އާރަށް މައްސަލައިގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއް (ފޮޓޯ/ކްރިމިނަލް ކޯޓު)

އާރަށު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި؛ ހުކުމް ކުރުން އަންނަ މަހުގެ 30ގެ ކުރިން

ޖިނާއި އިޖުރާއަތުގެ ގަވާއިދުގެ ދަށުން، މައްސަލައިގެ އަޑުއެހުންތައް ނިންމާލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހޭ
30 ނޮވެމްބަރު 2022

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ދޫކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލިހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - އާރަށް މައްސަލައިގައި ޔާމީން އާއި ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން، ދައުލަތާއި ދައުވާ ލިބޭ ފަރާތްތަކުން ހުލާސާ ބަޔާން އިއްވައި ނިމުމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގައި އޮންނަ ގޮތުގެ މަތިން ހުކުމް ކުރައްވާނެ ކަމަށެވެ. މި މައްސަލައިގައި:

  • ޔާމީނަށް ކުރަނީ ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިން ދައުވާ

  • ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ

އެނގުން މުހިންމު - ހުކުމް ކުރުމުގެ މަޖިލިސް ބޭއްވުމާ ގުޅޭ ގޮތުން ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ވަނީ، މައްސަލައިގެ އަޑުއެހުންތައް ނިންމާލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ވާނެ ކަމަށެވެ. އެހެންކަމުން އަންނަ މަހުގެ 30ގެ ކުރިން މި މަޖިލިސް ބާއްވަން ޖެހޭނެ އެވެ.

ހއ. އިހަވަންދޫގައި ބޭއްވި އިދިކޮޅުގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ (ފޮޓޯ/ޕީޕީއެމް)

ތަފްސީލް - އާރަށް މައްސަލައިގައި ޔާމީން އާއި ނައީމްގެ މައްޗަށް ދައުވާ ކުރަން ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު 24ގަ އެވެ. އޭރުން ފެށިގެން މިއަދާ ހަމައަށް މި މައްސަލައިގައި ގާތްގަނޑަކަށް 60 ގަޑިއިރުގެ އަޑުއެހުންތައް ބޭއްވިފައިވާ ކަމަށް، އަޑުއެހުންތައް ނިންމަވާލަައްވަމުން ގާޒީ ޝަކީލް ފާހަގަކުރެއްވި އެވެ.

މި އަޑުއެހުންތަކުގައި ދައުލަތާއި ދިފާއުން ވެސް ވަނީ ހެކިން ހުށަހަޅައި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ސާބިތުކޮށްދޭން މަސައްކަތް ކޮށްފަ އެވެ. 

ދައުލަތުން ހެކި ހުށަހެޅީ ނައީމު ހިއްސާވާ ޓޫޖީ ކުންފުންޏަށް އާރަށް ދިނީ ޔާމީން އަންގައިގެން ކަން ސާބިތުކުރުމަށާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާ ކުރި ކަމަށެވެ. ދިފާއުގައި ޔާމީން އާއި ނައީމްގެ ފަރާތުން ހެކި ހުށަހެޅީ ޔާމީން އާއި ނައީމްއާ ދޭތެރޭގައި ހިނގައި ދިޔައީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށެވެ.

ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް މަޖިލީހުގެ ޖަލްސާއެއްގައި (ފައިލް ފޮޓޯ/ މަޖިލީހުގެ އިދާރާ)

މި މައްސަލައިގައި ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ ޔާމީން އާއި ނައީމްގެ މައްޗަށް މައްސަލަ ސާބިތުވެއްޖެ ނަމަ އަންނަ ޖަލު ހުކުމުގެ އިތުރުން، ނައީމް ޔާމީންއަށް ދިން 1 މިލިއަން ޑޮލަރުގެ ޗެކުން އިންވެސްޓުކުރި ފައިސާ އާއި އިންވެސްޓުމަންޓުގެ ފައިދާ ވެސް ނަގައިދޭން އެދިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް