ނާޒިމް ސައްތާރު: އޭނާ ވަނީ ކުށަށް އިއުތިރާފްވެފައި.

ނާޒިމް ސައްތާރު

ނާޒިމް ސައްތާރު 3 މަހާއި 26 ދުވަހަށް ގޭބަންދު ކުރަން ހުކުމްކޮށްފި

ނާޒިމްގެ ކުށުގެ ރެކޯޑެއް ނެތް އިރު، ކުށަށް އިއުތިރާފުވުމުން އަދަބަށް ވަނީ ލުއި ލިބިފައި
15 ސެޕްޓެމްބަރު 2022

އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފްވެފައިވާ ގާނޫނީ ވަކީލު ނާޒިމު އަބްދުއްސައްތާރު ތިން މަހާއި 26 ދުވަހުގެ މުއްދަތަކަށް ގޭބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ވީ ކިހިނެއް؟ - މާލޭގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގެ ތެރޭގައި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާ އެކު ދިވެހި ފިރިހެނުންތަކެއް އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ފެންމަތިވީ އެ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯތަކެއް ބަޔަކު ލީކުކުރަން ފެށުމުންނެވެ. ވީޑިއޯ ލީކުވި މީހުންގެ ތެރޭގައި ނާޒިމް ހިމެނެ އެވެ.

އެ މައްސަލައިގައި ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވުމުގެ ކުރިން، މީޑިއާތަކަށް މިއަދު މެންދުރު ފޮނުއްވި މެސެޖެއްގައި ނާޒިމް ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެން، ކުށަށް ތައުބާވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެނގުން މުހިންމު - ނާޒިމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ގާނޫނުލްއުގޫބާތުގައި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުން ހިމެނެނީ ހުއްދަ ނޫން ޖިންސީ ގުޅުން ކަމަށް ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގަ އެވެ. އެ ގާނޫނުގައި އެ ކުށް ދަރަޖަކޮށްފައި ވަނީ ޖިންސީ ގުޅުން ހިންގި މީހުންނަކީ ކައިވެނިކޮށްގެން ތިބި ބައެއްތޯ ނުވަތަ ނޫން ކަމުގެ މައްޗަށެވެ. އެގޮތުން:

  • އެއީ މީހަކާ އިނދެ ހުރެ ކުރި ކުށަކަށް ވާނަމަ، ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން 

  • މީހަކާ ނީނދެ ހުރެ، ކައިވެންޏެއްގެ މަތީގައި ހުރި މީހަކާ އެކު ކުރި ކުށަކަށް ވާނަމަ، އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން 

  • މީހަކާ ނީނދެ ހުރެ، ކައިވެންޏެއް މަތީގައި ނުވާ މީހަކާ އެކު ކުރި ކުށަކަށް ވާނަމަ، ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން 

  • އެއީ މީހަކާ އިނދެ ހުރެ ކުރި ކުށަކަށް ވާނަމަ، އެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި، އަދި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ ތިން މަހާއި 26 ދުވަހަށް ގޭބަންދު ކުރުމަށެވެ.

ގާނޫނުލްއުގޫބާތުގައި ބުނާ ގޮތުން، އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެއްޖެ ނަމަ، އަސާސީ އަދަބުގެ އެއް ދަރަޖަ ދަށް ވާނެ އެވެ.

ނާޒިމް ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އެހެންކަމުން، ދައުލަތުން އެދުނީ އަސާސީ އަދަބުން އެއް ދަރަޖަ އުނި ކުރުމުން އަންނަ ހަތް މަހާއި ހަ ދުވަހުގެ ޖަލު އަދަބު ނާޒިމަށް އިއްވައި ދިނުމަށެވެ.

ނަމަވެސް ނާޒިމްގެ ފަރާތުން ވަނީ އޭނާގެ މައްޗަށް އަންނަ އަދަބު އިތުރަށް ލުއިކޮށްދޭން ޖެހޭ ސަބަބުތައް ދައްކާފަ އެވެ. އެއީ:

  • މައާފަށް އެދިވަޑައިގެން، ކުރެވުނު ކުށާ މެދު ދެރަވެ، ކުށަށް ތައުބާވެފައިވުން

  • ކުށުގެ ރެކޯޑެއް ނެތް އަދި މީގެ ކުރިން ގާނޫނާ ގަވައިދާ އެއްގޮތަށް އުޅޭ ފަރާތަކަށް ވުން

ދަރަޖަތައް ދަށް ކުރުމަށް ފަހު، މި މައްސަލައިގައި އޭނާ ޖަލުގައި ހޭދަކުރެއްވި 14 ދުވަސް ހުކުމުން އުނިކުރުމުން ނާޒިމަށް އަންނަނީ އެއް މަހާއި 28 ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް ނާޒިމްގެ ފަރާތުން ވަނީ ޖަލު އަދަބު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އެހެންކަމުން ޝަރީއަތުން ހުކުމް ކުރީ ނާޒިމް ގޭބަންދު ކުރުމަށެވެ.

ގުޅުންހުރި ކަމެއް - ނާޒިމްއާ އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި އަލަމްގީރު ވެސް ވަނީ ކުށަށް އިއުތިރާފުވެ، މައާފަށް އެދިފަ އެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލި އިރު، ތިން ދައުވާއަށް ވެސް އިއުތިރާފުވުމުން ލިބުނު ލުޔާ އެކު، ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ހުކުމް ކުރީ އޭނާ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް