މަޖިލިސް ޖަލްސާއެއްގައި މެދު ހެންވޭރު ދާއިރާ މެންބަރު އަލީ އާޒިމް (ފޮޓޯ/ މަޖިލިސް)

ޔާމީން ޖަލަށް ނުލައިފި ނަމަ ފަނޑިޔާރުން ވަކިކުރާނެކަމުގެ އިންޒާރު އާޒިމް ދެއްވައިފި

ޔާމީން މިނިވަންކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމަށް އާޒިމް ވަރަށް ބޮޑަށް ފާޑުވިދާޅުވި
7 ފެބްރުއަރީ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގައި އިއްވި ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފާޑުވިދާޅުވެ، އެ މަނިކުފާނު މިނިވަންކޮށް ހުންނަވައި ކުރިއަށްގެންދަވާ 'އިންޑިއާ އައުޓް' ކެމްޕޭނު ނުހުއްޓުވައިފި ނަމަ ފަނޑިޔާރުން ވަކިކުރާނެ ކަމުގެ އިންޒާރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް މިއަދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު 1 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑަކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރީ މިދިޔަ ނޮވެމްބަރު 30ގަ އެވެ.

ޖަލުން މިނިވަންވެވަޑައިގަތުމާ އެކު، ޔާމީން ވަނީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފަ އެވެ. އެގޮތުން، އިދިކޮޅުން މިހާރު ކުރިއަށްގެންދާ އެންމެ ބޮޑު ހަރަކާތް ކަމަށްވާ 'އިންޑިއާ އައުޓް' ކެމްޕޭނު ވެސް ލީޑުކުރައްވަނީ ޔާމީން އެވެ.

އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗު ބަދަލުކޮށް، މިހާރު ތިއްބެވި ފަނޑިޔާރުން އެ ކޯޓަށް އައްޔަންކުރީ މި ސަރުކާރުންނެވެ.

ފަނޑިޔާރުން އެކަން ނުކޮށްފިއްޔާމުން (ޔާމީން ޖަލަށް ނުލައިފި ނަމަ) އަޅުގަނޑުމެން މި ތިބީ، އަޅުގަނޑުމެން ވަކިކުރަން ޖެހުނު ކޮންމެ ބައެއް ވަކިކުރަން ނުކުމެ ތައްޔާރަށް.

އަލީ އާޒިމް / އެމްޑީޕީ ޕީޖީ ލީޑަރު

ބުނީ ކީކޭ؟ - ސަރުކާރުގެ ފަރާތުން، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުالله ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން އާޒިމް ވިދާޅުވީ ޔާމީންގެ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ "އަޖައިބުވާ ކަހަލަ ހުކުމެއް" ކަމަށެވެ.  

އާޒިމް ވިދާޅުވީ "ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ" ޔާމީންގެ އެކައުންޓުގައި ހުރި ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން އިއްތިފާގުވެވަޑައިގަންނަވާ ކަމަށެވެ.

އެނގުން މުހިންމު - ޗެކް ނަމްބަރެއް ދިމާނުވާތީ، އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަމާ މެދު ޝައްކު އުފެދޭ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. ނަމަވެސް، ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރުގެ ހަގީގަތް ބަލައި އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ އެއްޗެއް ނަމަ އެ ފައިސާ އާއި އެ ފައިސާ އިންވެސްޓްކުރުމުގެ ސަބަބުން ލިބިފައިވާ ފައިދާއެއް ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

"އަޅުގަނޑު ހަމަ ޔަގީނުންވެސް އަޖައިބުވެ އަންތަރީސްވާ ވަރުގެ ހުކުމެއް،" އާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 2019ގައި އިއްވި ޖަލު ހުކުމްގެ އިސްތިއުނާފް މައްސަލައިގައި ސުޕްރީމް ކޯޓުން 30 ނޮވެމްބަރު 2021ގައި އިއްވި ހުކުމަށް ފަހު ޔާމީން ޖަލުން ސަލާމަތްވެވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނަިއިދު)

އާޒިމް ވިދާޅުވީ ކޯޓުތަކުން ހުކުމް ކުރަންވާނީ ފެންނަން އޮންނަ އެއްޗަކަށް ކަމަށާއި ޔާމީންގެ މައްސަލައިގައި ފެންނަން އޮތް ހަގީގަތަކީ ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ އެ މަނިކުފާނުގެ އެކައުންޓުގައި ހުރިކަން ކަމަށެވެ.

"އެފަދަ ކަންކަން ވެގެންދާއިރުގައި، ބޮޑެތި ކޯޓުތަކުން ކަންކަން ނިންމާއިރު އެބަ ބަލާލަން ޖެހޭ މިއީ ހަމަ ހަގީގަތުގައި ވެސް ދައުލަތުގެ ފައިސާ އަޅުގަނޑުމެން އިންތިހާއަށް އަޖައިބުވާ ވަރަށް ނަގާ އެކައުންޓަށް ލާފަ ހުރި މީހަކު ހަމަ ދޫކޮށްލަންވީތޯ. މާލެ ތެރެއަށް ދޫކޮށްލައިގެން ދޭދޭ ގައުމާ ދޭތެރޭ ޖައްސަމުން، އޭނާ ބޭނުން ރަށަކަށް އަރަމުން ދާން ފުރުސަތު ދޭންވީތޯ؟" އާޒިމް ވިދާޅުވި އެވެ.

"ނޫން، ރައްޔިތުން ބުނީ އަޅުގަނޑުމެން އެކަން ހުއްޓުވާށޭ. ފަނޑިޔާރުން އެކަން ނުކޮށްފިއްޔާމުން އަޅުގަނޑުމެން މި ތިބީ، އަޅުގަނޑުމެން ވަކިކުރަން ޖެހުނު ކޮންމެ ބައެއް ވަކިކުރަން ނުކުމެ ތައްޔާރަށް."

އާޒިމް ވިދާޅުވީ މިނިވަން މުއައްސަސާތަކާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖީއެސްސީ)އަށް ބަދަލު ގެނެސްގެން ވެސް، "ދައުލަތުގެ ފައިސާ އިންތިހާއަށް ނަގާފައި ތިބި މީހުން ޖަލުގެ އެތެރެއަށް ލާން އެބަ ޖެހޭ" ކަމަށެވެ.

"އެ މީހުންނަށް ހައްގު އަދަބު އެބަ ދޭން ޖެހޭ. ނުދޭ ކަމަށް ވަންޏާ އަޅުގަނޑުމެން ރައްޔިތުން އެމްޑީޕީއަށް އިތުބާރުކޮށް ވޯޓު ދޭންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ،" އާޒިމް ވިދާޅުވި އެވެ.

18 ނޮވެމްބަރު 2021ގައި ސުޕްރީމް ކޯޓުގައި ބޭއްވި ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގައި މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރުން: އެ ބޭފުޅުން އިއްވެވި ހުކުމަށް އާޒިމް މިއަދު ވަނީ ފާޑު ވިދާޅުވެފައި.

އާޒިމް ވިދާޅުވީ، ގޯސްކޮށް ކަންކަން ކުރާއިރު، އެފަދަ ފަރާތްތަކުން މަގާމުން ވަކިނުކޮށް ތިބުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށާއި އެއީ ރައްޔިތުން އެމްޑީޕީއަށް ކުރި އިތުބާރަށް ފުރަގަސްދިނުން ކަމަށެވެ.

"އެހެންވީމާ ފަނޑިޔާރުން ވެސް އެބަޖެހޭ މި ކަންތައްތަކާ ދޭތެރޭ ވިސްނައި ފިކުރުކުރަން. ޖުޑީޝަލް ސާވިސް ކޮމިޝަނުން އެބަޖެހޭ ވިސްނާ ފިކުރުކުރަން އަޅުގަނޑުމެން މި ދަނީ ރަނގަޅު ދިމާލަށްތޯ. ފަނޑިޔާރުން ކަންކަން ކުރަމުން ގެންދަނީ ރަނގަޅަށްތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ދައުލަތުގެ ފައިސާ ނަގާފައިވާ މީހުން ޖަލަށް ލާން ޖެހޭ ކަމަށް އާޒިމް މިއަދު ވިދާޅުވި އިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ފަރާތްތަކުގެ ލިސްޓުގައި އާޒިމްގެ ނަން ވެސް އެބަ އޮތެވެ. އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓުގައި، އެ ހިޔާނާތުން ފައިދާވި މީހުންގެ ތެރޭގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކު ހިމަނާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް