ހއ. ފިއްލަދޫގެ ދައްޕަރު ސަރަހައްދު.
ފިއްލަދޫއާ ދައްޕަރު ރަސްމީކޮށް ހަވާލުކުރުން ލަސްވާތީ ކަންބޮޑުވުން
ހއ. ފިއްލަދޫގެ އިހުތިސޯސްގެ ތެރޭގައި، ގުދުރަތީ ގޮތުން އެ ރަށުގެ ބައެއްގެ ގޮތުގައި އޮންނަ ދައްޕަރު ސަރަހައްދު އަލުން ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން ތަންފީޒުކުރުން ލަސްވާތީ ފިއްލަދޫގެ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މައްސަލައިގެ ފެށުން - ރާއްޖޭގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ފިއްލަދޫގެ އުތުރުކޮޅުގައި އޮންނަ ދައްޕަރު އެ ރަށުގެ އިހުތިސޯސުން ވަކިކޮށް، ޓޫރިޒަމްގެ ބޭނުމަށް ހާއްސަ ކުރީ މިދިޔަ އޮގަސްޓު މަހުގެ 29ގަ އެވެ. އެ ނިންމެވުމާއެކު، ފިއްލަދޫ ރައްޔިތުންގެ ތެރެއިން ބަޔަކު އިސްނަގައިގެން 'ސޭވް ދައްޕަރު'ގެ ނަމުގައި ހަރަކާތެއް ފެށި އެވެ. އެ ހަރަކާތުން އިސްނަގައިގެން ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.
ފިއްލަދޫގެ އިހުތިސޯސްގެ ތެރޭގައި އަލުން ދައްޕަރު ހިމެނުމަށް ފެށި މަސައްކަތުގެ ނަތީޖާއަކަށްވީ، ރައްޔިތުން އެދުނު ގޮތަށް އެ ރަށުގެ އިހުތިސޯސުގެ ތެރެއަށް ވެއްދުމަށް ރައީސް ނިންމެވުމެވެ. ރައީސް އެގޮތަށް ނިންމެވީ މި މަހުގެ ހަތަރެއްގަ އެވެ. އެކަމަކު، އެ ނިންމެވުން ރަސްމީ ވާނީ ރައީސް ގަރާރެއް ނެރުއްވުމުންނެވެ.
ވީ ކިހިނެއް؟ - ރައީސްގެ އެ ނިންމެވުމާ އެއްގޮތަށް ފިއްލަދޫގެ އިހުތިސޯސްގެ ތެރޭގައި ދައްޕަރު ހިމެނުމާ ގުޅޭ ގަރާރު ރައީސް އަދި ނެރުއްވާފައި ނުވާތީ، 'ސޭވް ދައްޕަރު' ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ހަރަކާތުގައި އިސްކޮށް މަސައްކަތްކުރާ މުހައްމަދު ވަހީދު މިއަދު 'ދައުރު' އަށް ބުނީ، ފިއްލަދޫގެ އިހުތިސޯސްގެ ތެރޭގައި ދައްޕަރު ހިމަނަން ރައީސް ނިންމެވިކަން އިއުލާނު ކުރެއްވި ނަމަވެސް، އެކަން ރަސްމީކޮށް ތަންފީޒުކުރުމަށްޓަކައި ރައީސްގެ ގަރާރު ގެޒެޓުކޮށްފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
ރައީސް އޮފީހުގެ ބަސް - އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒްއާ މިއަދު ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ފިއްލަދޫގެ އިހުތިސޯސްގެ ތެރޭގައި ދައްޕަރު އަލުން ހިމެނުމަށް ރައީސް ނިންމެވިތާ އަދި މާ ގިނަ ދުވަސް ނުވާ ކަމަށެވެ.
"ރަސްމީ ދެ ދުވަސް ނޫންތޯ އަދި މި ދިޔައީ. ހޯމަ ދުވަހުގެ ރަސްމީ ގަޑި ނިމުނު ފަހުން އެކަން އިއުލާނު ކުރެއްވީ. އޭގެ ފަހުން ބުރާސްފަތި ދުވަހަކީ ވެސް ރަސްމީ ބަންދު ދުވަހެއް ނޫންތޯ،" މަބްރޫކު ވިދާޅުވި އެވެ.
މި ފެށޭ ހަފްތާގައި ރައީސްގެ ގަރާރު ނެރުއްވާނެތޯ އެހުމުން މަބްރޫކް ވިދާޅުވީ އެކަމާ ގުޅޭ އިތުރު ތަފްސީލް ދެއްވޭނީ މާދަމާ އޮފީސް ހުޅުވުމުން ކަމަށެވެ.
އިތުރަށް ކިޔާލަން -
ކޮމެންޓް (1)
އަތޯލާ