މިއަދު ސިވިލް ކޯޓުގައި އޮތް އަޑުއެހުމަށް ފަހު އަބްދުﷲ ރަޝީދުގެ އާއިލާ ޖަސްޓިސް ބިލްޑިންއިން ނުކުންނަނީ (ދައުރު ފޮޓޯ)

ދައުލަތުން ގަބޫލުކުރަނީ އަމުރެއް ނެތި ވެސް މި ހާލަތުގައި ޕޯސްޓްމޯޓަމް ހެދޭނެ ކަމަށް

އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯމަދުވަހު ބޭރަށް ފޮނުވާލެވޭތޯ ބަލަނީ

މުހިންމު ނުކުތާތައް

އާއިލާއިން ވަނީ ހަށިގަނޑު ހަވާލުކޮށްދޭން ފުލުހުންގެ މައްޗަށް އަމުރެއް ނެރެދޭން އެދިފައި

ދައުލަތުން ބުނީ އެފަދަ އަމުރެއް ނެރެފި ނަމަ އިންސާފަށް ހުރަސް އެޅޭނެ ކަމަށް

ހޯމަދުވަހު ހަށިގަނޑު ބޭރަށް ފޮނުވާ ވާހަކަ ބުނުމުން އާއިލާއަށް ޝޮކެއް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން މި ހާލަތުގައި ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށާއި އެއީ ގާނޫނާއި ގަވައިދުގެ ދަށުން ފުލުހުންނަށް ލިބިދީފައި އޮތް ބާރެއް ކަމަށް ދައުލަތުން މިއަދު ސިވިލް ކޯޓުގައި ބުނެފި އެވެ.

އެއާ އެކު، މި މައްސަލައަށް ތަދައްހުލްވި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެދުނީ އޭނާގެ ހަށިގަނޑު އަންނަ ހޯމަދުވަހު ރާއްޖެއިން ބޭރަށް ފޮނުވަން ބޭނުންވާތީ އޭގެ ކުރިން މައްސަލައިގައި ގޮތެއް ނިންމައި ދިނުމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ހަސަން ފަހީމް އިބްރާހިމް ވިދާޅުވީ މިފަދަ މައްސަލަތަކުގައި ގޮތެއް ކަނޑައެޅުން އޮންނަނީ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ހޯމަ ދުވަހުގެ ކުރިން ގޮތެއް ކަނޑައަޅަން މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މައްސަލައިގެ ފެށުން - ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ން ގދ. އަތޮޅުގައި ހިންގި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއްގައި އަބްދުﷲ، 43، ސުވޯން/ގދ. ހޯނޑެއްދޫ، ހިމެނޭ ގޮތަށް ތިން މީހަކު މިދިޔަ އަންގާރަ ދުވަހުގެ މެންދުރު ފަހު ތިނެއް ޖަހާކަންހާއިރު އެ ރަށުން ހައްޔަރުކުރި އެވެ. އެ މީހުން ގޮވައިގެން އެ ރަށުން ފުރައިގެން އެހެން ތަނަކަށް ގެންދަން އުޅެނިކޮށް، އަބްދުﷲ މަރުވީ އެރަށު ބަދަރުގައި ލޯންޗު އޮއްވައި، ލޯންޗުމަތީގައި ކަމަށްވެ އެވެ. އެގޮތުން:

  • އޭނާ މަރުވުމުގެ ކުރިން މެއަށް ތަދެއް އަރާ ކަމަށް ބުނެ އާދޭސް ކުރުމުން ވެސް ފުލުހުން ފަރުވާއަށް ހުރަސް އެޅި ކަމަށް މަންޒަރު ދުށް މީހުން ބުނޭ

  • އާއިލާ އިން ތުހުމަތުކުރަނީ، އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް

  • މި މަރާ ގުޅިގެން، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ފުލުހުން ގުޅިގެން ހިންގާ ތަހުގީގަށް އަބްދުﷲގެ ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައި؛ ނަމަވެސް އައިލާއިން ދަނީ އެކަމާ ދެކޮޅު ހަދަމުން

ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު

ވީ ކިހިނެއް؟ - އާއިލާގެ ނުރުހުމުގައި އަބްދުﷲގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާތީ، އެކަމާ ގުޅިގެން އޭނާގެ މަންމަ މަރްޔަމް އަހްމަދު، މާރަގަ/ގދ. ހޯނޑެއްދޫ ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. މިއަދު އޮތީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. މަންމަގެ ފަރާތުން އެދުނީ:

  • ޕޯސްޓްމޯޓަމް ހެދުން ހުއްޓުވައިދިނުމަށް

  • މައްޔިއްތާ ވީހާ ވެސް އަވަހަކަށް ވަޅުލުމުގެ ކަންކަން ހަމަޖައްސަން ހަށިގަނޑު ހަވާލުކޮށްދިނުމަށް

ތަފްސީލު - އަބްދުﷲގެ އާއިލާގެ ފަރާތުން މި މައްސަލައިގައި ވަކާލާތު ކުރެއްވި ވަކީލް މުހައްމަދު ރާގިބު ވިދާޅުވީ ޕޯސްޓްމޯޓަމް ހަދަން އާއިލާ އިން ދެކޮޅުހަދަނީ މައިގަނޑު ހަތަރު ސަބަބެއް އޮތުމުން ކަމަށެވެ. އެއީ: 

  • 1-

    އަބްދުﷲގެ ހަށިގަނޑަށް އިތުރު އަނިޔާއެއް ލިބެން އާއިލާ އިން ނޭދޭތީ

  • 2-

    ޕޯސްޓްމޯޓަމް ހަދަން ނިންމިކަން މިހާތަނަށް އާއިލާއާ ހިއްސާކޮށްފައެއް ނުވޭ

  • 3-

    އިސްލާމީ ޝަރީއަތުގައި މުސްލިމަކު މަރުވުމުން ވީހާވެސް އަވަހަކަށް ވަޅުލަން ބާރުއަޅާފައިވޭ

  • 4-

    މަރުވުމަށް ފަހު މައްޔިތާއަކީ ވާރިސުންގެ ހައްގެއް؛ އާއިލާގެ ރުހުން ނެތި ޕޯސްޓްމޯޓަމެއް ނުހެދޭނެ

އަބްދުﷲގެ މަންމަ، މަރިޔަމް އާއި އޭނާގެ އަންހެނުން ހިމެނޭ ގޮތަށް އާއިލާގެ 11 މެންބަރަކު ހާޒިރުވެ ތިބި އެ އަޑުއެހުމުގައި އެ އާއިލާގެ ފަރާތުން ރާގިބު އެދިވަޑައިގަތީ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވައި ވީހާވެސް އަވަހަކަށް އަބްދުﷲގެ ޖަނާޒާގެ ކަންކަން ހަމަޖައްސަން އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން ފުލުހުންނަށް އަންގައި އަމުރެއް ނެރެދިނުމަށެވެ.

'އަމުރު ނެރެފި ނަމަ ތަހުގީގަށް ހުރަސް އެޅޭނެ'

ފުލުހުން ކްރައިމް ސީނެއްގައި: މަރާ މެދު ޝައްކު އުފެދޭނެ ނަމަ ޕޯސްޓްމޯޓަމް ހެދޭނެ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މި މައްސަލަ ރައްދުވާ ފުލުހުންގެ ފަރާތުން ވަކާލާތުކުރެއްވީ ބަންޑާރަނައިބު އޮފީހުގެ ވަކީލެކެވެ. އެ އޮފީހުގެ ސްޓޭޓް އެޓާނީ އިބްރާހިމް ޝިނާން އަހްމަދު ވިދާޅުވީ އެ މަރާ ގުޅިގެން އެންއައިސީން އިސްނަގައިގެން ފުލުހުންނާ ގުޅިގެން ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހަދަން ނިންމީ އެންއައިސީން ކަމަށާއި އެ ކޮމިޝަންގެ އެދުމުގެ މަތިން، ހަމަޖެހިފައިވާ އިޖުރާއަތުގެ ތެރެއިން އެކަން ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

ޕޯސްޓްމޯޓަމް ހެދުން މުހިންމުވާ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ:

  • އެ މަރާ ގުޅިގެން އާއިލާ އާއި އާންމުންގެ ފަރާތުން ފުލުހުންނަށް ތުހުމަތުތަކެއް ކުރަމުންދާތީ

  • ފުލުހުންގެ އިތުބާރު ހިފަހައްޓަން ވެސް އެ މަރުގެ ސަބަބު ދެނެގަތުން މުހިންމުކަމުން

  • ތަހުގީގުގެ ބޭނުމަށް ކޮންމެހެން ކުރުން މުހިންމު ކަމެއް؛ އެއީ ފުލުހުންނަށް ގާނޫނާއި ގަވައިދުން ލިބިދީފައިވާ ބާރެއް

"މިފަދަ އަމުރެއް ނެރެފި ނަމަަ، ޖިނާއީ ތަހުގީގަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ... އެފަދަ އަމުރެއް ނެރެދޭވެނެ ތަނެއް [ހާލަތެއް] އޮތް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ގަބޫލެއް ނުކުރަން،" އަބްދުﷲގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްދޭން އާއިލާއިން އެދުނު އަމުރާ ގުޅޭ ގޮތުން ޝިނާން ވިދާޅުވި އެވެ.

ކޯޓު އަމުރާ ނުލާ ވެސް ޕޯސްޓްމޯޓަމް ހެދޭނެ: ޕީޖީ އޮފީސް

އާއިލާގެ ފަރާތުން ފުލުހުންނަށް ރައްދުވާ ގޮތަށް ހުށަހެޅި މި މައްސަލައިގެ ތެރެއަށް ޕީޖީ އޮފީހުން ވަނީ ތަދައްހުލްވެ، މިއަދުގެ އަޑުއެހުމުގައި އެންއައިސީ އާއި ފުލުހުންނަށް ބާރު ލިބޭ ގޮތަށް ވާހަކަ ދައްކައިފަ އެވެ.

އާއިލާގެ ވަކީލުން ދިފާއަކަށް ނެގި ފުލުހުންގެ ގާނޫނުގެ 97 ވަނަ މާއްދާ މާނަކުރާ ގޮތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ، 'މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވައިދު'ގެ ދަށުން ކޯޓު އަމުރެއް ނެތި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް މި ހާލަތުގައި އޮންނާނެ ކަމަށް ޕީޖީ އޮފީހުގެ ވަކީލުން ވިދާޅުވި އެވެ.

ފުލުހުންގެ ގާނޫނުގެ 97 ވަނަ މާއްދާގައިވާ ގޮތުން، ޕޯސްޓްމޯޓަމް ހަދަން ކޯޓު އަމުރެއް ބޭނުންވެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ:

  • އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ހިނގަމުންދާ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން މައްޔިތެއްގެ ހަށިގަނޑުގެ ތަހުލީލުކުރުމުގެ ނުވަތަ އޮޓަޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވޭ

އާއިލާގެ ފަރާތުން ވަކާލާތު ކުރެއްވި ރާގިބާއި ވަކީލް މުހައްމަދު ޝަހުނީމް ވެސް އެ ނުކުތާ ނެންގެވި އެވެ.

ޝަހުނީމް ވިދާޅުވި ގޮތުގައި މި ހާލަތުގައި ޕޯސްޓްމޯޓަމް ހަދާ ނަމަ، ހަދަން ޖެހޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ. 

މިއަދު ސިވިލް ކޯޓުގައި އޮތް އަޑުއެހުމަށް ފަހު އަބްދުﷲ ރަޝީދުގެ އާއިލާ ކޯޓުން ބޭރުގައި މަޑުކޮށްލައިގެން (ދައުރު ފޮޓޯ)

ޕީޖީ އޮފީހުގެ ވަކީލް ފަރަހަނާޒް މުހައްމަދު ހަވާލާދެއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 1-75 އާއި އެ މާއްދާގެ (ރ) އަށެވެ. އެ މާއްދާތަކުގައި ބުނަނީ:

  • މަރުވެފައިވާ މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ނަމަ މަރުވި ސަބަބު ދެނެގަތުމަށް އަދި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށް، އެ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވޭ

  • އެ އިޖުރާއަތްތައް ބަޔާންކުރާ ގަވައިދެއް މި ގާނޫނަށް އަމަލުކުރަން ފެށުމާ އެކު އެކުލާވާލައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ވާނެ

މިދިޔަ މެއި މަހު ގެޒެޓް ކުރި އެ ގަވައިދުގެ ހަތަރު ވަނަ މާއްދާގައި ހަ ބާވަތެއްގެ މަރުގެ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ދީފައިވެ އެވެ.

ފަރަހަނާޒް ވިދާޅުވީ އެ ހަ ބާވަތުގެ ތެރޭގައި އިހުމާލުގެ އަމަލަކުން މީހަކު މަރުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ވެސް ހިމެނޭ އިރު، ކޯޓު އަމުރެއް ނެތި ވެސް ގަވައިދުން ބާރު ލިބިގެން ފުލުހުންނަށް ޕޯސްޓްމޯޓަމް ހެދޭނެ ކަމަށެވެ.

ފަރަހަނާޒް އިތުރަށް ވިދާޅުވީ:

  • މި މައްސަލައިގައި ފުލުހުންނާއި އެންއައިސީން އަމަލުކުރީ އިޖުރާއަތްތަކާ އެއްގޮތަށް

  • މި މަރާ ގުޅިގެން އެންއައިސީގެ އިސްނެގުމަށް ފުލުހުންނާ ގުޅިގެން ޖިނާއީ ބޮޑު ތަހުގީގެއް ދަނީ ހިންގަމުން

  • ގުޅިގެން ކުރާ މި ތަހުގީގުގައި ޕޯސްޓްމޯޓަމް ހަދަން އެދުނީ އެންއައިސީން؛ ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ޕޯސްޓްމޯޓަމް ހަދަނީ ފުލުހުން މެދުވެރިކޮށް

  • މި ތަހުގީގަށް އޭނާ މަރުވި ސަބަބު ދެނެގަތުމަކީ މުހިންމު ކަމެއް

"އެހެންކަމުން ދައުލަތުން ދެކެނީ، އެފަދަ އަމުރެއް [އާއިލާއާ ހަށިގަނޑު ހަވާލުކުރުން] ނެރެދިނުމަކީ އަދުލު އިންސާފަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށް. އަދި އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ވެސް ނެތް ކަމަށް،" ފަރަހަނާޒް ވިދާޅުވި އެެވެ.

ޝަހުނީމް ވިދާޅުވީ އަބްދުﷲ މަރުވެފައިވަނީ ފުލުހުންގެ އިހުމާލުން ކަމަށް އާއިލާއިން ބުނަނީ، އެއީ ފުލުހުން އަދާކުރަން ޖެހޭ ޒިންމާއެއް އަދާނުކޮށްގެން އޭނާ މަރުވެފައިވާތީ އެކަމަށް ރިއާޔަތްކޮށް ކަމަށެވެ. އަދި ފަރަހަނާޒް ހަވާލާދެއްވި ޖިނާއީ އިޖުރާއަތުގެ މާއްދާގައި ފުލުހުންނަށް އެ ބާރު ލިބެނީ މަރާ ގުޅޭ ގޮތުން ސުވާލު އުފެދޭ ހާލަތުގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ދައުލަތުން އެ ބުނާ ހާލަތެއް ނެތް. އޭނާ މަރުވީ، ހާމަ ތަނެއްގައި ގިނަ ބަޔަކު ތިބި ތަނެއްގައި. އާއިލާ އިން ނުބުނޭ އޭނާއަށް އަނިޔާކުރި ކަމަށް. އެހެން ބުނާ ނަމަ، ރަނގަޅު ޕޯސްޓްމޯޓަމް ހަދަން ނުވަތަ މަރާ މެދު ސުވާލު އުފައްދާ ނަމަ. އެކަމަކު އެ ހާލަތެއް ނެތް،" ޝަހުނީމް ވިދާޅުވި އެވެ.

"އަބްދުﷲ ރަޝީދު މަރުވެފައި ވަނީ ފަރުވާ ދިނުމަށް އެކަށީގެންވާ ވަގުތާއި އެ މާހައުލާއި ވަސީލަތްތައް ހުރެ، ފަރުވާއަށް ނުގެންދިޔުމުން."

ސިވިލް ކޯޓުގައި އޮތް އަޑުއެހުމަށް ފަހު، އާއިލާގެ ވަކީލް ޝަހުނީމް (ކ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ، ކައިރީގައި ރާގިބު (ދައުރު ފޮޓޯ)

އޭނާ ވިދާޅުވީ މިހާރު ވެސް ޑޮކްޓަރުގެ ރިޕޯޓުން އެނގޭ ގޮތުގައި އޭނާ މަރުވީ "ސަޑެން ކާޑިއެކް އެރެސްޓް" ނުވަތަ ކުއްލިއަކަށް ހިތް ހުއްޓިގެން ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔުމުގެ 30 މިނެޓް ކުރިން މަރުވެފައިވާކަން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން ދެން އިތުރަށް ކޮން ކަމެއްތޯ ޕޯސްޓްމޯޓަމް އިން ސާފުވާނީ؟ ކޮން ހައިސިއްޔަތަކުންތޯ މިހާރު ވެސް އެއްވެސް އަމުރެއް ނެތި އޭނާގެ ހަށިގަނޑު މޯޗަރީގައި ބާއްވާފައި އެ އޮތީ؟" ޝަހުނީމް ސުވާލު އުފެއްދެވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ:

  • ފުލުހުންގެ އަތުގައި އޮތީ ހައްޔަރުކުރުމުގެ އަމުރެއް؛ ބަންދާ މެދު ގޮތެއް ކޯޓުން ނިންމާފައެއް ނުވޭ

  • މޯޗަރީގައި އެގޮތަށް ބޭއްވޭނީ ވެސް އަމުރެއް އޮވެގެން

  • ހޯޑެއްދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު ވެސް އެ ދުވަހު ޖެޓީގައި ލޯންޗު ބަނދަރުކޮށްފައި އޮއްވާ ޑޮކްޓަރުން ގެނެސްގެން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ބުނި؛ އެކަމަކު ފުލުހުން ފަރުވާ ނުދިން

ހޯމަދުވަހު ހަށިގަނޑު ބޭރަށް ފޮނުވާކަން ހާމަކުރުމުން އާއިލާއަށް ޝޮކެއް

މިއަދު ސިވިލްކޯޓުގައި އޮތް އަޑުއެހުމަށް ފަހު އަބްދުﷲ ރަޝީދުގެ އާއިލާ (ދައުރު ފޮޓޯ)

ދެ ފަރާތުގެ ވާހަކަ އަޑު އެއްސެވުމަށް ފަހު، ގާޒީ ފަހީމް ވިދާޅުވީ ގާނޫނުގެ ދަށުން މިފަދަ މައްސަލަތަކުގައި ގޮތް ނިންމަން ޖެހޭނީ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ކަމަށެވެ. އެހެންވެ، އޭގެ ކުރިން މައްސަލައިގައި ގޮތް ނިންމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ވިދާޅުވުމުން ބަންޑާރަނައިބުގެ އޮފީހުގެ ވަކީލް ޝަނީން އެދިވަޑައިގަތީ ވީހާވެސް އަވަހަކަށް މިކަމުގައި ގޮތެއް ނިންމެވުމަށެވެ.

ޕީޖީގެ ވަކީލް ފަރަހަނާޒް ވިދާޅުވީ އަބްދުﷲގެ ޕޯސްޓްމޯޓަމް ހަދަން އަންނަ ހޯމަ ދުވަހު އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، އޭނާ އެދިވަޑައިގެންނެވީ އޭގެ ކުރިން ގޮތެއް ނިންމައިދިނުމަށެވެ.

ގާޒީ ފަހީމް ވިދާޅުވީ އޭގެ ކުރިން ގޮތެއް ނިންމޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ.

އަޑުއެހުމަށް ފަހު، 'ދައުރު'އާ ވާހަކަ ދައްކަމުން އާއިލާގެ މެންބަރުން ބުނީ ހޯމަ ދުވަހު ހަށިގަނޑު ބޭރަށް ފޮނުވާލާނެ ކަމަށް އާއިލާއަށް އަންގާފައި ނުވާ ކަމަށެވެ. އާއިލާއަށް އަދިވެސް އޭނާގެ މޫނު ދައްކާފައި ނުވާކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

"ވަރަށް ބޮޑު ޝޮކެއް ލިބުނީ. އަޑުއެހުމުން މި އެނގުނީ ހޯމަ ދުވަހު ހަށިގަނޑު ގެންދާކަން،" އަބްދުﷲ ރަޝީދުގެ ކޮއްކޮ ނިޒާދާ މުހައްމަދު ބުންޏެވެ.

އަޑުއެހުމަށް ފަހު، ވަކީލުން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އާއިލާގެ އެ ކަންބޮޑުވުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް (2)

ޯބީރުސަރުކާރު

30 އޮކްޓޯބަރު 2022
ރަހުމެއްނެތި އޭނާ މަރަށް ތެޅޭތަން ބަލަން ތިބީ. އެމީހުންނާ މެދު ފިޔަވަޅެއް އަޅަން އޮޓޮޕްސީ ހަދާކަށް ނުޖެހޭ ކޮންމެހެން. ދެން އޭނާ ދުނިޔޭގަ ހުއްޓާ ކުށްވެރިއަކަށް ނުހެދުނީތީ ހަށިގަޑަށް ހަދާނެ އެއްޗެއް ހަދާފަ މައްޔިތާ ކުށްވެރިކޮށްފަ އާއިލާއާ ހަވާލުނުކުރެވިގެންތަ މިއުޅެނި. ކޮން ކަމެއް މިއީ. މަރުުވި ސަބަބު ހޯދާކަށްނޫންތަަ އޮޓޮޮޕްސީި ހަދަނީ. މަރުވި ސަަބަބު އެއޮތީ އެނގޭކަށްނު. ދައުލަތުގެ ނިޔަތް ސާފެއް ނޫން މިކަމުގަ. ގައިމު ފުލުހުން އިހުމާލުވި ކަމަކަށް ނުވެ ނުދާނެ. އޭނަ މަރުވިފަހުން ތަހުގީގުކޮށްގެން އެއްޗިހިތަކެއްވެސް ހޯދައިފި. ދެން ތިޔަ އޮޓޮޕްސިއެއް ތަހުގިގަށް ބޭނުންވާ ސަބަބެއްވެސް ނުވިސްނޭ. އޭނަ މަރުވެއްޖެއޭ. ދެން ދޫކޮށްލަބަލަ. މި ހަމަ ބަޔަކު ރުޅިއެރުވުން ނޫން ދެން ކޮން ކަމެއް.
2 1

ސަނީމު

29 އޮކްޓޯބަރު 2022
ނޫސްވެރިން ވެސް ޕޮލިސްކައިރީ އަހާލަބަލަ ފަރުވާ ދޭން ދެކޮޅުހެދީ ކޮން މަގުސަދެއްގައިތޯ. ދެން އަހާލަބަލަ އާއިލާއަށް މޫނު ނުދައްކަން ތި އުޅެނީ ތަހުގީގަށް ކޮން ހުރަހެއް އެޅިދާނެތީތޯ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް