"ސޭވް ދައްޕަރު" މަަސައްކަތުގައި އުޅޭ ފަރާތްތައް މަޖިލީހަށް ޕެޓިޝަން ހުށަހެޅުމަށްފަހު މަޖިލިސް އިދާރާގެ ބޭރުގައި. (ދައުރު ފޮޓޯ/ ފަރީހާ އަބްދުﷲ)

ފިއްލަދޫން ދައްޕަރު ވަކިކުރުމުން މަޖިލީހަށް ޕެޓިޝަނެއް

ފިއްލަދޫ ރައްޔިތުން ބޭނުންވަނީ ދައްޕަރަކީ އެރަށުގެ އިހުތިސޯސްގައި ހިމެނޭ ތަނަކަށް ހަދައި އެތަނުން ރަށުގެ ރައްޔިތުންނަށް މަންފާ ލިބޭގޮތް ވުން
21 ސެޕްޓެމްބަރު 2021

ހއ. ފިއްލަދޫ އިހުތިސޯސުން ދައްޕަރު ވަކި ކުރި މައްސަލައިގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހާމަކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މައްސަލައިގެ ފެށުން - ފިއްލަދޫއާ އެއްކޮށް އޮންނަ ދައްޕަރު އެ ރަށުގެ އިހުތިސޯސުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 29 ގަ އެވެ. ފިއްލަދޫގެ އިހުތިސޯސުން ދައްޕަރު ވަކިކޮށް ސަރުކާރުން އާންމުކުރި ގަރާރުގައި ދައްޕަރު ހިމަނާފައިވަނީ ރިސޯޓު ތަރައްގީ ކުރާ ރަށެއްގެ ގޮތުގަ އެވެ.

ފިއްލަދޫ ކައުންސިލުން ބުނެފައިވަނީ އެރަށުގެ އިހުތިސޯސުން ދައްޕަރު ވަކިކޮށްފައި ވަނީ ކައުންސިލަށް އެނގުމަކާ ނުލައި މަޝްވަރާ ވެސް ނުކޮށް ކަމަށެވެ. އެ ނިންމުން ސަރުކާރުން ނިންމިއިރު، ފިއްލަދޫގެ ލޭންޑު ޔޫސް ޕްލޭނުގައި ދައްޕަރު ހިމަނައި، ދައްޕަރުން ރައްޔިތުންނަށް ފައިދާވާނެ ގޮތްތަކެއް ދިޔައީ ރާވަމުންނެވެ.

ފިއްލަދޫގެ އިހުތިސޯސުން ދައްޕަރު ނަގައި ރައީސްގެ ގަރާރުން ގެނެސްފައިވާ ބަދަލު.

މަޖިލީހަށާއި ރައީސަށް ޕެޓިޝަން

ފިއްލަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މަޖިލީހަށް މިއަދު ޕެޓިޝަން ހުށަހެޅުމަށްފަހު، "ސޭވް ދައްޕަރު" ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ފިއްލަދޫގެ ޒުވާނެއް ކަމަށްވާ މުހައްމަދު ވަހީދު ބުނީ، ދައްޕަރަކީ ފިއްލަދޫގެ ބިމުގެ އެއްބައި ކަމަށާއި ޕެޓިޝަންގައި އެދިފައިވާނީ އެ ސަރަހައްދު ކުރިން އޮތްގޮތަށް ކައުންސިލުގެ އިހުތިސޯސްގެ ތެރޭގައި ހިމަނައިދިނުމަށް ކަމަށެވެ.

"ފިއްލަދޫ ޖުމްލަ ހުރިހާ ރައްޔިތުން ހަމަ އެކައްޗެއް ކިޔައި އެއް ރޫހެއްގައި، އަމިއްލަ ފަސްގަނޑު ދިފާއުކުރުމަށް ތައްޔާރު ކުރި ޕެޓިޝަނެއް މިއީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ފިއްލަދޫގެ އިހުތިސޯސުން ދައްޕަރު ވަކި ކުރި ދުވަހުން ފެށިގެން ޕެޓިޝަންގެ މަސައްކަތް ފެށި ކަމަށެވެ.

"ޕެޓިޝަނުގެ ނަތީޖާ އަށް ބަލައި ދެން ކުރިއަށް ދާން ހުރި މަރުހަލާތައް އަޅުގަނޑުމެން މަސައްކަތް ކުރާނަން. ކައުންސިލުން އޮފިޝަލީ ކުރަންޖެހޭ މަސައްކަތްތައް ވެސް ދަނީ ކުރަމުން. ރައީސް އޮފީހާއި ސަރުކާރުގެ ގުޅުންހުރި ވުޒާރާތަކަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވައި އަތޮޅު ކައުންސިލަށް ގަރާރެއް ވެސް ވާނީ ފޮނުވާފައި،" ވަހީދު ބުންޏެވެ.

"ދައްޕަރޭ ކީމާ ބައެއް ބޭފުޅުންނަށް ހީވާނެ އެއީ ވަކި ރަށެކޭ. ނޫން، އެއީ ހަމަ މާލޭގައި ހެންވޭރު މާފަންނު އޮންނަހެން ހަމަ އެއް ފަސް ގަނޑެއް އެއްފަޅެއް އެއްތަނެއް މިއީ."

ވަހީދު ބުނީ ލާމަރުކަޒީ ގާނޫނަށް އަލަށް ގެނައި އިސްލާހާ އެކު މުޅި ރަށް އޮތީ ފިއްލަދޫ އިހުތިސޯސް ތެރޭގައި ކަމަށާއި ނަމަވެސް އެ ގާނޫނަށް އަމަލު ކުރަން ފެށިތާ އަހަރެއް ފަހުން ރައީސްގެ ގަރާރަކުން ކުއްލިއަކަށް އިހުތިސޯސަށް ބަދަލު ގެނައީ ކަމަށެވެ.

"ކައުންސިލަށް ވެސް އެކަން އެނގުނީ ގެޒެޓު ކޮށްފައި އިންދައި،" އޭނާ ބުންޏެވެ.

ރައްޔިތުން އެދެނީ ދައްޕަރާއެކު ފިއްލަދޫ ތަރައްގީކުރަން

ފިއްލަދޫ ޒުވާނުންތަކެއް އިސްނަގައިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން ތައްޔާރު ކުރި ޕެޓިޝަނުގައި، ރައްޔިތުން އެދޭ ގޮތަކީ ފިއްލަދޫ ތަރައްގީ ވާއިރު ދައްޕަރު އެ ރަށުގެ އިހުތިސޯސްގެ ތެރޭ ހިމެނިގެން ތަރައްގީވުން ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

"ރައްޔިތުން އެދޭ ގޮތަކީ ފިއްލަދޫގެ އިހުތިސޯސްގެ ތެރޭގައި ދައްޕަރު އޮވެގެން އެތަން ޑިވެލޮޕްވެގެން ދިއުމަކީ ޒުވާނުންގެ ވެސް، ހުރިހާ ރައްޔިތުންގެ ވެސް އުއްމީދަކީ، ބޭނުންވާ ގޮތަކީ،" ޕެޓިޝަނާ ގުޅޭގޮތުން ވާހަކަ ދައްކަމުން ވަހީދު ބުންޏެވެ.

އޭނާ ބުނީ "ސޭވް ދައްޕަރު"ގެ ނަމުގައި ކުރިއަށްގެންދާ މަސައްކަތް ހުއްޓާލާނީ ރައްޔިތުން ބޭނުންވާ ގޮތް ހާސިލުވުމުން ކަމަށެވެ.

މި ޕެޓިޝަނުގައި:

  • މާލެ އާއި ފިއްލަދޫގައި އުޅޭ އެ ރަށުގެ 467 މީހުން ވަނީ ސޮއިކޮށްފައި

  • އޮންލައިންކޮށް ވެސް ސޮއިކުރުން ކުރިއަށް އެބަދޭ

ދައްޕަރުގައި ސެކަންޑް ހޯމް ޕައިލެޓް ޕްރޮޖެކްޓު

ދައްޕަރުގައި ސެކަންޑް ހޯމް ޕައިލެޓް ޕްރޮޖެކްޓު ހިންގަން އުޅޭ ކަމުގެ އިޝާރާތެއް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެ ކުރިން ދެއްވައިފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވަނީ ސެކަންޑް ހޯމް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ދައްޕަރުގައި ސަރުކާރުން ޕްރޮޖެކްޓެއް ފަށަން އުޅޭ ކަމަށް ވިދާޅުވެފަ އެވެ. އެ ތަނުގައި އެޕާޓްމެންޓް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަކަށް އެ ތަން ވިއްކާލައި އެ ތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ގެންގުޅުއްވާކަން މިނިސްޓަރު އެ ދުވަހު ފާހަގަކުރެއްވި އެވެ.

މިނިސްޓަރުގެ އެ ވާހަކައާ ގުޅިގެން އާންމުންނާއި އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެއީ ދައްޕަރު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅުން ކަމަށް ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް