ނާޒިމް ސައްތާރު. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
ކުރި ކުށަށް ހިތާމަކުރަން؛ ތައުބާވެއްޖައިން: ނާޒިމް
އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފްވެފައިވާ ގާނޫނީ ވަކީލު ނާޒިމު އަބްދުއްސައްތާރު އެ ކުށަށް ހިތާމަކުރައްވާ ކަމަށާއި އެ ކަމަށް ތައުބާ ވެސް ވެފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - މާލޭގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއް ތެރޭގައި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާ އެކު ދިވެހި ފިރިހެނުންތަކެއް އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ފެންމަތިވީ އެ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯތަކެއް ބަޔަކު ލީކުކުރަން ފެށުމުންނެވެ. ވީޑިއޯ ލީކުވި މީހުންގެ ތެރޭގައި ނާޒިމް ހިމެނޭ އިރު:
-
އެ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާކޮށްފައި
-
މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެ ދައުވާގެ ފުރަތަމަ އަޑުއެހުމުގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފައި
-
އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާއަށް އިއުތިރާފުވި ނަމަވެސް، ލިވާތު ކުރުމަށް އޭނާ އިންކާރު ކުރެއްވި
-
އޭނާ އިއުތިރާފުވީ ބަދުއަހުލާގީ އަމަލު ހިންގި ކަމަށް
ބުނީ ކީކޭ؟ - އޭނާގެ މައްޗަށް ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު 4:30އަށް އަޑުއެހުމެއް ތާވަލުކޮށްފައި ވަނިކޮށް މިއަދު މީޑިއާތަކަށް ފޮނުއްވި ބަޔާނެއްގައި ނާޒިމް ވިދާޅުވީ، ކުރި ކުށަށް ތައުބާވެ، ހިތާމަކުރައްވާ ކަމަށެވެ.
"އަޅުގަނޑުގެ މި ކުށަށް މި އިއުތިރާފު މި ވަނީ އަޅުގަނޑަކީ މިކަމުގައި ކުށްވެރިއަކަށް ވުމުގެ އިތުރުން، މި ކަމުގައި އަޅުގަނޑު ބްލެކްމެއިލްކޮށް، ފައިސާ އަތުލަން އުޅެ، އެ މައްސަލައިގައި އަޅުގަނޑަކީ ވިކްޓިމްއެއް ކަމުގައި ވާއިރު ވެސްމެ އެވެ. އަދި އަޅުގަނޑު ރާއްޖޭން ބޭރަށް ފިލައިގެން ނުގޮސް، ރާއްޖޭގައި ހުރެ، އަޅުގަނޑު އިއުތިރާފުވެ، މި ކުށުގެ އަދަބަށް ކުރިމަތިލާން ބޭނުންވާތީވެ އެވެ،" ބަޔާނުގައިވެ އެވެ.
ގުޅުން ހުރި ކަމެއް - ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމްގެ އަޑުއެހުންތައް ފަށާފައި ވާއިރު، އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ދެން ދައުވާ ކުރި ދެ މީހުންގެ ޝަރީއަތް ވެސް ވަނީ ފަށާފަ އެވެ. އެއީ:
-
ޑީއާރްޕީގެ ކުރީގެ ލީޑަރު އަދި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)
-
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި (ޑީއީޑީ)ގެ ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއުގެ
އެ ދެ މީހުންގެ މައްސަލައިގެ ފުރަތަމަ އަޑުއެހުންތަކުގައި:
-
އަބްދުއްރަހުމާންއަށް ވަނީ ވަކީލަކު ހަމަޖައްސަން 10 ދުވަސް ދީފައި
-
ނަޝީދުގެ މައްސަލައިގައި ކުރިއަށް ދަނީ ވަގުތީ އަމުރަކާ މެދު ގޮތް ނިންމުމުގެ ބައި
-
އެ ދެ މީހުން ވެސް އަދި ދައުވާތަކަށް ޖަވާބުދާރީވެފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނޭ
އެންގުން މުހިންމު - އަލަމްގީރްގެ މައްޗަށް ކުރި އެއް ޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ. އޭނާގެ އިއުތިރާފުން ލިބުނު ލުއިތަކާ އެކު ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާށެވެ.
އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ތުހުމަތު ކުރެވޭ ގާތްގަނޑަކަށް 40 މީހުން ތިބި އިރު، ފުލުހުން ގެންދަނީ އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.