މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ 4 ނޮވެމްބަރު 2019ގައި ކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ޔާމީނުގެ ގާތް މީހަކު ފަރިއްކޮޅު ދިންކަމުގެ ތުހުމަތު؛ މަހާޒު ވިދާޅުވަނީ ހަރަދުކުރީ އަމިއްލައަށް ކަމަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ކޮށްފައިވާ ހުކުމް ބާތިލުކުރި ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެއް ބަލަން ނިންމީ ހުކުމް ކުރި ދުވަހުގެ މެންދުރުގެ ފަރިއްކޮޅު ފޮނުވީ ޔާމީނާ ގުޅުން އޮންނަ ފަރާތަކުން ކަމަށް ތުހުމަތުކުރެވޭތީ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މަހާޒް ވަނީ އޭނާގެ ސުލޫކީ މައްސަލައެއް ބަލަން އުޅޭކަމުގެ ހަބަރެއް ލިބިވަޑައިގެންފައި ވާކަން، ފަނޑިޔާރުން ތިއްބަވާ ވައިބާ ގްރޫޕަކަށް މިއަދު ފޮނުއްވި މެސެެޖެއްގައި ވިދާޅުވެފަ އެވެ. އޭރު ޖޭއެސްސީން އެކަން ހާމަކޮށްފައި ނުވި ނަމަވެސް، އެ ކޮމިޝަނުން ފަހުން ވަނީ އެކަން ޔަގީންކޮށްދިނުމަށް ބަޔާނެއް ނެރެފަ އެވެ.
ޖޭސްސީގެ ބަސް - ފަނޑިޔާރުންގެ ކަންކަން ބަލަހައްޓާ ކޮމިޝަނުން ބުނީ، ސުޕްރީމް ކޯޓުން ބެލި އިސްތިއުނާފަކާ މެދު އެ ކޯޓުން ހުކުމްކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ މީހަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރިއްކޮޅު، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވެވަޑައިގެންނެވި މަހާޒް ހަވާލުވެވަޑައިގެންފައިވާ ކަމަށް ބުނާ މައްސަލައެއް ބަލަން އިއްޔެ އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
"... އެ މައްސަލައިގެ ތަހުގީގު ކޮމިޓީ އެކުލަވާލާފައިވެ،" ބަޔާނުގައިވެ އެވެ.
ނަމަވެސް، އެ މައްސަލަ ބަލަނީ އެ ކޮމިޝަނުން އަމިއްލައަށް އިސް ނަގައިގެން ނުވަތަ މީހަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކަމެއް ނުބުނެ އެވެ.
'ހަރަދުކުރީ އަމިއްލައަށް؛ ހުރިހާ ފަނޑިޔާރުން ވެސް ކެއުމުގައި ބައިވެރިވި'
ބަޔާން ހިމަނުއްވައި، ޖޭއެސްސީން ކޮށްފައިވާ ޓުވީޓް ރީޓުވީޓްކުރައްވަމުން އާންމުކުރެއްވި ބަޔާނެއްގައި މަހާޒް ފުރަތަމަ ވެސް އެދިވަޑައިގަތީ ސުލޫކީ މައްސަލައިގެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށެވެ. އޭގެ ފަހުން އޭނާ ވިދާޅުވީ:
-
1-
ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ދިގުލައިގެން ދާތީ، އެ މައްސަލަ އޮތް ކޮންމެ ދުވަހަކު، މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރަކު އަނެއް ދެ ފަނޑިޔާރުން ހިމެނޭ ގޮތަށް މެންދުރުގެ ފަރިއްކޮޅު ގެންނެވި
-
2-
އެ ކަމަށް ހަރަދުކުރީ އަމިއްލައަށް
-
3-
އެ ތަރުތީބުން ފަރިއްކޮޅު ގެންނަމުން އައިސް، ހުކުމް އިއްވި ދުވަސް ކަމަށްވާ މިދިޔަ އަހަރުގެ ނޮވެމްބަރު 30ގައި އިއްތިފާގަކުން ޖެހުނީ އޭނާއަށް
-
4-
އެ ދުވަހު ތަނަކަށް އޯޑަރުކޮށްގެން، އަމިއްލަ ހަރަދުގައި ފަރިއްކޮޅު ގެނައީ އޭނާ؛ އެއީ ރިސެސްގެ ކުރިން ހުރިހާ ފަނޑިޔާރުން ކޯޓުން ދިމާވާނެ ފަހު ދުވަސް ކަމަށް ވާތީ، އެ ދުވަހުގެ ފަރިއްކޮޅަށް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ދައުވަތު ދެއްވި
-
5-
އެ ފަރިއްކޮޅުގައި ކޯޓުގެ ހުރިހާ ފަނޑިޔާރުން ވެސް ބައިވެރިވެވަޑައިގެންނެވި
-
6-
ފަރިއްކޮޅު ގެނައި ތަން ހުރިހާ ފަނޑިޔާރުންނަށް ވެސް އެނގޭނެ
-
7-
މާދަމާ ޝަރީއަތް އޮންނަ ނަމަ، ފަރިއްކޮޅު ހިމެނޭހެން އެ ޝަރީއަތުގެ ހުރިހާ އިންތިޒާމުތަކެއް އޮންނަނީ އޭގެ ކުރީ ރޭ ދުރާލައި ނިންމާފައި؛ އެއީ ސިއްރުން ކުރާ ކަމެއް ނޫން
"ކާއެއްޗެހި ގެނައީ އަމިއްލައަށް ހަރަދުކޮށްފައި. ފައިސާ ދެއްކި ސްލިޕު ވެސް އެބައޮތް. ހިލޭ ނުވަތަ ނުއަގުގައި ގެނައި އެއްޗެއް ވެސް ނޫން. އަދި ވަކި ހާއްސަ އެއްޗެއް ގެނައީކީ ވެސް ނޫން،" މަހާޒް ވިދާޅުވެފައިވެ އެވެ.
"އަމިއްލައަށް އޯޑަރު ދިނީމާ، އޯޑަރު ދިން ތަނުން ގުޅާނީ އަޅުގަނޑަށް ވާތީވެ، އިދާރީ ކުއްޖަކަށް، ކާއެއްޗެހި ގެނެސްދޭނެ ފަރާތުގެ ނަންބަރު ދިނިން. މިއީ ކަން ހިނގައިދިޔަ ގޮތް."
އެނގުން މުހިންމު - ޑްރަގް ކޯޓުގައި ހުންނަވަނިކޮށް، 2019 އަހަރު ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރި އިރު އެ ކޯޓަށް އައްޔަންކުރި މަހާޒަކީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައި އޮތް ފަސް އަހަރުގެ ޖަލު ހުކުމް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބާތިލްކުރި ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގައި އިއްވި ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފާޑުވިދާޅުވެ، އެ މަނިކުފާނު މިނިވަންކޮށް ހުންނަވައި ކުރިއަށްގެންދަވާ 'އިންޑިއާ އައުޓް' ކެމްޕޭނު ނުހުއްޓުވައިފި ނަމަ ފަނޑިޔާރުން ވަކިކުރާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ކުރިން ދެއްވާފަ އެވެ.
ގުޅުން ހުރި ކަމެއް - ޔާމީންގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އިއްޔެ ވަނީ ނިންމާލާފަ އެވެ. އެ މައްސަލައިގެ ހުކުމް މި މަހުގެ 30ގެ ކުރިން އިއްވާނެ އެވެ.
ކޮމެންޓް (2)
ހާލުގެ ދުލުން
އަސްތާ