެ.
މި އޯޑިއޯތަކާ ގުޅޭ ގޮތުން އިތުރަށް ސުވާލުކުރުމުން، އެއީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހައްމަދު ރިޔާޒުގެ އޯޑިއޯއެއް ކަމަށް، އިތުރު ތަފްސީލެއް ދެއްވުމެއް ނެތި އޭނާ ވިދާޅުވިި އެވެ.
އޭގެ އިތުރުން، އެމްއެމްޕީއާރްސީ މައްސަލައިގައި ހަމައެކަނި ޔާމީންގެ މައްޗަށް ޝަރީއަތް ހިންގާތީ، އެ ކަމުން ވެސް މި މައްސަލައިގައި ސަރުކާރުގެ ނުފޫޒު އޮތްކަން ހާމަވާ ކަމަށް ޝާހު ވިދާޅުވި އެވެ. މިކަން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލައަށް އެކަނި ބަލާލުމުން ވެސް އެނގޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ހިޔާނާތުގެ ދިގު ލިސްޓުގައި މިހާރުުގެ ސަރުކާރާއި މަޖިލިސް މެމްބަރުން ވެސް ހިމެނޭއިރު، އެ މައްސަލަތައް ކުރިއަށް ނުދަނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
-
އިތުރަށް ކިޔާލަން - ރައީސްއާއެކު ހުންނެވި މަހުލޫފުގެ ޝަރީއަތް ކެންސަލްކޮށްފި
އާރަށް މައްސަލައަށް ޖޭއެސްސީގެ ނުފޫޒު އެބައޮތްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން، ސީދާ އެ މައްސަލައަށް ނުފޫޒު އޮތް ކަމަކަށް ވަކީލުން ވިދާޅެއް ނުވެ އެވެ. ނަމަވެސް، މާޒީގައި ކަން ހިނގާފައިވާ ގޮތާއި ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަލާއިރު ޔާމީންގެ މައްސަލަތަކުގައި ޖޭއެސްސީން ނުފޫޒު ފޯރުވާކަން "ބުއްދިވެރި އަދި ސަބަބުވެރި އިންސާނަކަށް" އެނގޭނެ ކަމަށް ޝާހު ވިދާޅުވި އެވެ.
"[ޖޭއެސްސީގައި] ތިބި ގިނަ މީހުންނަކީ އަދުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި، އަދި އަދުގެ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކަނޑައަޅާފައި ތިބި ފަރާތްތައް. ރައްޔިތުންގެ މަޖިލިހުން ކަނޑައަޅުވާފައި ހުންނަ މެމްބަރަށް ވިޔަސް، ދައުލަތުގެ ބަންޑާރަ ނައިބަށް ވިޔަސް، ސީއެސްސީގެ ރައީސް ވިޔަސް، އެއީ ހަގީީގަތުގައި މިނިވަން މުސްތަގިއްލު ފަރާތްތަކެއް ނޫން،" ޖޭއެސްސީއަކީ މިނިވަން މުސްތަގިއްލު ތަނެއް ނޫން ކަމަށް ވިދާޅުވާ ސަބަބު ބަޔާންކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީން ސީދާ އާރަށް މައްސަލައިގައި ފިޔަވަޅެއް ނޭޅި ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ބަލަމުންދާ މައްސަލައަކީ އެ މައްސަލައަށް ނުފޫޒު ފޯރުވަން ކުރާ ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ. މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުން ދަނީ ކުރިން ޔާމީންގެ މައްޗަށް ދައުވާކުރި ގއ. ވޮޑަމުލާ މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުން އިއްވި ދުވަހު ގެނައި 'ފަރީއްކޮޅެއްގެ' މައްސަލަ އެވެ.
-
އިތުރަށް ކިޔާލަން - ޔާމީނާ ގާތް މީހަކު ދިން ކެއުމެއްގެ ތުހުމަތު؛ 'ގަތީ އަމިއްލައަށް'
ކޮމެންޓް (1)
އެނީ