ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާރަށު މައްސަލައިގެ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން

ޔާމީންގެ ޝަރީއަތުގައި ހެކިބަސް ނަގަން ފަށައިފި, ފުރަތަމަ ފުލުހެއް

ފުލުހުންގެ ޑިޖިޓަލް އެވިޑެންސް އެގްޒަމިނާއަށް ޔާމީންގެ ދިފާއީ ވަކީލުން ގިނަ ސުވާލުތަކެއް އަމާޒުކުރި

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ރިޝްވަތުގެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނަގަން މިއަދު ފަށައިފި އެވެ.

މައްސަލައިގެ ފެށުން - ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް އާރަށް ދޫކުރުމުގެ ތެރެއިން އޭނާގެ އަތުން 1 މިިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ރައީސް ކަމުގައި ޔާމީން ހުންނަވައިގެން ލޯންޑާ ކުރެއްވި ކަމަށް ދައުލަތުން ބުނެ އެވެ.

އެ މައްސަލައިގައި އެ ދެ ބޭފުޅުންނަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. އެއީ:

  • ޔާމީން: ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ

  • ޔޫސުފް ނައީމް: ރިޝްވަތު ދިނުމުގެ ދައުވާ

މިއަދު އެ މައްސަލައިގައި ބޭއްވީ ހެކިބަސް ނެގުމުގެ ފުރަތަމަ އަޑުއެހުމެވެ. ފުރަތަމަ ހެކިވެރިއަކަށް ހާޒިރުކުރީ ދައުވާ ސާބިތު ކުރަން ދައުލަތުން ހުށަހެޅި މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފުލުހުންގެ ފޮރެންސިކްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި މަސައްކަތް ކުރާ ޑިޖިޓަލް އެވިޑެންސް އެގްޒަމިނާއެކެވެ.

އޭނާ އެ ރިޕޯޓް ތައްޔާރުކުރީ ފަރަޑޭ ފޮރެންސިކްސް މެދުވެރިކޮށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނުން ހޯދި ޑޭޓާތަކެއް އަޅާފައި ހުރި ތިން ޕެން ޑްރައިވެއްގައި ހުރި ޑޭޓާ އެނަލައިސްކޮށް، އޭގެ މައްޗަށެވެ.

އޭނާ ބުނި ގޮތުގައި އޭނާއަށް އިރުޝާދު ލިބުނީ ޔޫސުފް ނައީމްގެ ނަމްބަރާ ގުޅޭ ހުރިހާ މައުލޫމާތެއް ހޯދުމަށެވެ. އެގޮތުން ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ހެކިވެރިޔާ ވަނީ ޕެން ޑްރައިވްތަކުން ހޯދުނު މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. އެގޮތުން:

  • ޔޫސުފް ނައީމްގެ ނަމްބަރުން އެސްއެމްއެސް މެސެޖަކާއި ކޯލް އެލާޓް މެސެޖެއް ފެނުނު

  • އޭގެ އިތުރުން ހަތަރު ކޯލް ލޮގު ފެނިފައިވޭ

  • އޭނާގެ ނަމްބަރުގެ މެސެޖުތަކެއް އެކުލެވޭ ވައިބާ ޗެޓްލޮގެއް ފެނުނު

އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ޔާމީން ނެންގެވި ކަމަށް ނުވަތަ އެ ނޫން ރިޝްވަތެއް ވެސް އެ މަނިކުފާނު ނެންގެވި ކަމަށް ދޭހަވާ އެއްވެސް ހެއްކެއް ޕެން ޑްރައިވްތަކުން ފެނުނުތޯ އަދި ނުފޫޒެއް ފޯރުވި ކަން އެނގޭ ހެއްކެއް ފެނުނުތޯ ޔާމީންގެ ފަރާތުން ވަކީލު އާދަމް ޝަމީމް ސުވާލު ކުރެއްވި އެެވެ.

ދައުލަތުން އެކަމަށް އިއުތިރާޒުކޮށް ބުނީ ހެކިވެރިޔާއާ ހަވާލުކުރެވުނީ ވަކި ނަމްބަރަކާ ގުޅޭ މައުލޫމާތު ހޯދަން ކަމަށެވެ. އެހެންވެ އެ ސުވާލަށް ޖަވާބުދޭން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ދައުލަތުން ބުންޏެވެ.

އިސް ގާޒީ ޝަކީލް ދައުލަތުގެ އިއުތިރާޒު ގަބޫލުނުކުރެއްވުމުން ހެކިވެރިޔާ ފުރަތަމަ ބުނީ އޭނާއަށް ހޯދުނު މައުލޫމާތު އެ ރިޕޯޓުގައި ހިމެނޭނެ ކަމަށެވެ. އެކަމަކު އޭގެ ފަހުން ސުވާލު ތަކުރާރު ކުރުމުން ހެކިވެރިޔާ ބުނީ ފެނުނީ އެންމެ މެސެޖެއް ކަމަށާއި އެ މެސެޖުން، ވަކީލު އެއްސެވި ސުވާލާ ގުޅޭ ކަންތައްތަކެއް ޔާމީން ކުރެއްވި ކަން ނޭނގޭ ކަމަށް ބުންޏެވެ.

ދިފާއީ ވަކީލުން ވަނީ އެ ޑޭޓާތައް ފަރަޑޭ ފޮރެންސިކްސްއަށް ލިބުނު ގޮތާ މެދު ވެސް ސުވާލު އުފައްދައިފަ އެވެ. ހެކިވެރިޔާ ބުނީ އޭނާއާ ހަމައަށް އެ ތަކެތި އައުމުގެ ކުރިން ވެފައިވާ ކަންކަން ނޭނގޭ ކަމަށެވެ.

އެކަމަކު ހެކިވެރިޔާ ބުނި ގޮތުގައި ވަކި ޑިވައިސްއަކުން ނަގާ ޑޭޓާއަކީ ސީދާ އެ ޑިވައިސްއަކުން ނެގޭ ޑޭޓާކަން އޭނާއަށް ޔަގީންކުރެވޭނެ އެވެ. އަދި އެއީ އެ ޑިވައިސްއަކުން ނެގި ޑޭޓާކަމާއި އެއަށް ބަދަލެއް ގެނެސްފައިވާކަން ތިން ވަނަ ފަރާތަކުން ވެސް ކަށަވަރު ކުރެވިދާނެ ކަމަށް އޭނާ ބުންޏެވެ.

އެ ހެކިވެރިޔާ ބުނިގޮތުގައި އެއީ ފަރަޑޭ ފޮރެންސިކްސްއިން ފޮނުވި އެއްޗެހިކަން އޭނާ ކަށަވަރުކުރި އެވެ.

އެކަމަކު އޭނާ އަތަށް އެ ހެކި އައުމުގެ ކުރިން އެއާ މެދު ވެފައިވާ ގޮތެއް ނޭނގޭ ކަމަށް ބުނެ އެކަމާ މެދު ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެ އެވެ.

ޔާމީންގެ ފަރާތުން ވަކީލު އަބްދުﷲ ޝިޔާޒު ކްރޮސް އެގްޒަމައިންކޮށް ސުވާލު ކުރެއްވި އިރު، ބޮޑަށް ސުވާލުތައް އަމާޒު ކުރެއްވީ ހެއްކެއް ގެންގުޅޭ އިރު އޭގެ ސައްހަކަން ކަށަވަރުކުރަން ފުރިހަމަ ކުރަން ޖެހޭ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ގޮތުންނެވެ. އެގޮތުން، އޭގެ ސައްހަކަމާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

ޔޫސުފް ނައީމްގެ ފަރާތުން ވަކީލު ހަމްޒާ ލަތީފު ވަނީ ހެކިވެރިޔާގެ ތައުލީމީ ފެންވަރާ ގުޅިގެން ގިނަ ސުވާލުތަކެއް ކުރައްވައި އޭނާ އަކީ ހަބީރެއްގެ ގޮތުގައި ބެލިދާނެ މީހެއް ކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ. އޭގެ އިތުރުން ޕެން ޑްރައިވުތަކުގައި ހިމެނޭ ޑޭޓާގެ ސައްހަކަމާ ބެހޭ ގޮތުންނާއި ތަހުލީލުކުރާއިރު އަމަލުކުރާ އިޖުރާއަތްތަކާ ބެހޭ ގޮތުން ވެސް ސުވާލު ކުރެއްވި އެވެ.

އެނގުން މުހިންމު - ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކޮށްގެން ބޭއްވި މި އަޑުއެހުން ފެށީ މިއަދު ހަވީރު 4:30 ހާއިރު އެވެ.

ހެކިވެރިޔާއާ ދައުލަތުން ސުވާލުކޮށް ނިމުމުން، ޔާމީނާއި ޔޫސުފް ނައިމްގެ ފަރާތުން ވަކިވަކިން އޭނާއާ ކްރޮސްއެގްޒަމިން ކުރަން ސުވާލުކޮށް ނިންމައި އަދި ދައުލަތުން ރިއެގްޒަމިންކޮށް ނިމުނީ މިރޭ ގާތްގަނޑަކަށް 8:00 ހާއިރު އެވެ. އެއީ 15 މިނެޓުގެ ބްރޭކެއް ވެސް ނެގުމަށް ފަހު އެވެ.

އިތުރު ހެކިވެރިއެއްގެ ހެކިބަސް ނަގަން ކުރިން ހަމަޖެހިފައި އޮތަސް، ޝަކީލް ނިންމެވީ މިއަދު ހާޒިރުކުރަން ނިންމި ދެވަނަ ހެކިވެރިޔާގެ ހެކިބަސް އެހެން ދުވަހަކު ނެގުމަށެވެ. އެކަން އިއުލާންކުރެއްވުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމާލެއްވީ އެވެ.

އޭނާ އެގޮތަށް ނިންމެވި އިރު، ފުރަތަމަ ހެކިވެރިޔާގެ ހެކިބަސް ނަގަން ގިނަ އިރުތަކެއް ހޭދަވާތީ ޔާމީން ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން މިއަދުގެ އަޑުއެހުން ކުރުކޮށްލައްވަން ވެސް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް