ހއ. ފިއްލަދޫގެ ދައްޕަރު ސަރަހައްދު

ފިއްލަދޫގެ ބަޔަކަށް އަލުން ދައްޕަރު ހެދުމުން ރައީސަށް ޝުކުރު

ކައުންސިލުން ބުނީ، ރައްޔިތުންގެ އެދޭ ގޮތަށް ރައީސް ނިންމަވައިދެއްވާނެ ކަމަށް އުއްމީދުކޮށްގެން ތިބި ކަމަށް

ހއ. ފިއްލަދޫގެ އިހުތިސޯސްގެ ތެރެއަށް ދައްޕަރު ލާން ނިންމެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ފިއްލަދޫ ކައުންސިލުން މިއަދު ޝުކުރު އަދާކޮށްފި އެވެ.

ޓޫރިޒަމްގެ ވިޔަފާރިއަށް ހާއްސަކުރުން މަގުސަދަކަށް ބާއްވަވައިގެން ރައީސް ވަނީ އޮގަސްޓް 29 ގައި ފިއްލަދޫގެ އިހުތިސާސްގެ ތެރެއިން ދައްޕަރު ވަކިކުރަން އަމުރު ނެރުއްވައިފަ އެވެ.

މައްސަލައިގެ ފެށުން - ދައްޕަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ފިއްލަދޫގެ އުތުރުކޮޅެވެ. އެކަމަކު ރައީސްގެ ގަރާރަކުން ނިންމީ ފިއްލަދޫން ދައްޕަރު ވަކިކޮށް ރިސޯޓު ތަރައްގީކުރާ ރަށެއްގެ ގޮތުގައި ބާއްވާށެވެ. ފިއްލަދޫގެ އިހުތިސޯސުން ދައްޕަރު ވަކިކުރުމާ އެކު، އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އިސްނަގައިގެން "ސޭވް ދައްޕަރު"ގެ ނަމުގައި ހަރަކާތެއް ފެށި އެވެ. އެ ހަރަކާތުން އިސްނަގައިގެން ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.

ވީ ކިހިނެއް - ފިއްލަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައީސް ސޯލިހު މިވަނީ އިޖާބަދެއްވައިފަ އެވެ. އިއްޔެ ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި، ރައީސް ނިންމީ ފިއްލަދޫގެ ބައެއްގެ ގޮތުގައި ދައްޕަރު ބާއްވާށެވެ. އެގޮތަށް ނިންމީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކައުންސިލުގެ ބަސް - 'ދައުރު' އާ ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލުގެ ރައީސް ފަތުހުﷲ ހަސަން ވިދާޅުވީ ރައީސް އެ ނިންމެވި ނިންމެވުމަށް "ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ކަމަށެވެ.

"ރައްޔިތުން އެދޭ ގޮތަށް ރައީސް ކަންތައް ކޮށްދެއްވާނެ ކަމަށް ބަލައިގެން ތިބީ. އުއްމީދު ވެސް އޮތް،" ފަތުހުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފިއްލަދޫގެ އިހުތިސޯސުން ދައްޕަރު ވަކިކުރެއްވި ހިސާބުން، އެ ސަރަހައްދު އަނބުރާ ހޯދަން ރައީސް އޮހީހާ އެކު ލިޔެކިޔުމުން މުއާމަލާތް ފެށި ކަމަށެވެ. އެކަމުގައި އަތޮޅު ކައުންސިލުގެ އެއްބާރުލުން ވެސް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފިއްލަދޫގެ އިހުތިސޯސުގައި ބާއްވައިގެން ވެސް ދައްޕަރުގައި މަޝްރޫއުތައް ހިންގަން އެއްވެސް މައްސަލައެއް ނެތެވެ.

"މަޝްރޫއަކަށް ވުރެ ބޮޑަށް މިވަގުތު މުހިއްމީ ރަސްމީކޮށް ފިއްލަދޫގެ އިހުތިސޯސްގެ ތެރޭ ދައްޕަރު ހިމެނުން. މަޝްރޫއުގެ ވާހަކަ ދެއްކޭނީ ރަސްމީކޮށް އިހުތިސޯސްގެ ތެރެއަށް ދައްޕަރު ލީމާ،" ފަތުހުﷲ ވިދާޅުވި އެވެ.

"އެއީ ރަށުގެ އުތުރު ބައި. މާލޭގެ މާފަންނާއި ހެންވޭރު މިސާލަކަށް. މާލޭ މާފަންނު މީހުން ބޭނުމެއް ނުވާނެ ހެންވޭރު މާލެއިން ވަކިކުރާކަށް." 

ފިއްލަދޫގެ އިހުތިސޯސްގެ ތެރޭގައި ރަސްމީކޮށް ދައްޕަރު ހިމެނޭނީ، ރައީސްގެ ގަރާރަކުން އެކަން އިއުލާނު ކުރެއްވުމުންނެވެ.

އިތުރަށް ކިޔާލުމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް