ގިނަ އަދަދެއްގެ ބަޔަކާ އެއް ޖިންސުން ގުޅުން ހިންގައި، ވީޑިއޯކޮށް އަދި އެ ބޭނުންކޮށްގެން އެ މިހުން ބްލެކްމެއިލް ކުރި މައްސަލައިގައި ދައުވާކޮށްފައިވާ އެމްޑީ އަލަމްގީރް. (ފޮޓޯ/ސަން)
އަލަމްގީރް ކުށަށް އިއުތިރާފުވެއްޖެ؛ ދެން އޮތީ ހުކުމް ކުރުން
ދިވެހި ފިރިހެނުންތަކަކާ އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގައި އެ މަންޒަރު ވީޑިއޯ ކުރިި ކަމަށް ބުނާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްގެ މައްޗަށް ކޮށްފައިވާ ތިން ދައުވާއަށް ވެސް އޭނާ އިއުތިރާފުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - މާލޭގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއް ތެރޭގައި އަލަމްގީރްއާ އެކު ދިވެހި ފިރިހެނުންތަކެއް އެއް ޖިންސުން ގުޅުން ހިންގި މައްސަލަ ފެންމަތިވީ އެ މަންޒަރު ފެންނަ ވީޑިއޯތަކެއް ބަޔަކު ލީކުކުރަން ފެށުމުންނެވެ. އެ މައްސަލައިގައި ވީޑިއޯތައް ލީކުވި ބައެއް މީހުންނަށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާކޮށްފައި ވާއިރު، އަލަމްގީރްއަށް ވަނީ އޭގެ ތިން ދައުވާ ކޮށްފަ އެވެ.
ބުނީ ކީކޭ؟ - ކްރިމިނަލް ކޯޓުގެ ތަރުޖަމާނު މުހައްމަދު އަމާން މިއަދު 'ދައުރު'އަށް ވިދާޅުވީ، އިއްޔެ އޮތް އެ މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި އަލަމްގިރްގެ މައްޗަށް ކުރި ދައުވާތައް އިއްވުމުން އޭނާ ދައުވާތަކަށް އިއުތިރާފުވެފައިވާ ކަމަށެވެ.
އޭނާ އިއުތިރާފުވުމުން، އަވަސް ނިޔާގެ އަޑުއެހުމެއް ބޭއްވި ކަމަށް އަމާން ވިދާޅުވި އެވެ. އެ އަޑުއެހުމުގައި:
-
އަލަމްގިރް އޭނާގެ އިއުތިރާފު ދަމަހައްޓާފައިވޭ
-
އެހެންވެ، އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ ކަނޑައަޅުއްވާފައިވޭ
-
އިއްޔެގެ އަޑުއެހުން ނިންމާލީ ދެ ފަރާތުން އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު
އެނގުން މުހިންމު - އިއުތިރާފުވުމުން ކްރިމިނަލް ކޯޓުން އާންމުކޮށް އަމަލު ކުރާ އުސޫލަކީ އެ މައްސަލައެއް ފަސް ދުވަހުގެ ތެރޭގައި އަވަސް ނިޔާ އިން ނިންމުމެވެ.
އަމާން ވިދާޅުވީ، އަލަމްގީރް ކުށަށް އިއުތިރާފުވެފައިވާތީ، އަވަސް ނިޔާ އިން މައްސަލަ ނިންމުމަށް ވަރަށް އަވަހަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
ތަފްސީލް - އަލަމްގީރްއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައިގައިި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާ ކޮށްފަ އެވެ. އެ ތިން މީހުންގެ އެ އަމަލު ކުރި މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯ މީގެ ކުރިން ލީކުވެފައިވެ އެވެ. އެއީ:
-
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު
-
މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)
-
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި (ޑީއީޑީ) މަސައްކަތްކުރާ ފުލުހެއް
އަލަމްގިރް ހިމެނޭހެން އެ ހަތަރު މީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ. ގާނޫނުލްއުގޫބާތުގައި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުން ހިމެނެނީ ހުއްދަ ނޫން ޖިންސީ ގުޅުން ކަމަށް ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގަ އެވެ. އެ ގާނޫނުގައި އެ ކުށް ދަރަޖަކޮށްފައި ވަނީ ޖިންސީ ގުޅުން ހިންގި މީހުންނަކީ ކައިވެނިކޮށްގެން ތިބި ބައެއްތޯ ނުވަތަ ނޫން ކަމުގެ މައްޗަށެވެ. އެގޮތުން:
-
އެއީ މީހަކާ އިނދެ ހުރެ ކުރި ކުށަކަށް ވާނަމަ، ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން
-
މީހަކާ ނީނދެ ހުރެ، ކައިވެންޏެއްގެ މަތީގައި ހުރި މީހަކާ އެކު ކުރި ކުށަކަށް ވާނަމަ، އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން
-
މީހަކާ ނީނދެ ހުރެ، ކައިވެންޏެއް މަތީގައި ނުވާ މީހަކާ އެކު ކުރި ކުށަކަށް ވާނަމަ، ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން
އެނގުން މުހިންމު - އަލަމްގީރް ފުލުހުންނަށް ދީފައިވާ ބަޔާން މިހާރު ލީކުވެފައި ވާއިރު، އެ ބަޔާނުން އެނގޭ ގޮތުގައި އޭނާ ގާތްގަނޑަކަށް 40 ފިރިހެނުންނާ އެކި ދުވަސް މަތިން ޖިންސީ ގުޅުން ހިންގާފައިވެ އެވެ. އޭގެ ތެރޭގައި، ދައުލަތުގެ އިސް މަގާމުތައް އަދާ ކުރާ މީހުންނާއި ޒިންމާދާރު ވަޒީފާތަކުގައި ތިބި މީހުން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ސަސްޕެންޑުކޮށްފައި ވާއިރު، އެއް ބައި މީހުން ވަނީ ވަޒީފާ އިން ވަކި ވެސް ކޮށްފަ އެވެ.
ކޮމެންޓް (1)
ނަޖްވާ