ގިނަ އަދަދެއްގެ ބަޔަކާ އެއް ޖިންސުން ގުޅުން ހިންގައި، ވީޑިއޯ ކުރި މައްސަލައިގައި ހައްޔަރު ކުރި އަލަމްގީރް. (ފޮޓޯ/ސަން)
އަލަމްގީރް 7 މަހާއި 6 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި
ދިވެހި ފިރިހެނުންތަކަކާ އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގައި އެ މަންޒަރު ވީޑިއޯ ކުރިި ކަމަށް ބުނާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްގެ މައްޗަށް ކޮށްފައިވާ ތިން ދައުވާއަށް ވެސް އޭނާ އިއުތިރާފްވުމުން އޭނާ ހަތް މަހާއި ހަ ދުވަހަށް މިއަދު ޖަލަށްލައިފި އެވެ.
މައްސަލައިގެ ފެށުން - މާލޭގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއް ތެރޭގައި އަލަމްގީރްއާ އެކު ދިވެހި ފިރިހެނުންތަކެއް އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ފެންމަތިވީ އެ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯތަކެއް ބަޔަކު ލީކުކުރަން ފެށުމުންނެވެ.
އެ މައްސަލައިގައި ވީޑިއޯތައް ލީކުވި ބައެއް މީހުންނަށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާކޮށްފައި ވާއިރު، އަލަމްގީރްއަށް ކުރި ތިން ދައުވާގެ ފުރަތަމަ އަޑުއެހުން ބޭއްވީ އިއްޔެ އެވެ. އެ އަޑުއެހުމުގައި އޭނާ ވަނީ ހުރިހާ ދައުވާތަކަށް އިއުތިރާފުވެފަ އެވެ.
ވީ ކިހިނެއް؟ - އިއުތިރާފުވުމުން އިއްޔެ އަވަސް ނިޔާގެ އަޑުއެހުން ފަށައި އޭނާގެ އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވާއިރު، މިއަދު ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ ނިންމަވާފައި ވަނީ އޭނާ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށެވެ.
އޭނާގެ އަދަބަށް ލުއި ލިބުނު ސަބަބުތައް:
-
އިއުތިރާފުވުމުން އަބަދުގެ ދަރަޖަ އެއް ދަރަޖަ ދަށްވި
-
އެއް މައްސަލައަކާ ގުޅިގެން އެއް ދައުވާއަށް ވުރެ ގިނަ ދައުވާކޮށްފައިވާތީ ދައުވާތަކަށް ލިބޭ އަދަބުތައް ގާނޫނުގައިވާ ގޮތުގެ މަތިން ކުޑަކޮށްދިން
އެނގުން މުހިންމު - ގާނޫނުލްއުގޫބާތުގެ ދަށުން އަލަމްގީރްއަށް އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާ ކޮށްފައި ވާއިރު، އެ ގާނޫނުގައި އެއް ޖިންސުން ޖިންސީ ގުޅުން ހިންގުން ހިމެނެނީ ހުއްދަ ނޫން ޖިންސީ ގުޅުން ކަމަށް ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގަ އެވެ. އެ ގާނޫނުގައި އެ ކުށް ދަރަޖަކޮށްފައި ވަނީ ޖިންސީ ގުޅުން ހިންގި މީހުންނަކީ ކައިވެނިކޮށްގެން ތިބި ބައެއްތޯ ނުވަތަ ނޫން ކަމުގެ މައްޗަށެވެ. އެގޮތުން:
-
އެއީ މީހަކާ އިނދެ ހުރެ ކުރި ކުށަކަށް ވާނަމަ، ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން
-
މީހަކާ ނީނދެ ހުރެ، ކައިވެންޏެއްގެ މަތީގައި ހުރި މީހަކާ އެކު ކުރި ކުށަކަށް ވާނަމަ، އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން
-
މީހަކާ ނީނދެ ހުރެ، ކައިވެންޏެއް މަތީގައި ނުވާ މީހަކާ އެކު ކުރި ކުށަކަށް ވާނަމަ، ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން
ތަފްސީލް - އަލަމްގީރްއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައިގައިި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާ ކޮށްފަ އެވެ. އެ ތިން މީހުންގެ އެ އަމަލު ކުރި މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯ މީގެ ކުރިން ލީކުވެފައިވެ އެވެ. އެއީ:
-
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު
-
މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)
-
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި (ޑީއީޑީ) މަސައްކަތްކުރާ ފުލުހެއް
އެ ތިން މީހުންގެ ދައުވާތަކުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.
އަލަމްގީރްއާ އެކު ޖިންސީ ގުޅުން ހިންގި ސާޅީހަކަށް މީހުންގެ ތެރޭގައި ދައުލަތުގެ އިސް މަގާމުތައް އަދާ ކުރާ މީހުންނާއި ޒިންމާދާރު ވަޒީފާތަކުގައި ތިބި މީހުން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ސަސްޕެންޑުކޮށްފައި ވާއިރު، އެއް ބައި މީހުން ވަނީ ވަޒީފާ އިން ވަކި ވެސް ކޮށްފަ އެވެ.
އިތުރަށް ކިޔާލަން -