ޔާމީންގެ ވަކީލް އިބްރާހިމް ޝިޔާޒް ހެއްކާ ބެހޭ ގޮތުން ކްރިމިނަލް ކޯޓުގައި ވާހަކަ ދައްކަވަނީ
ޔާމީންގެ ވަކީލުން ތުހުމަތު ކުރަނީ ދައުލަތުން ހެކި އުފެއްދި ކަމަށް
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ބަޔަކަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވި ކަމަށް ކުރާ ތުހުމަތުގައި ދައުލަތުން ހުށަހަޅާފައިވައިވާ ހެކިތަކަކީ އުފައްދައި ރާވައިގެންދީފައިވާ ހެކި ބަސްތަކެއް ކަމަށް އެ މަނިކުފާނުގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިޔަށް ދިޔަ މިއަދުގެ އަޑުއެހުމުގައި، ޔާމީންގެ ވަކީލުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންނާއި މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ރިޕޯޓުތަކުގެ ސައްހަކަން ކަށަވަރުކޮށްދޭން ހުށަހެޅި ހެކިންގެ ހެކި ބަހާ ބެހޭ ގޮތުން ސުވާލު އުފައްދައި، ވާހަކަ ދައްކައިފަ އެވެ. އެއީ:
-
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ހެކި ބަސް
-
އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކި ބަސް
-
އަދީބު އެކި ފަރާތްތަކާ ކޮށްފައިވާ މުއާމަލާތްތައް އަންގައިދޭ މޮބައިލް ފޮރެންސިކް ރިޕޯޓް
-
ލިޔެކިޔުންތައް އަންގައިދޭ ޑޮކިއުމެންޓޭޝަން ރިޕޯޓް
-
އާރަށް ކުއްޔަށް ނެގި އިޓަލީގެ ރޮބާޓޯ
ތަފްސީލް - ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ދިފާއީ ވަކީލުން ވަނީ މައްސަލަ ސާބިތުކުރެވޭ ވަރުގެ ހެކިތަކެއް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ދިިފާއީ ވަކީލުންގެ ޓީމުން ވަކާލާތު ކުރެއްވި އާދަމް ޝަމީމް އާއި އަބްދުﷲ ޝިޔާޒު ފާހަކުރެއްވި ނުކުތާތަކުގެ ތެރޭގައި:
-
އަދީބާއިި ޒިޔަތުގެ ހެކި ބަސް ބަލައި ނުގަނެވޭނެ
-
ސީދާ ހެއްކެއް ނެތް
-
މައްސަލަ ސާބިތުކުރަން އުޅެނީ ދައުލަތުން ގަބޫލުކުރާ ކަންތައްތަކެއް މައްޗަށް
-
ފުލުހުންގެ 'މޯޓިވް' އޮތީ ވަކި ގޮތަކަށް މައްސަލަ ސާބިތު ކުރަން
-
ފޮރެންސިކް ހެކިތަކުގެ ޗެއިން އޮފް ކަސްޓަޑީ ގޯސް
އަދީބާއި ޒިޔަތަކީ ޔާމީނާ މެދު ރުޅިވެރިކަން އޮންނަ "ފާސިގުން"
މި މައްސަލައިގައި ހެކި ބަސް އަދާކުރަމުން އަދީބާއި ޒިޔަތު ވިދާޅުވީ އެ މައްސަލާގައި ދެން ހިމެނޭ ރައްޔިތުންގެ މަޖިލިހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްއަށް އާރަށް ނުއަގުގައި ދިިނީ ޔާމީންގެ އިރުޝާދުގެ މަތިން ކަމަށެވެ. އަދި ބަދަލެއްގެ ގޮތުގައި ޔާމީންއަށް 1 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ޔޫސުފް ނައީމް ވިދާޅުވި ކަމަށް ވެސް އެ ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ.
-
އިތުރަށް ކިޔާލަން - 'އާރަށް ނުއަގުގައި ދިނީ ޔާމީން އެދިގެން؛ ބަދަލުގައި 1 މިލިއަން'
އަދީބާއި ޒިޔަތު ހެކި ބަސް އަދާކުރުމުގެ ކުރިންނާއި އަދާކުރި އިރު ވެސް ޔާމީން އާއި ނައީމްގެ ވަކީލުން ވަނީ އެ މީހުންގެ އަދުލުވެރިކަމާ މެދު ސުވާލު އުފައްދައިފަ އެވެ. ޔާމީންގެ ވަކީލު، އާދަމް ޝަމީމް މިއަދު ވެސް އުފެއްދެވީ އެ ސުވާލެވެ. އަދި، ގުޅުވާލެވޭ ހެއްކެއް ނެތި އެ ދެ ބޭފުޅުންގެ ހެކި ބަހަށް ރިއާޔަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމަށް ބާރުދޭން ޝަމީމް ނެންގެވީ، ގދ. ވޮޑަމުލާ މައްސަލާގައި މަނީ ލޯންޑަރިން ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައެޅި ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކުރާ ވާހަކަތަކެވެ. އެ ހުކުމުން ވެސް، އަދީބާއި ޒިޔަތަކީ ޔާމީނާ މެދު ރުޅިވެރިކަން އޮންނަ "އަދުލުވެރިކަން ގެއްލިފައިވާ ބޮޑެތި ފާސިގުން" ކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހާލަތު މިއަދާ ހަމައަށް ބަދަލު ނުވަނީސް، ބުނާ ބުނުމަށް ބާރު ދޭނެ އިތުރު ހެއްކެއް ނެތި މައްސަލަ ސާބިތުކުރަން އެ ދެ ބޭފުޅުންގެ ހެކި ބަސް ބޭނުން ނުކުރެވޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ. އެފަދަ ގުޅުވާލެވޭ އެއްވެސް ހެއްކެއް ދައުލަތުން މި މައްސަލާގައި ހުށަހަޅާއި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ދެ ހެކިންގެ ބަހަށް، ދެ ހެކިންނަކީ ވެސް ދައުލަތުން ބޭނުންވާ ކަންކަން ވަކި ގޮތަކަށް ސާބިތުކުރަން "ރާވައިގެން" ހެކި ބަސް އަދާކުރި ބަޔެއް ކަމަށް ޝަމީމް ވިދާޅުވި އެވެ. މިކަން ފާހަގަވީ، އޭނާ ވިދާޅުވި ގޮތުން ނަމަ، ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ނުވެސް އަހާ ވާހަކަތަކަށް ޖަވާބު ދެއްވާފައިވާތީ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ދައުލަތުން ހެކިވެރިޔާއާ ގުޅިގެން، ހެކި ބަސް ރާވައިގެން، ވަކި ގޮތަކަށް ކަންތައްތަކެއް ސާބިތުކުރަން، މަސައްކަތް ކުރަނީ،" އަދީބުގެ ހެކި ބަހާ ގުޅުވާ ޝަމީމް ވިދާޅުވި އެވެ. މިކަންކަން މިހެން ފާހަގަކުރަމުން ޔާމީންގެ ވަކީލުން އެދިވަޑައިގަތީ މައްސަލަ ނިންމާ އިރު، އަދީބާއި ޒިޔަތުގެ ހެކި ބަހަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކުރުމަށެވެ.
މޮބައިލް ފޮރެންސިކް ރިޕޯޓުގެ ޗެއިން އޮފް ކަސްޓަޑީ
ޔާމީންގެ ވަކީލުން ވަނީ މި މައްސަލައާ އެކީ ހުށަހަޅާފައިވާ ފޮރެންސިކް ހެކިތަކާއި އެ ހެކިތަކުގެ ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފައްދަވައިފަ އެވެ. އަދި އެ ހެކިތަކާ ގުޅޭ ގޮތުން 'އެކްސްޕާޓް' އޮޕީނިއަން ދިން މީހުން ނުވަތަ ހަބީރުންނަކީ ހަގީގަތުގައި ވެސް އެކްސްޕާޓުން ކަމާ މެދު ޝައްކު އުފެދޭ ކަމަށް، އެކި ސުވާލުތަކަށް ދިން ޖަވާބުތަކާ ގުޅުވައި، ތަކުރާރުކޮށް ދިފާއީ ވަކީލުން ފާހަގަކުރި އެވެ.
އެގޮތުން ދިފާއި ވަކީލު ޝިޔާޒު ވިދާޅުވި ގޮތުގައި މި މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން މޮބައިލް ފޮރެންސިކް އެނަލިސިސް ރިޕޯޓުގެ ޗެއިން އޮފް ކަސްޓަޑީ ގޯހެވެ. މިކަން އެ ރިޕޯޓު ތައްޔާރުކުރި، ތައުސީފުގެ ހެކި ބަހުން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރިޕޯޓަކީ އިނގިރޭސިވިލާތުގެ ފަރަޑޭ ފޮރެންސިކްސް މެދުވެރިކޮށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނުން ހޯދި ޑޭޓާތަކެއް އަޅާފައި ހުރި ތިން ޕެން ޑްރައިވެއްގައި ހުރި ޑޭޓާ އެނަލައިސްކޮށް ތައްޔާރު ކުރި ރިޕޯޓެކެވެ. އެކަމަކު، މި ހެކި ފަރަޑޭ ފޮރެންސިކްސްއާ ހަމައަށް ދިޔަ ގޮތެއް ކަށަވަރު ނުވާތީ، މި ރިޕޯޓުގެ ސައްހަ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ޝިޔާޒު ވިދާޅުވި އެވެ.
މި ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާ ހެކި ބަސް ދިން އިރު، ކްރޮސް އެގްޒެމިން ކުރަމުން ވެސް ޝިިޔާޒު މި މޭރުމުން ސުވާލުތައް އަމާޒު ކުރެއްވި އެވެ. އެ ދުވަހު ފުލުސް މީހާ ބުނީ، ފަރަޑޭ ފޮރެންސިކްސްއިން ފޮނުވި އެއްޗެހިކަން ކަށަވަރު ވިޔަސް، އޭނާ އަތަށް އެ ހެކި އައުމުގެ ކުރިން އެއާ މެދު ވެފައިވާ ގޮތެއް ނޭނގޭ ކަމަށް ބުނެ އެކަމާ މެދު ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ނުދޭ ކަމަށެވެ.
-
އިތުރަށް ކިޔާލަން - ޔާމީންގެ ޝަރީއަތުގައި ހެކިބަސް ނަގަން ފަށައިފި, ފުރަތަމަ ފުލުހެއް
އޭގެ އިތުރުން ޑޮޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓާ ގުޅޭ ގޮތުން ދިން ހެކި ބަހާ ގުޅޭ ގޮތުން ވެސް ގިނަ ސުވާލުތަކެއް ވަކީލުން އުފެއްދި އެވެ. އެގޮތުން ލިޔެކިޔުންތަކުގައި ހުރި ޔާމީންގެ އަތު ލިޔުމާއި ސޮއި އެއްގޮތް ކަމަށް ބުނެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަމަށް ވާސިލުވީ ކިހިނެއްކަން އެކަށީގެންވާ ގޮތެއްގައި ހެކިވެރިޔާއަށް ބުނެދެވިފައ ނުވާކަން ފާހަގަކުރި އެވެ.
ޔާމީންގެ ފަރާތުން އެދުނީ ޗެއިން ކަށަވަރު ނުވާތީ، މި ދެ ރިޕޯޓު ވެސް ހެއްކެއްގެ ގޮތުގައި އެއްވެސް ބުރަދަނެއް ނުދެވޭނެ ކަމަށް ބަލައި، މައްސަލަ ނިންމާ އިރު ނުބެލުމަށެވެ. އަދި އެހެން ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވެސް ޔާމީންގެ ވަކީލުން ވަނީ މި މައްސަލާގައި ހިމެނޭ މީހުން ބުނާ ބުނުމަށް ބާރު ދޭނެ އެކަށީގެންވާ ވަރުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އެނގުން މުހިންމު - މި މައްސަލާގައި އަދިވެސް ޔާމީންގެ ފަރާތުން ހުރިހާ ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދައްކައި ނުނިމެ އެވެ. ގާޒީ ޝަފީއު ވަނީ މާދަމާ ހެނދުނަށް ވެސް މި މައްސަލައިގެ އަޑުއެހުމެއް ތާވާލުކޮށްފަ އެވެ.
ޔާމީންގެ ފަރާތުން ހެކި ބަހާ ގުޅޭ ގޮތުން ވާހަކަ ދައްކައި ނިމުމުން ދެން އޮންނާނީ ޔޫސުފް ނައީމްގެ ފަރާތުން ހެކި ބަހާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ.