ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރުކުރި ވަކީލު މުއުމޫން: ކޯޓުން ވަނީ އޭނާ އިއްޔެ ދޫކޮށްލާފައި.
ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރުކުރި ވަކީލު ކޯޓުން ދޫކޮށްލައިފި
ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ތަކެތި ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކޮށް، ބޮޑެތި އަދަދުތަކުން ފައިސާ ދޭން ޑިމާންޑްކޮށް އަދި ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރި ގާނޫނީ ވަކީލު މައުމޫން މޫސާ، ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.
މައްސަލައިގެ ފެށުން - މި މައްސަލައިގައި ފުލުހުން ޖުމްލަ ފަސް މީހަކު ފުރަތަމަ ހައްޔަރުކުރި އެވެ. ނަމަވެސް، އޭގެ ތެރެއިން ދެ މީހަކު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ފުރަތަމަ ބަންދު އަޑުއެހުމުގައި ކޯޓުން އޭރު ދޫކޮށްލި އެވެ.
ބަންދުގެ މުއްދަތު ޖެހި ތިން މީހުންގެ ވަނަވަރު މިދިޔަ ހަފްތާގައި ފުލުހުން އާންމުކުރި އެވެ. އޭގެ ތެރޭގައި މައުމޫންގެ އިތުރުން ދެން ހިމެނެނީ:
-
ހަމްދޫން އަބްދުﷲ (37އ) - ބ. ދަރަވަންދޫ/އަކިރި
-
މުހައްމަދު މިހާދު މުސްތަފާ (24އ) - ބ. ދަރަވަންދޫ/ހީމަ
ވީ ކިހިނެއް؟ - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ މައުމޫން 41، ށ. ފުނަދޫ/ސީސްޓާގެ ބަންދަށް ކޯޓުން މީގެ ކުރިން ދިން 10 ދުވަހުގެ މުއްދަތު ހަމަވެގެން އިއްޔެ ކޯޓަށް ގެންދިޔުމުން ކޯޓުން އޭނާ ދުކޮށްލާފައިވާ ކަމަށެވެ.
ތަފްސީލް - އޭނާ ބަންދުން ދޫކޮށްލީ ކީއްވެގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް، އާންމު ގޮތެއްގައި މިގޮތަށް ތުހުމަތު ކުރެވޭ މީހުން ކޯޓުން ދޫކޮށްލަނީ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ނުވަތަ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ މިންވަރަށް އެ މީހެއްގެ މައްޗަށް ހެކި ނެތުމުންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި މިހާދުގެ ބަންދަށް މިދިޔަ ހުކުރު ދުވަހު ކޯޓުން ވަނީ ހަތް ދުވަސް ޖަހާފަ އެވެ. އަދި މި މަހުގެ 18ގައި ހަމްދޫން ބަންދަށް ދިން 15 ދުވަހުގެ މުއްދަތު އަދި ހަމައެއް ނުވެ އެވެ.
ހަމްދޫނަކީ އެ ވީޑިއޯތަކުން ފެންނަ ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގީރު އޭނާ ތަހުގީގަށް ދިން ބަޔާނުގައި "ބޮސް"ގެ ނަމުން މުހާތަބު ކުރި މީހާ އެވެ. ވީޑިއޯތަކުން ފެންނަ އެޕާޓްމަންޓް ކުއްޔަށް ހިފައިގެން އުޅުނީ ހަމްދޫންގެ ދެމަފިރިންނެވެ.
-
އިތުރަށް ކިޔާލަން - ބްލެކްމެއިލް ކުރި މައްސަލައިގައި އަލަމްގީރުގެ 'ބޮސް' ބަންދަށް
ފަސް މަންޒަރު - މާފަންނު ކޮޅުގައި ހުންނަ އެޕާޓްމަންޓަކަށް މީހުން ގެންގޮސް، އެ މީހުންނާ އެކު އަލަމްގީރު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯތައް ލީކްވާން ފެށީ މިިދިޔަ ޖޫން މަހުގެ މެދުތެރޭގަ އެވެ. އެގޮތުން:
-
ސިޔާސީ ފަރާތްތަކާއި ސަލާތީ ހިދުމަތްތަކުގައި މަސައްކަތް ކުރާ މީހުންނާއި އަދިވެސް ބައެއް އެހެން ފަރާތްތަކުގެ އެފަދަ ވީޑިއޯތަކެއް އާންމުވެފައިވޭ
-
ވީޑިއޯތައް ލީކްވުމުގެ ކުރިން، އަލަމްގީރުއާ އެކު އެއް ޖިންސުން ގުޅުން ހިންގި މީހުން ބްލެކްމެއިލްކޮށް، ބައެއް މީހުންގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގި
-
ވީޑިއޯތައް ލީކްވުމާ އެކު ފުލުހުން ޖޫން 27ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ، މި މައްސަލައިގެ ތެރެއިން ބްލެކްމެއިލް ކުރި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް؛ އެ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުނި
-
ބްލެކްމެއިލް ކުރުމުގެ މައްސަލަ، ވީޑިއޯތައް ލީކްވުމުގެ ކުރިން، މިދިޔަ މާޗު މަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނި