އަބަދުﷲ ރަޝީދު: އާއިލާ އިން ތުހުމަތު ކުރަނީ ފުލުހުން އޭނާ މަރުވަންދެން ބޭއްވީ ކަމަށް.
އަބްދުﷲ މަރުވަންދެން ބޭއްވީ؛ އޮޓޮޕްސީ ހަދަން ދެކޮޅު: އާއިލާ
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އިއްޔެ މަރުވި އަބްދުﷲ ރަޝީދުގެ މަރާ ގުޅޭ ގޮތުން އާއިލާގެ ފަރާތުން މިއަދު ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ދެކޮޅު ހަދައިފި އެވެ.
މައްސަލައިގެ ފެށުން - ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ން ގދ. ހޯޑެއްޑޫގައި ހިންގި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއްގައި އަބްދުﷲ ރަަޝީދު، 43، ސުވޯން/ގދ. ހޯޑެއްދޫ، ހިމެނޭ ގޮތަށް ތިން މީހަކު އިއްޔެ މެންދުރު ފަހު 3 ހާއިރު އެ ރަށުން ހައްޔަރުކުރި އެވެ. އަދި އެ މީހުން ހައްޔަރުކޮށްގެން އެރަށުން ފުރައިގެން އެހެން ތަނަކަށް ގެންދަން އުޅެނިކޮށް، އޭނާ މަރުވީ ލޯންޗުމަތީގައި ކަމަށް ވެއެވެ. އެގޮތުން، ފުލުހުން އިއްޔެ ބުނީ:
-
މެއަށް ތަދެއް އަރައިގެން ފިޓު ޖެހުން ފަދަ އަލާމާތްތަކެއް ފެނިގެން ގދ. މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔަ
-
ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވޭ
ތަފްސީލު - އާއިލާގެ ފަރާތުން ވާހަކަ ދެއްކި އަބްދުﷲ ރަޝީދުގެ ބޮޑު ބޭބެ، ހަސަން އަހްމަދު މިއަދު 'ދައުރު'އަށް ބުނީ، ހައްޔަރުކޮށްގެން ގެންދިޔުމަށް ފަހު އެ ލޯންޗު ގިނައިރުތަކެއް ވަންދެން ހޯޑެއްދޫ ޖެޓީގައި އޮތް ކަމަށެވެ. އަދި އޭރު ލޯންޗުގައި ހުރެގެން ވެސް މެއަށް ތަދެއް އަރާ ވާހަކަ ފުލުހުން ގާތުގައި އޭނާ ބުނި ކަމަށާއި ނަމަވެސް ފަރުވާ ދިނުމަށް ފުލުހުން ދެކޮޅު ހެދި ކަމަށް އޭނާ ބުންޏެވެ.
"އޭނާ ރޮއެ އާދޭސް ކުރި، ތެޅި ފޮޅުނު. އެކަމަކު އެ މީހުން [ފުލުހުން] ބުނީ އޭނާ ޑްރާމާ ޖައްސަނީއޭ،" މަންޒަރު ދުށް މީހުންނާ ހަވާލާދީ، އާއިލާގެ ފަރާތުން މިކަމުގައި ފުލުހުންނާއި ކަމާ ބެހޭ ފަރާތްތަކާ ވާހަކަދެއްކުމަށް ކަނޑައަޅާފައިވާ ހަސަން ބުންޏެވެ.
"ދެ ގަޑިއިރު ހޭދަވި ލޯންޗުގައި. މަރުވީ، ހޯޑެއްދޫ ޖެޓީގައި [ލޯންޗު އޮއްވާ]. އެކަމަކު ގެންދިޔައީ މަޑަވެލި ސިއްހީ މަރުކަޒަށް."
ހޯޑެއްދުއަށް ނާރުވައި މަޑަވެއްޔައް "އޭނާގެ ފުރާނަ ނެތް މަސްގަނޑު" ގެންދިޔައީ، އާއިލާ އާއި ރަށުގެ ރައްޔިތުން އެކަމާ ނުރުހިގެން އިތުރު ހަމަނުޖެހުމެއް ހިންގަފާނެ ކަމަށް ބެލެވޭތީ ކަމަށް އޭނާ ބުންޏެވެ.
"މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔައީ 5:10ގައި. ޑޮކްޓަރުން ބުނީ، އޭގެ 30 މިނެޓް ކުރިން މަރުވެފައިވާ ކަމަށް ޑޮކްޓަރުގެ ރިޕޯޓުގައި އޮތީ،" އޭނާ ބުންޏެވެ.
ޑޮކްޓަރުގެ ރިޕޯޓުން އެނގޭ ގޮތުގައި، އަބްދުﷲ މަަރުވެފައިވަނީ "ސަޑަން ކާޑިއެކް އެރެސްޓް" ނުވަތަ ކުއްލިއަކަށް ހިތް ހުއްޓިގެންނެވެ. މަޑަވެލި ސިއްހީ މަރުކަޒުގެ އޮފިޝަލަކާއި އާއިލާއިން ވެސް 'ދައުރު'އަށް އެކަން ކަށަވަރުކޮށްދެ އެވެ.
މަޑަވެލި ސިއްހީ މަރުކަޒުގެ އޮފިޝަލް ވިދާޅުވީ، މަރުވިކަން ޔަގީންކޮށްފައި ވަނީ 5:15ގަ އެވެ.
'ފަރުވާ ނުދީ ބޭއްވުމަކީ މަރާލުން'
އަބްދުﷲ މަރުވީ ފުލުހުން އަނިޔާކޮށްގެން ކަމަށް ރަށުތެރޭގައި އޮތީ އަޑު ފެތުރިފަ އެވެ. ނަމަވެސް، އާއިލާ އިން އެކަން ދޮގު ކުރެ އެވެ. އާއިލާގެ ކަންބޮޑުވުމަކީ މެއަށް ތަދުވާ ވާހަކަ އަބްދުﷲ ބުނުމުން ވެސް ފަރުވާ ނުދީ ލޯންޗުގައި ބަންދުކޮށްގެން ގެންގުޅުމެވެ.
"ފުލުހުން އަނިޔާއެއް ނުކުރޭ. އެއްވެސް އަނިޔާއެއް ކޮށްފައެއް ނެތް. ހާޓް އެޓޭކެއް ޖެހުނީމަ އޭނަ މަރުވަންދެން ފުލުހުން ބޭއްވީ. ޑޮކްޓަރަށް ނުދައްކައި މަރުވީމަ ފަރުވާއަށް މި ގެންދިޔައީ،" ހަސަން ބުންޏެވެ.
"ފުލުހުންގެ އިހުމާލަކުން ނޫން މަރުވީ. ފުލުހުން އޭނާ މަރާލީ. އެއީ އިހުމާލަކަށް ވާނީ ފަރުވާ ދިނުން ލަސްވުން. އެކަމަކު އޭނާ ހާޓް އެޓޭކެއް ޖެހިގެން ބަލަހައްޓައިގެން ތިބުމަކީ މަރާލުން. އެއީ މުޅި އާއިލާ އިން ގަބޫލުކުރާ ގޮތް."
ހަސަން ބުނި ގޮތުގައި، ހާޓް އެޓޭކެއް ޖެހިގެން ފެންނަން ޖެހޭ ހުރިހާ އަލާމާތެއް އެ ވަގުތު އޭނާގެ ކިބައިން ފެނުނެވެ. އަދި އެ ވަރު ނުދަންނަ ފުލުހުން ނުތިބޭ ކަމަށް އޭނާ ބުންޏެވެ.
"އިހުމާލެއް ނޫން. ގަސްތުގައި ހަމަ މަރާލީ،" ތަކުރާރުކޮށް ހަސަން ބުންޏެވެ.
މަރުވީ %100 ފުލުހުންގެ އިހުމާލުން، މައްސަލަ 241އަށް ހުށަހަޅައިފިން: ފިރުޝާން
ލޯންޗު ހޯޑެއްދޫ ޖެޓީގައި އޮތް އިރު، އެ ވަގުތު އެހެން ދަތުރެއްގައި ފުރާވަޑައިގަތުމަށް، އެ ރަށް ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވެސް އެ ސަރަހައްދަށް ވަޑައިގަތެވެ.
ފިރުޝާން މިއަދު 'ދައުރު'އަށް ވިދާޅުވީ، އޭނާ ޖެޓީއަށް ވަޑައިގެންނެވިއިރު 4:02 ހާއިރު ވެފައިވާ ކަމަށެވެ. އޭރު ވެސް އަބްދުﷲ ރަޝީދާއި އޭނާއާ އެކު ހައްޔަރުކުރި މީހުން ތިބީ ލޯންޗުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރު ވެސް އޭނާ ބުނަމުން ދިޔަ މެއަށް ތަދުވާ ވާހަކަ. އެކަމަކު ފުލުހުން ފަރުވާއަކަށް ނުގެންދޭ،" ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ފިރުޝާން ވިދާޅުވި އެވެ.
"އަހަރެން އަމިއްލައަށް ގޮސް އެދުނިން ފުލުހުން ކައިރީގައި އަވަސް ފަރުވާއަށް ގެންދިޔުމަށް. އަވަސް ފަރުވާ ދިނުމަށް އެދުނީ. ދޫކޮށްލާކަށެއްވެސް ނޫން. އެކަމަކު ފުލުހުން ދެކޮޅު ހެދީ،"
ފިރުޝާން ވިދާޅުވީ، މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރިޔަސް، ފަރުވާ ދޭން ޖެހޭ މީހަކަށް ފަރުވާ ދިނުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ.
"އަޅުގަނޑު ގަބުލުކުރަނީ އަބްދުﷲ ރަޝީދު މަރުވީ، ފުލުހުންގެ %100 އިހުމާލުން ކަމަށް،" ފުލުހުން އަނިޔާ ކުރި ތަން ފެނިވަޑައިނުގަންނަވާކަން ފާހަަގަކުރައްވައި ފިރުޝާން ވިދާޅުވި އެވެ.
ރާއްޖޭގެ ބައެއް ނޫސްތަކަށް މަޑަވެލީ ކައުންސިލްގެ މެމްބަރުން ދެއްވި އިންޓަވިއުތަކުގައި ވެސް ފުލުހުން އަބްދުﷲ ރަޝީދަށް ފަރުވާ ދިނުމަށް ދެކޮޅު ހެދި ކަމަށް ވިދާޅުވެފައިވެ އެވެ.
މި މައްސަލައިގައި ފުލުހުންގެ އިހުލާމާލު އޮތްކަން ފާހަގަކުރައްވައި ފިރުޝާން އިއްޔެ ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވެސް ހުށަހަޅުއްވާފަ އެވެ. އެ މައްސަލަ ވީހާ ވެސް އަވަހަކަށް ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި އެ ސިޓީގައި ފިރުޝާން ވިދާޅުވީ، "މި ހާދިސާ ހަމަ ލޮލުން ދުށް މީހެއްގެ ހައިސިއްޔަތުން" ކޮމިޓީގައި ކަން ހިނގައިދިޔަ ގޮތް ހިއްސާކުރެއްވުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
އޮޓޮޕްސީ ހަދަން އާއިލާއިން ދެކޮޅު
ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނެފައިވާ ގޮތުން، އަބްދުﷲ ރަޝީދުގެ މަރުގެ ސަބަބު ދެނެގަތުމަށް އޮޓޮޕްސީއެއް ހެދުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް، އާއިލާ އިން ދަނީ އެކަމާ ދެކޮޅު ހަދަމުންނެެވެ.
ގދ. ތިނަދުއަށް ހަށިގަނޑު ގެންދިޔުމަށް ފަހު، ރޭގެ ވަގުތެއްގައި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ވަނީ މާލެ ގެނެސްފަ އެވެ. މިހާރު ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގަ އެވެ. އާއިލާގެ ކަންބޮޑުވުމަކީ، އަބްދުﷲ ރަޝީދު ވަޅުލުމަށް އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލު ނުކުރުމެވެ.
"އާއިލާގެ އެއްވެސް މީހަކު ބޭނުމެއް ނުވޭ ޕޯސްޓްމޯޓަމް ހަދާކަށް އަޅުގަނޑުމެން ބުނެފިން، އާއިލާގެ އެކަކު ވެސް އެ ގޮތް ބޭނުން ނުވާ ކަމަށް. ދަރިއަކު ވެސް، މަންމަ ވެސް ބޭނުމެއް ނުވޭ އެކަން ކުރާކަށް،" އާއިލާގެ ފަރާތުން ކުރިން ވާހަކަ ދެއްކި ހަސަން ބުންޏެވެ.
ހަސަން ބުނީ، ފުލުހުން ބޭނުންވަނީ އާއިލާއާ ދެކޮޅަށް ވެސް އޮޓޮޕްސީ ހެދުމަށް ކަމަށެވެ.
"އެ މީހުން [ފުލުހުން] ބުނަނީ، އެއީ ތިމަންނާމެންނަށް އޮތް ބާރެކޭ. އެ ބާރުގެ ބޭނުންކޮށްގެން ވެސް އެބަ ޖެހެޔޭ ބޭރަށް ގެންގޮސް ޕޯސްޓްމޯޓަމް ހަދަން،" މިވަގުތު މާލޭގައި ހުރި ހަސަން ބުންޏެވެ.
"އަޅުގަނޑުމެން ބުނެފިން [ފުލުހުން ގާތުގައި]، އެއްވެސް މީހަކަށް މި ގަބުރެއް ނުގެންދެވޭނޭ. އެއީ ކަލޭމެންނަށް އޮތް ހައްގެއް ނޫނޭ، ގާނޫނީ ގޮތުން ވެސް މަސްގަނޑު އިތުރު ތަނަކަށް ނުގެންދެވޭނޭ. ވީހާ ވެސް އަވަހަކަށް މަސްގަނޑު ގަބުރުސްތާނަށް ގެންގޮސްދޭށޭ ވަޅުލަން. އެހެން ނޫނީ އަޅުގަނޑުމެން މި ތަނުން ނުދާނަމޭ. ދިހަ ރޭ ވިޔަސް މި ތިބީ މިތާ ތިބެން."
އޮޓޮޕްސީ ހެދުމަށް އާއިލާ އިން ދެކޮޅު ހަދާ ސަބަބެއްގެ ގޮތުގައި ހަސަން ބުނީ:
-
މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުންގެ ރިޕޯޓުން މިހާރު ވެސް އެނގޭ؛ މަރުވި ކަމަށް ބުނަނީ ފުލުހުން ތަޅާ އަނިޔާކޮށްގެން ނޫން
-
މަރާ ބެހޭ އެއްވެސް ތަހުގީގެއް ކުރުމަށް ބޭނުމެެއް ނުވޭ؛ މިކަމުގައި އިތުރަށް ބަލަން ޖެހޭ އެއްޗެއް ނޯންނާނެ
-
އިތުރު އަނިޔާއެއް ދޭކަށް ބޭނުމެއް ނުވޭ
-
ކިތަންމެ ރިޕޯޓެއް ނެރުނަސް، އެ ފުރާނައެއް ދެން ނުލިބޭނެ
އެނގުން މުހިންމު - އާއިލާ އިން ދެކޮޅު ހެދި ނަމަވެސް، ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންގެ ގާނޫނުގެ ދަށުން ފުލުހުންނަށް އޮވެ އެވެ. ނަމަވެސް އެކަމަށް ކޯޓު އަމުރެއް ހޯދަން ޖެހެ އެވެ.
ގުޅުން ހުރި ކަމެއް - އަބްދުﷲ ރަޝީދަކީ ހޯޑެއްދޫ ޕީޕީއެމް ސްޓިއަރިން ކޮމިޓީގެ ރައީސްއެވެ. އޭނާގެ ކުއްލި މަރާ ގުޅިގެން އެ ޕާޓީން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ. އެ ޕާޓީގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ތުހުމަތުކުރެއްވި ގޮތުގައި އަބްދުﷲ ރަޝީދު މަރުވެފައި ވަނީ ފުލުހުންގެ އިހުމާލުންނެވެ. މިކަމުގައި ފުލުހުން އަމަލުކުރި ގޮތް ކުށްވެރިކޮށް، އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅައި، އިންސާފު ހޯދައިދިނުމަށް ގޮަވާލައި، އެޕާޓީން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.
މި މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސް، ތަހުގީގުކުރަން އެދިފައިވާނެ ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.
ފުލުހުންގެ ބަސް - ފުލުހުންގެ ތަރުޖަމާނަކު މިރޭ 'ދައުރު'އަށް ވިދާޅުވީ މި ކަމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ވޭތޯ ބެލުމަށް ފުލުހުން އިސްވެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ތަހުގީގު މިހާރު ކުރިއަށްދާކަން ފުލުހުން ފާހަގަކުރިޔަސް އިތުރު ތަފްސީލެއް ނުދެ އެވެ.
ކޮމެންޓް (7)
އަހުމަދު މީމު
މީ މަށޭ
ބޮންދުރާޅު
އޮޓޯޕުސީ
ޢިމްރާން
ސުކުނާ
ބެއްޔާބ