އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައިގައި ޖަލު ހުކުމެއް އިއްވި ފުލުސް އޮފިސަރެއް ކަމަށްވާ އަބްދުއްރަހުމާނު ރަފީއު.

އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާ 1 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އޭނާ ވަނީ ކުށަށް އިއުތިރާފުވެ، އާންމުންގެ ކިބައިން މައާފަށް އެދިފައި
22 ސެޕްޓެމްބަރު 2022
1

ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގީރް ނަމަކަށް ކިޔާ މީހަކާ އެކު މާލޭގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގެ ތެރޭގައި އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފުވި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި (ޑީއީޑީ)ގެ ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އާދިއްތަ ދުވަހު އޮތް އަޑުއެހުމުގައި އަބްދުއްރަހްމާން ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އޭނާ ވަނީ ކުށަށް ތައުބާވެފައިވާ ކަމަށް ބުނެ އާންމުންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި އެގޮތަށް ބަޔާންކޮށް، އޭނާ ބަޔާނެއް ނެރެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ތަފްސީލް - އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން ކުރި އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

  • އޭނާ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރި 

  • ނަމަވެސް، މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އެ ހުކުމުން އުނިކުރުމުން، އޭނާ ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެއް

މިއީ ޖިންސީ މައްސަލައަކަށް ވާތީ، މުޖުތަމައުގެ އަހުލާގީ އުސޫލު ހިފެހެއްޓުމަށް، މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އާންމުކޮށްފައެއް ނުވެ އެވެ.

ގުޅުންހުރި ކަމެއް - މި މައްސަލައިގައި އަބްދުއްރަހްމާންގެ އިތުރުން ދެން ދައުވާކުރި މީހުންނަކީ:

  • އެމްޑީ އަލަމްގީރް: އޭނާއަށް ކުރި ތިން ދައުވާއަށް އިއުތިރާފުވުމުން އޭނާ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި 

  • މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު: އޭނާގެ މައްޗަށް ކުރި ދައުވާއަށް އިއުތިރާފުވުމުން ތިން މަހާއި 26 ދުވަހަށް ގޭބަންދު ކުރަން ވަނީ ހުކުމްކޮށްފައި

  • މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު އަދި ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް): އޭނާގެ މައްޗަށް ކޮށްފައިވާ އެއް ޖިންސުން ގުޅުން ހިންގުމުގެ ޝަރީއަތް ދަނީ ކުރިއަށް

ކޮމެންޓް (1)

ގިރިގިރި

22 ސެޕްޓެމްބަރު 2022
އެއްކަމެއް ނޫންތަ އެންމެން ވެސް ކުރީ. ޢެކި މީހުންނަށް އެކި އަދަބު؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް