ބަރަހަނާ ވީޑިއޯތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރުކުރި ތިން މީހުން: (ކ-ވ) ހަމްދޫން އަބްދުﷲ، މުހައްމަދު މިހާދު އަދި މައުމޫން މޫސާ.

ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރުކުރި މީހުން ދުލެއް ނުކުރޭ؛ އެކަކުގެ ބަންދު އިތުރުކޮށްފި

ބާކީ ތިބި ދެ މީހުންގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވޭ

ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ތަކެތި ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކޮށް، ބޮޑެތި އަދަދުތަކުން ފައިސާ ދޭން ޑިމާންޑްކޮށް އަދި ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުން އަދިވެސް ތިބީ ބަންދުގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. އަދި އެ ތިން މީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު އިއްޔެ ވަނީ އިތުރުކޮށްފަ އެވެ.

ވި ކިހިނެއް؟ - ހައްޔަރުގައި ތިބި ތިން މީހުން ދޫކޮށްލާފައިވާ ކަމަށް އަޑު ފެތުރި، މީޑިއާއަކުން ވަނީ އެކަން ރިޕޯޓުކޮށްފަ އެވެ. ނަމަވެސް މިއަދު ފުލުހުން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.

ތަފްސީލު - މި މައްސަލަގައި ފުލުހުން ޖުމްލަ ފަސް މީހަކު ހައްޔަރު ކުރި އެވެ. ނަމަވެސް އޭގެ ތެރެއިން ދެ މީހަކު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ކޯޓުން އޭރު ވަނީ ދޫކޮށްލާފަ އެވެ. ބަންދުގެ މުއްދަތު ޖެހި ބާކީ ތިބި މީހުންގެ ވަނަވަރު ފުލުހުން މިދިޔަ ހަފްތާގައި އާންމު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ހަމްދޫން އަބްދުﷲ (37އ) - ބ. ދަރަވަންދޫ/އަކިރި 

  • މުހައްމަދު މިހާދު މުސްތަފާ (24އ) - ބ. ދަރަވަންދޫ/ހީމަ

  • މައުމޫން މޫސާ (41އ) - ށ. ފުނަދޫ/ސީސްޓާ

ބުނީ ކީކޭ؟ - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ އެ ތިން މީހުންގެ ތެރެއިން މިހާދު މުސްތަފާ އިތުރު ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އިއްޔެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

"ބާކީ ތިބި ދެ މީހުންގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވޭ،" ތަރުޖަމާނު ވިދާޅުވި އެވެ.

ބަރަހަނާ ވީޑިއޯތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރު ކުރި ހަމްދޫން އަބްދުﷲ.

އެނގުން މުހިންމު - ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ހަމްދޫނަކީ އެ ވީޑިއޯތަކުން ފެންނަ ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގީރު އޭނާ ތަހުގީގަށް ދިން ބަޔާނުގައި "ބޮސް"ގެ ނަމުން މުހާތަބު ކުރި މީހާ އެވެ. ވީޑިއޯތަކުން ފެންނަ އެޕާޓްމަންޓް ކުއްޔަށް ހިފައިގެން އުޅުނީ ހަމްދޫންގެ ދެމަފިރިންނެވެ. މިދިޔަ މަހުގެ 18ގައި ހައްޔަރުކުރި ހަމްދޫންގެ ބަންދަށް ކޯޓުން ދީފައިވަނީ 15 ދުވަހެވެ.

ބަންދުގެ މުއްދަތު އިތުރު ކުރި މިހާދަކީ ހަމްދޫންގެ އާއިލާ މީހެކެވެ. ހައްޔަރުގައިި ދެން ހުރި މައުމޫންގެ ބަންދަށް ކޯޓުން ދިން 10 ދުވަހުގެ މުއްދަތު ހަމަވާނީ މިއަދަށެވެ. އޭނާއަކީ ގާނޫނީ ވަކީލެކެވެ.

ފަސް މަންޒަރު - މާފަންނު ކޮޅުގައި ހުންނަ އެޕާޓްމަންޓަކަށް މީހުން ގެންގޮސް، އެ މީހުންނާ އެކު އަލަމްގީރު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯތައް ލީކްވާން ފެށީ މިިދިޔަ ޖޫން މަހުގެ މެދުތެރޭގަ އެވެ. އެގޮތުން:

  • ސިޔާސީ ފަރާތްތަކާއި ސަލާތީ ހިދުމަތްތަކުގައި މަސައްކަތް ކުރާ މީހުންނާއި އަދިވެސް ބައެއް އެހެން ފަރާތްތަކުގެ އެފަދަ ވީޑިއޯތަކެއް އާންމުވެފައިވޭ

  • ވީޑިއޯތައް ލީކްވުމުގެ ކުރިން، އަލަމްގީރުއާ އެކު އެއް ޖިންސުން ގުޅުން ހިންގި މީހުން ބްލެކްމެއިލްކޮށް، ބައެއް މީހުންގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގި

  • ވީޑިއޯތައް ލީކްވުމާ އެކު ފުލުހުން ޖޫން 27ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ، މި މައްސަލައިގެ ތެރެއިން ބްލެކްމެއިލް ކުރި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް؛ އެ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުނި

  • ބްލެކްމެއިލް ކުރުމުގެ މައްސަލަ، ވީޑިއޯތައް ލީކްވުމުގެ ކުރިން، މިދިޔަ މާޗު މަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނި

އިތުރު އާޓިކަލް

އިތުރު އާޓިކަލް