ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު: އޭނާގެ ހަށިގަނޑު ހަވާލު ކުރަން އާއިލާއިން އެދުނު ނަމަވެސް އެންއައިސީން ބުނަނީ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް

އާއިލާއިން ދެކޮޅު ހެދިޔަސް އަބްދުﷲގެ ޕޯސްޓްމޯޓަމް ހަދަނީ

އެންއައިސީން ބުނީ މި މައްސަލާގައި އިންސާފަށް ވާސިލްވުމަކީ މުހިއްމު ކަމަކަށް ވާތީ ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް
28 އޮކްޓޯބަރު 2022
3

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަންގާރަ ދުވަހު މަރުވި އަބްދުﷲ ރަޝީދުގެ އާއިލާއިން އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ދެކޮޅު ހަދަމުން ދަނިކޮށް، އޭނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން ރޭ ބުނެފި އެވެ.

އެނގުން މުހިއްމު - އެންއައިސީގެ ނޫސް ބަޔާނެއްގައި ބުނިގޮތުގައި:

  • މި މައްސަލާގައި ފުލުހުންގެ އެއްވެސް އިހުމާލެއް ވޭތޯ ބެލުމަށް ގާނޫނުގެ ދަށުން އެންއައިސީން އިސްނަގައިގެން ދަނީ ޖިނާއީ ތަހުގީގެއް ކުރަމުން

  • މި މައްސަލަ ބަލަމުން ދަނީ ފުލުހުންނާ އެކީގައި، ގުޅިގެން ހިންގާ ތަހުގީގެއްގެ ގޮތުގައި

  • ތަހުގީގު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ އެންއައިސީން؛ ފުލުހުންގެ މައިގަނޑު ދައުރަކީ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުން

ތަފްސީލް - އެންއައިސީން ބުނީ މި މައްސަލާގައި އިންސާފަށް ވާސިލްވުމަކީ މުހިއްމު ކަމަކަށް ވާތީ، ތަހުގީގުގެ ބޭނުމަށް، ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން، އަބްދުﷲގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މައްސަލައިގެ ފެށުން - ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ން ގދ. ހޯނޑެއްދޫގައި ހިންގި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއްގައި އަބްދުﷲ ރަަޝީދު، 43، ސުވޯން/ގދ. ހޯނޑެއްދޫ، ހިމެނޭ ގޮތަށް ތިން މީހަކު އިއްޔެ މެންދުރު ފަހު 3 ހާއިރު އެ ރަށުން ހައްޔަރުކުރި އެވެ. އަދި އެ މީހުން ގޮވައިގެން އެ ރަށުން ފުރައިގެން އެހެން ތަނަކަށް ގެންދަން އުޅެނިކޮށް، އަބްދުﷲ މަރުވީ ލޯންޗުމަތީގައި ކަމަށްވެ އެވެ.

ވީ ކިހިނެއް؟ - އަބްދުﷲ ރަޝީދު މަރުވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުންގެ ރިޕޯޓުގައިވެ އެވެ. ނަމަވެސް، އޭނާ މެއަށް ތަދުވާތީ ފުލުހުން ކައިރީ ފަރުވާއަށް އެދި އާދޭސް ކުރި އިރު ވެސް ފަރުވާ ދިނުމަށް ފުލުހުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ، އާއިލާ އިން ތުހުމަތު ކުރަނީ އޭނާ މަރުވެފައިވަނީ ފުލުހުންގެ އިހުމާލުން ކަމަށެވެ. އަދި އާއިލާ އިން ދަނީ އަބްދުﷲގެ ޕޯސްޓްމޯޓަމް ހެދުމާ ދެކޮޅު ހަދަމުންނެވެ.

އާންމުންގެ ހިތްހަމަނުޖެހުން ފުލުހުންނަށް އަމާޒުވެފައިވާ މި މައްސަލައިގައި އަބްދުﷲގެ އާއިލާއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އޭނާގެ ހަށިގަނޑު  އާއިލާއާ ހަވާލުކުރުމަށް އެދިފަ އެވެ.

އަބްދުﷲގެ ހަށިގަނޑު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ގަލޮޅު މޯޗަރީގަ އެވެ. އެ ތަނަށް އާއިލާ މީހުން ވަނުމުގެ ފުރުސަތެއް ފުލުހުން ނުދެ އެވެ.

ކޮމެންޓް (3)

ސިކުނޑި

28 އޮކްޓޯބަރު 2022
އޮޓޮޕްސީ ހެދިޔަސް ނުހެދިޔަސް ފުލުހުންނަށް ސަލާމަތެއްނެތް! އެއީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއްވެސްނޫން! ފުލުހުން ސިއްހީ ފަރުވާ ފޯރުކޮށް ނުދިނީ! ގައްޑާވެގެން މާބޮޑަށް އެނގިގެން ފޭކު ހަދަނީޔޭ ކިޔައިގެންތިބީ މަރުވަންދެން! އާއިލާއާއި ދެކޮޅަށް އޮޓޮޕްސީއެއް ނެހެދޭނެ!
1 0

ފަރީދު

28 އޮކްޓޯބަރު 2022
އޮޓޮޕްސީން ކޮންކަމެއް ހޯދަން ތި އުޅެނީ؟ ހާޓްއެޓޭކް ޖެހިގެން ނޫން ކަން ސާބިތުކުރަންތަ ތި އުޅެނީ؟ ފަރުވާއަށް އެދި ގިނައިރު ވީއިރުވެސް ހޮސްޕިޓަލަށް ނުގެންދިޔަކަން ސާބިތު ނުވާނެ ދޯ ތި ބުނާ އޮޓޮޕްސީއަކުން. ތުހުމަތު ކުރެވެނީ ފަރުވާއަށް އެދުމުން އަޅާ ނުލާ ބޭއްވި ކަމަށް. އޮޓޮޕްސީން އެކަން ނަފީކުރެވޭތަ؟؟ އަނިޔާކޮށްގެން މަރާޅި ކަމަކަށް މީހަކު ނުކިޔައޭ.
2 0

ޢިމާދު

28 އޮކްޓޯބަރު 2022
@ފަރީދު ޢަސްލުގަ ވެސް. ފުލުހުން އަނިޔާ ކުރިއެކޭ އާއިލާއިން ނުބުނޭ. ޢޮޓްޕްސީ ހަދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމެއް ފޮރުވަން ހަށިގަނޑު އާއިލާއަށް ނުދައްކާ ދަންމާލަނީ އަނެއްކާ އަނިޔާގެ ނިޝާން ހަށިގަނޑުގައި ހުރީމަތަ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް