ޖޫން 19، 2019ގައި މަޖިލިސް ޖަލްސާއެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު (ފޮޓޯ/ މަޖިލިސް)
ފޯޅަވައްސާ މެދު ވިސްނުން ބަދަލު ވިޔަސް ރާއްޖެއަށް ގެއްލުމެއް ނުވާނެ: އޭޖީ އޮފީސް
އައްޑޫގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ދިވެހި ސަރުކާރުން ނިންމި ނަމަވެސް ރާއްޖެއަށް ގެއްލުމެއް ނެތް ކަމަށާއި ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އަދިވެސް ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފޯޅަވަހީގެ މިނިވަންކަމުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެ، މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓު ދޭނެކަން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ހާމަކުރެއްވީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބައެއް ހޯދަން، ކަމާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ތަފްސީލު - އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުުން ބަންޑާރަނައިބު އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަންއާ'ދައުުރު'އިން މިއަދު ކުރި ސުވާލުތަކަށް ލިޔުމުން ފޮނުވި ޖަވާބުގައި އޭނާ ވިދާޅުވީ، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ރާއްޖެއިން ގަބޫލުކުރަން ނިންމީ އެއީ ބައިނަލްއަގުވާމީ މުޖުތަމައުގެ ވިސްނުން ކަމަށް ވާތީ އެ ވިސްނުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)2019ގައި ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ވެސް ފޯޅަވައްސަކީ މޮރިޝަސްގެ ތަނެެއްކަމަށް ނިންމާފައިވޭ
-
އިނގިރޭސިވިލާތުން އެތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭކަމަށް ނިންމާފައިވޭ
"އިންޓަނޭޝަނަލް ކޮނިއުނިޓީގެ ވިސްނުމަކީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެއްކަމަށް. ޗާގޮސްގެ ޑީކޮލޮނައިޒޭޝަންއަށް ތާއީދުކޮށް 116 ގައުމަކުން ޔޫއެން ޖެނެރަލް އެސެމްބްލީގައި 2019 ވަނަ އަހަރު ވޯޓުލާފައިވޭ،" ހުސައިން ވިދާޅުވި އެވެ.
"އައިސީޖޭއަކީ ބައިންއަގްވާމީ މައްސަލަތައް ބެލުމަށް ޔޫއެން ގެ ޗާޓަރުން އުފައްދާފައިވާ ޖުޑިޝަލް ބޮޑީ. ބައިނަލްއަގްވާމީ މައްސަލަތަކުގައި ގޮތް ނިންމައި ލަފާ ދިނުމުގެ މެންޑޭޓް އައިސީޖޭގެ އޮވޭ."
އޭނާ އަދި ވިދާޅުވީ ރާއްޖެއަކީ ޑީކޮލޮނައިޒޭޝަން ނުވަތަ މީގެ ކުރިން އަޅުވެތިކޮށްފައިވާ ތަންތަން މިނިވަން ކުރުމުގެ ސިޔާސަތަށް ތާއީދު ކުރާ ގައުމެއް ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ރޫހާ އެއްގޮތަށް ރާއްޖެއިން ވޯޓް ލުމަކީ އެކަމުގައި ރާއްޖެއަށް އެންމެ މަސްލަހަތު ބޮޑު ގޮތްކަމަށް ހުސެއިން ވިދާޅުވި އެވެ.
"އިންޓަނޭޝަނަލް ކޮމިއުނިޓީގެ ވިސްނުމާ އެއްގޮތަށް ވޯޓުލުމުން އިންޓަނޭޝަނަލް ކޮމިއުނިޓީގައި ރާއްޖެ ބަލައިގަނެ އެހެން ގައުމުތަކާ އޮންނަ ގުޅުން ރަނގަޅުވާނެ. ވީމާ އެގޮތަށް ވޯޓުލުމުން ރާއްޖެެއަށް ލިބޭނީ ފައިދާ،" ރާއްޖެއިން އެގޮތަށް ސްޓޭންޑް ނަގަން ޖެހުނު ސަބަބު ހާމަކޮށް ހުސައިން ވިދާޅުވި އެވެ.
ހުސައިން އިތުރަށް ވިދާޅުވީ:
-
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި މިހާރު ކުރިޔަށްދާ މައްސަލައިގައި ޕްރިލިމިނަރީ ނިންމުމުގައިވެސް އިޓްލޮސްއިންވެސް ވަނީ އައިސީޖޭގެ 2019 ވަނަ އަހަރުގެ އެޑްވައިޒަރީ އޮޕީނިއަންއަށް ބުރަވެ، ޗާގޮސްއަކީ މޮރިޝަސްގެ ތަނެއްކަމަށް ބުރަވެ، މި މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ނިންމާފައި
-
ފޯޅަވަހީގެ މިނިވަންކަމުގެ މައްސަލައިގައި ރާއްޖޭން ވަކި ގޮތަކަށް ވޯޓު ލުމުގެ ސަބަބުން އިޓްލޮސްގައި ކުރިޔަށްދާ، ޗާގޮސް އާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑއެޅުމުގެ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ
އެނގުން މުހިންމު - މޮރިޝަސް އިން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވަނީ ޗާގޯސްގެ ބެހިމް ފަރުން ފެށިގެން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް، އެ ގައުމުގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި ހިމަނައިދިނުމަށެވެ. ޓްރައިބިއުނަލުން މޮރިޝަސް ކޮޅަށް މައްސަލަ ނިމިއްޖެ ނަމަ، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ގާތްގަނޑަކަށް 96،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބައިކުރަން ޖެހޭނެ އެވެ.
އިތުރަށް ކިޔާލަން-