ޝަރީއަތެއްގެ އަޑުއެހުމަށް ފަހު ނާޒިމް ކްރިމިނަލް ކޯޓުގެ ބޭރުގައި. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ނާޒިމްއަށް ދިން އަދަބު ކުޑަވެގެން ދައުލަތުން އިސްތިއުނާފުކޮށްފި

ކްރިމިނަލް ކޯޓުން ހުކުމް ކުރީ ތިން މަހާއި 26 ދުވަހަށް ނާޒިމް ގޭބަންދު ކުރުމަށް

އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފްވެ، ކުށް ސާބިތުވި ގާނޫނީ ވަކީލު ނާޒިމު އަބްދުއްސައްތާރަށް ކްރިމިނަލް ކޯޓުން ކަނޑައެޅި އަދަބު ކުޑަވެގެން، އެ ހުކުމްގެ އަދަބުގެ ބައި ދައުލަތުން މިއަދު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ވީ ކިހިނެއް؟ - މާލޭގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްއާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ތިން މަހާއި 26 ދުވަހު ގޭބަންދު ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 15ގަ އެވެ. އެ ހުކުމްގެ އަދަބުގެ ބައި އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް މިއަދު ހުށަހެޅިކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން 'ދައުރު'އަށް ކަށަވަރުކޮށްދެ އެެވެ.

ތަފްސީލު - ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު މިއަދު 'ދައުރު'އަށް ވިދާޅުވީ، ހައި ކޯޓަށް މައްސަލަ ހުށަހެޅީ އަދަބާ މެދު ހިތްހަމަނުޖެހޭތީ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ޝަފީއު ނުދެއްވަ އެވެ.

އެނގުން މުހިންމު - ނާޒިމް ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އެހެންކަމުން، ދައުލަތުން އެދުނީ އަސާސީ އަދަބުން އެއް ދަރަޖަ އުނިކުރުމުން އަންނަ ހަތް މަހާއި ހަ ދުވަހުގެ ޖަލު އަދަބު ނާޒިމަށް އިއްވައި ދިނުމަށެވެ. ނަމަވެސް ނާޒިމްގެ ފަރާތުން ވަނީ އޭނާގެ މައްޗަށް އަންނަ އަދަބު އިތުރަށް ލުއިކޮށްދޭން ޖެހޭ ސަބަބުތައް ދައްކާފަ އެވެ. އެއީ:

  • މައާފަށް އެދި، ކުރެވުނު ކުށާ މެދު ދެރަވެ، ކުށަށް ތައުބާވެފައިވުން 

  • ކުށުގެ ރެކޯޑެއް ނެތް އަދި މީގެ ކުރިން ގާނޫނާއި ގަވައިދާ އެއް ގޮތަށް އުޅޭ ފަރާތަކަށް ވުން

ދަރަޖަތައް ދަށް ކުރުމަށް ފަހު، މި މައްސަލައިގައި އޭނާ ޖަލުގައި ހޭދަކުރެއްވި 14 ދުވަސް ހުކުމުން އުނިކުރުމުން ނާޒިމަށް އަންނަނީ އެއް މަހާއި 28 ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް ނާޒިމްގެ ފަރާތުން ވަނީ ޖަލު އަދަބު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އެހެންކަމުން ޝަރީއަތުން ހުކުމް ކުރީ ނާޒިމް ގޭބަންދު ކުރުމަށެވެ.

ގުޅުން ހުރި - އަލަމްގީރްއާ އެކު އެއް ޖިންސުން ގުޅިން ހިންގި ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެ ފުލުސް މީހާ ވެސް ވަނީ ކޯޓުން ހުކުމް ކުރުމުގެ ކުރިން އެ ކުށަށް މާފަށް އެދި، ކުށަށް އިއުތިރާފް ވެފަ އެވެ.

އެ ހުކުމް ވެސް އިސްތިއުނާފް ކުރަން ދައުލަތުން ވަނީ ނިންމާފަ އެވެ. ނަމަވެސް އަދި އެ މައްސަލަ އިސްތިއުނާފްކޮށްފައެއް ނުވެ އެވެ.

ފަސް މަންޒަރު - މި މައްސަލައިގައި އަލަމްގީރަށް ފުރަތަމަ ކުރި ތިން ދައުވާއަށް އޭނާއަށް އައިސްފައިވަނީ، ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ފަހުން އޭނާގެ މައްޗަށް އުފުލި 40 ދައުވާ އިން އޭނާގެ މައްޗަށް އައިސްފައިވަނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. އަލަމްގީރް ވެސް ވަނީ އެ ހުރިހާ ދައުވާތަކަށް އިއުތިރާފްވެ، މާފަށް އެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް