އަމީނީމަގު ހިޔާ ދޭ ބޮޑެތި ގަސްތައް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އަމީނީމަގު ޝަރީއަތް ފަށައިފި؛ އާދިއްތަ ދުވަހު ގޮތެއް ނިންމަނީ
ޒަމާނީ ފެންވަރަށް އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ދެ ފަރާތުގައި ހައްދާފައި ހުރި އޮފިއެލޭ ގަސްތައް ނަގަމުންދާތީ، އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވައިފި އެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ވަހީދު ވިދާޅުވީ ހުށަހަޅާފައިވާ ހެއްކަށް ރިއާޔަތްކުރުމަށް ފަހު މައްސަލައާ މެދު ގޮތެއް ނިންމާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.
މައްސަލައިގެ ފެށުން - އަމީނީމަގު ތަރައްގީ ކުރުމަށް އެމަގުގައި ހުރި ގަސްތައް ނަގަން ފެށުމުން އާންމުން އެކަމާ ނުރުހުން ފާޅުކުރަމުން ދިޔަ ދަނޑިވަޅެއްގައި ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ނަޝީދު ވަނީ އަމީނީމަގުގައި ހުރި ގަސްތައް ނެގުމާ މެދު ކަމާ ބެހޭ ފަރާތްތަކުން ދެ ވަނަ ވިސްނުމަކަށް ދިއުމަށް އެދިވަޑައިގެން، އެކަން ހުއްޓުވުމަށް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
ތަފްސީލު - ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ 'ޝުނާނާ އެންޑް ކޯ އެލްއެލްޕީ' އިންނެވެ. އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން، އަމީނީމަގުގައި ހުރި ގަސްތައް އުފުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ.
މައްސަލާގައި ދައުވާ ކުރި ފަރާތް ކަމަށްވާ ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން މިއަދު ކޯޓުގައި ފާހަގަކުރި ގޮތުގައި:
-
އަމީނީމަގު ހެދުމުގެ އީއައިއޭ ރިޕޯޓުގައި ތާރު އެޅުމުގެ ބަދަލުގައިގާ އަޅައިގެން މަސައްކަތް ކުރަން ވަނީ ލަފާދީފައި
-
ގާ އަޅައިގެން އެ މަސައްކަތް ކުރާ ނަމަ، ގަސް ނުނަގައި އެ މަސައްކަތް ކުރިއަށްގެންދެވޭނެ
-
އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ފުރިހަމައެއް ނޫން؛ ގަސް ނެގުމުގެ ސަބަބުން ވައި ނުސާފުވާނެ މިންވަރު، މޫސުމަށް ބަދަލު އަންނާނެ ކަމަށް ލަފާކުރެވޭ މިންވަރު، ގެއްލުން ކުޑަކުރެވޭނެ ނިސްބަތް، މީހުންގެ ސިއްހަތަށް ގެއްލުން ވާނެ ގޮތްތައް ދިރާސާކުރެވިފައެއް ނެތް
-
ނަމަވެސް ގަސް ނެގުމުން މޫސުމަށް ނޭދެވޭ އަސަރު ކުރާނެ ކަމާއި އެއްވެސް ގޮތެއް ނެތިގެން ނޫން ގޮތަކަށް އެކަން ނުކުރަން އީއައިއޭގައި ލަފާދީފައިވޭ
މިކަންކަން ފާހަގަ ކުރުމަށް ފަހު ދައުވާ ކުރި ފަރާތުން އެދިފައި ވަނީ:
-
އަމީނީމަގުގެ ގަސްތައް އުފުރައިގެން މަޝްރޫއު ކުރިޔަށް ގެންދިއުމަކީ ގާނޫނާއި ގަވާއިދުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފު ކަމެއް ކަން ކަނޑައެޅުމަށް
-
ގަސްތައް ނުކަނޑައި މަޝްރޫއު ކުރިޔަށް ގެންދެވޭނެ ގޮތެއް އޮތްކަން ޔަގީން ކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކާއި ކަމުގެ ފަންނީ މާހިރުންގެ ބެލުމުގެ ދަށުން ކުރަން ޖެހޭ ދިރާސާތައް ފުރިހަމައަށް ކުރުމަށް
-
ގަސްތައް ނެގުން ނޫން އިތުރު ގޮތެއް އޮތްކަން ކަށަވަރުކޮށް، އެނޫން ގޮތެއް ނެތިގެން ނޫނީ އެމަގުގައި ހުރި އެއްވެސް ގަހެއް އުފުރައިގެން ނުވާނެ ކަމަށް ވަގުތީ އަމުރެއް ނެރެދިނުމަށް
ނަޝީދުގެ ފަރާތްޕުޅުން ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ކޯޓުގައި ވިދާޅުވީ ގަސްކެނޑުން ހުއްޓުވުމަށް ގާޒީ ވަގުތީ އަމުރެއް ނުނެރުއްވައިފި ނަމަ އެއީ ގަސް ކަނޑަން ހުއްދަ ދެއްވުން ކަމަށެވެ.
އަދި ގަސްތައް ކަނޑާފައި ތާރު އެޅުމުން މަގުގެ ހޫނުމިން އިތުރުވެ، 'އާބަން ހީޓް އައިލެންޑް އިފެކްޓް'ގެ އަސަރު ގޯސްވެ، މާލޭގެ ވައި ނުސާފުވެ، މީހުންގެ ނޭވާލުމުގެ ނިޒާމަށް ނޭދެވޭ އަސަރުކޮށް، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ގިނަވެ، އެތައް ނުރަނގަޅު ނަތީޖާތަކެއް ނިކުންނާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
އެހެންކަމުން އަމީނީމަގުގެ ގަސްތައް ކެނޑުމުން "އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން: އަމީނީމަގުގެ ގަސްތައް ސަލާމަތްކުރަން ޖެހެނީ ކީއްވެ؟
ޝުނާނާގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުވާ ލިބޭ ފަރާތްތައް ކަމަށްވާ އާރްޑީސީ އާއި ޕްލޭނިން މިނިސްޓްރީގެ ވަކީލުން ވިދާޅުވީ އަމީނީމަގުގެ ގަސްތައް ނަގައިގެން ކުރިޔަށް ގެންދާ މަޝްރޫއުއިން ލިބޭ ގެއްލުން އިއާދަ ކުރެވޭނެ ކަމަށެވެ.
ދައުވާ ލިބޭ ފަރާތްތަކުން ބުނި ގޮތުގައި:
-
އޮފިއެލޭ ގަސްތައް ނެގުމަށް ފަހު އިންދާނީ ފޯދިފައިވާ ގަސް؛ އެހެންވީމާ އިންދާފައި މާގިނަ ދުވަސް ނުވަނީސް އަލަށް އިންދާ ގަސްތަކުން ފައިދާ ލިބެން ފަށާނެ
-
މަގު ތަރައްގީ ކުރުމުން މުޅި އެކު ލިބޭ ގެއްލުމަށް ވުރެ ފައިދާ ބޮޑުވާނެ
-
އީއައިއޭ ހެދިފައި ވަނީ ކުރަންޖެހޭ ދިރާސާތައް ކުރުމަށް ފަހު، ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން، ލިބޭނެ ހުރިހާ ގެއްލުންތަކަށް ރިއާޔަތްކޮށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް
-
އަމީނީމަގުގެ ގަސްތައް ނަގަމުން ދަނީ އެހެން ގޮތެއް ނެތިގެން؛ މިގަސްތައް މާލޭގެ ސްކޫލްތަކުގައާއި ޕާކު ތަކުގައި އިންދޭނެ
-
ގަސްތައް ކޮށާލެވިފައިވަނީ އޭގެ އޮފިތައް އިންދަން؛ އެއީ ގަސްތައް މާ ބިޔަ ވުމުން ހުރި ގޮތަށް ނަގައިގެން ތަންތަނަށް ގެންދިޔުމުގައި ބޮޑެތި ދަތިތަކެއް ހުރީމާ
-
މަޝްރޫއު ހުއްޓާލަން ޖެހިއްޖެ ނަމަ ކޮންމެ ދުވަހަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން އާރުޑީސީއަށް ވާނެ ކަމަށް ބުނި
ދައުވާ ކުރި ފަރާތުން ހެކީގެ ގޮތުގައި މަޝްރޫއުގެ އީއައިއޭ ރިޕޯޓާ އެކު ކަމާ ގުޅުންހުރި ދިރާސާ ތަކާއި އިންޑިއާގައި ކުރިޔަށްދިޔަ މިބާވަތުގެ ޝަރުއީ މައްސަލައެއްގެ ކޭސް ސްޓަޑީއާއި އެހެނިހެން ހެކި ހުށަހަޅާފައިވެ އެވެ. އަދި ކުރިޔަށް އޮތް އަޑުއެހުންތަކަށް ހެކިންގެ ގޮތުގައި ތިމާވެށީގެ ތަޖުރިބާކާރުން ގެންނާނެ ކަމަށް ވިދާޅުވި އެވެ.
ދިފާއީ ހެކީގެ ގޮތުގައި ދައުވާ ލިބޭ ފަރާތުން ހުށަހަޅާފައި ވަނީ:
-
އީއައިއޭ ރިޕޯޓް
-
އަމީނީމަގުގައި ހުރި އޮފިއެލޭ ގަހެއްގެ މޫތަކުން އެމަގުގައި ވަޅުލާފައިވާ ހޮޅިތަކަށް ލިބިފައިވާ ގެއްލުން ދައްކުވައިދޭ ފޮޓޯ
-
އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ލިޔުއްވާ، ދައުރު ނޫހުގައި ޝާއިއުކޮށްފައިވާ އޮޕް-އެޑް
-
މީގެ އިތުރުން ވެސް އެހެނިހެން ހެކި ހިމެނޭ
ތިން ގަޑިއިރަށް ދެމިގެން ދިޔަ ޝަރީއަތް ނިންމާލަމުން މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ވަހީދު ނިންމެވީ މި މައްސަލައިގެ ދެވަނަ އަޑުއެހުމެއް އާދިއްތަ ދުވަހު ބޭއްވުމަށެވެ. އެ އަޑުއެހުމުގައި ގަސްކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރާ މެދު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ފަސްމަންޒަރު - ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ހެދުމަށް ފަށާފައިވާ 'މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓު'ގެ ދަށުން އަމީނީމަގު ހެދުމުގެ މަސައްކަތަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމަޒުވެފައި ވާއިރު، ރައީސް އޮފީހުން ބުނެފައި ވަނީ "ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ބޭނުންވާނެ ގޮތެއް ނޫން" ކަމަށް ވިޔަސް، އަމީނީމަގުގައި ހުރި ގަސްތައް ކަނޑަނީ، ގަސްތަކުގެ މޫތައް ފެތުރިފައި ހުރި ގޮތުން ހޮޅި ވަޅުލުން ފަދަ ކަންކަމަށް ދަތި ވާތީ ކަމަށް ބުނެ، އެކަން ދިފާއު ކޮށްފަ އެވެ.
އިތުރަށް ކިޔާލަން - ދައްކަނީ މޮޅު ވާހަކަ އެވެ؛ ޖެހެނީ އެއްތާކު އެވެ.