އަމީނީމަގުގައި ހުރި ގަސްތަށް ކަނޑަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ދަައްކަނީ މޮޅު ވާހަކަ އެވެ؛ ޖެހެނީ އެއްތާކު އެވެ.
މުހިންމު ނުކުތާތައް
މަޖީދީމަގު ފުރަތަމަ ހަދަން ފެއްޓި އިރު ފުރަތަމަ ހިސާބަކަށް ގަސް ކެނޑި، ނަމަވެސް ފަހުން ޕްލޭން ބަދަލު ކުރި
ނެޓް ޒީރޯއަށް ގެނައުމަށް ބޭރުގެ ފަރާތްތަކުން ވައުދުވި ފައިސާ ނިލިބިގެން ޝަކުވާ ކުރި، އަމަލު ދިމައެއް ނުވޭ
ރައީސް އެދިވަޑައިގަންނަވަނީ ރިސޯޓް ހަދާ އިރު ވެސް ތިމާވެއްޓަށްް ސަމާލުކަން ދިނުމަށް، ސަރުކާރުގެ މަޝްރޫއުތައް އެ ގޮތަކަށް ނުދޭ
މަޖީދީމަގުގައި ގާ އަތުރައިގެން އެ މަގު އެންމެ ފަހުން ހަދާފައި އެ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭ ސިޓީގެ މިހާރުގެ މޭޔަރު، އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މޭސްތިރި ކަމުގަ އެވެ. މާލޭގެ ހުޅަނގު ކޮޅުން އެ މަގު ހެދުމުގެ މަސައްކަތް ފެއްޓި އިރު، އެ ހިސާބުގައި ހުރި ގަސްތައް ފުރަތަމަ ކަނޑަން ފެއްޓި އެވެ. ނަމަވެސް މީޑިއާއިންނާއި ތިމާވެއްޓަށް ލޯބި ކުރާ މީހުން އެއީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށް އެ ވާހަކަ ދައްކަން ފެއްޓުމުން، މަގުގެ ބާކީ ހުރި ސަރަހައްދުތައް ހެދީ ގަސްތައް ނުކަނޑަ އެވެ. އެ ތަނެއްގައި ހުރި ގަހެއް އެ ގޮތުގައި ބަހައްޓައިގެންނެވެ.
ބޮޑުތަކުރުފާނު މަގުން، ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދު ހަތަރު ޓްރެކަށް ފުޅާ ކުރި އިރު، އެ ތަނުގައި ހުރި ވަރަށް ގިނަ ގަސްތަކާއި ރުއްތައް ނެގި އެވެ. އޭރު ވެސް އެކަމާ ދެކޮޅަށް އަޑު އުފުލި އެވެ. އެންމެ ގަދަޔަށް އެކަމާ ދެކޮޅަށް އަޑުއުފުލީ، އޭރު އިދިކޮޅުގައި އޮތް އެމްޑީޕީގެ މެންބަރުންނެވެ. ނަމަވެސް އޭރު އޮތް ސަރުކާރުން އެ ވާހަކައިގެ އަޑެއް ނޭހި އެވެ. ދިނީ ބީރު ކަންފަތެކެވެ. އެއީ އެ ގަސްތައް އެ ތަނުގައި ބަހައްޓައިގެން މަގު ފުޅާ ކުރެވޭނެ ގޮތެއް ނެތުމުންނެވެ. އެ ނަޒަރުން ބަލާ އިރު އެ ތަނުގައި ހުރި ގަސްތައް ނެގުން އެއީ، ތަރައްގީ އާއި ޓްރެފިކްގެ ލުއިތަކަށް ކުރުން ގޯސް ކަމެއް ކަމަށް ބުނެވޭކަށް ނެތެވެ.
އެހެން ނަމަވެސް ސުވާލަކީ އަމީނީމަގު ހަދާ އިރު ވެސް އަމަލުކުރަން ޖެހޭނީ އެ އުސޫލުންތޯ އެވެ؟ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއް ކަމަކަށް އެ މަގުގައި ޖަހާފައި ހުރި އޮފިއެލޭ ގަހަކީ އެފަދަ މާހައުލަކަށް، ހާއްސަކޮށް ހަނި މަގެއްގައި ބަހައްޓަން ރަނގަޅު ގަހެއް ނޫނެވެ. އެކަމުގައި ދެބަސްވުމެއް ނެތެވެ. އެއީ އެ ގަސްތައް ބިޔަވާލެއް ބޮޑު ކަމާއި މޫތައް، މަތީން އަދި ދުރަށް ފެތުރޭލަށް ބޮޑުކަމުންނެވެ. އެއާ ހިލާފަށް، ހުޅުމާލޭ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ގްރީނިން ސައިޓް އެސިސްޓެންޓް މެނޭޖަރު އިބްރާހީމް ޝަރުމީލު ވެސް ވިދާޅުވި ގޮތަށް އެ މަގުގައި ޖަހަންޖެހޭނީ ރާއްޖޭގެ މާހައުލާ ގުޅޭ ގަސްގަހެވެ. އޭގެ ތެރޭގައި މޫނިމާ ގަސް، ދަނބު ގަސް، ރީދޫ ވާރޭ ގަސް، މެހޯގަނީ އަދި އަނބު ފަދަ ގަސްތައް އޭނާ ފާހަގަ ކުރެއްވި އެވެ. އެ ގަސްތަކުގެ އިތުރަށް އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އުނި ގަހަކީ ވެސް ދުރަށް މޫ ނުފެތުރޭ، އަދި ސީދަލަށް ހެދޭ، ހެޔޮވަރެއްގެ ހިޔަލެއް ލިބޭނެ ގަހަކަށްވާތީ އެފަދަ ތަނަކަށް އެ ގަސް ވެސް ވަރަށް ރަނގަޅުވާނެ ކަމަށް ގަބޫލު ކުރަމެވެ. އަދި އެއީ ރާއްޖޭގެ މާހައުލާ ގުޅޭ ގަހެކެވެ.
އަމީނީމަގުގައި ހުރީ ގިނަ ގަސްތަކެއް ޖަހައި ބޮޑުކޮށްފަ އެވެ. މުޅި މާލެއަށް ބެލިއަސް މަގުގެ އެއްކޮޅުން އަނެއް ކޮޅަށް ހިޔަލުގައި ހިނގާފައި ދާން ބޭނުން ނަމަ، އެފަދަ ގޮތަކަށް އޮތް ހަމަ އެކަނީ މަގަކީ އެ މަގު ކަމަށް ބުނުން ދޮގަކަށް ނުވާނެ އެވެ. އެހާ ވެސް ގިނަ އަދަދަކަށް އެ މަގުގައި ވަނީ އެ ގަސް ޖަހައިފަ އެވެ. މީގެ ވިއްސަކަށް އަހަރު ކުރިން އެ މަގުގައި އިންދާފައި ހުރި ގަސްތަކަކީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ރާއްޖެއަށް ތައާރަފު ކުރި، ސިންގަޕޫރުން ގެނައި އޮފިއެލޭ އެވެ. މާލޭގެ ވެޖެޓޭޝަންގެ ބޮޑުބައެއް މިހާރު ހިސޯރު ކުރަނީ އެ ގަސްތަކުންނެވެ. އެހާ ވަރަށް ވެސް އެ ގަސް ގިނަ އެވެ.
ގަހުގެ ފައިދާ އެއީ ބުނެދޭން ޖެހޭ ވަރަށް ވުރެ އަސާސީ ވާހަކަ އެކެވެ. އެހެނީ ގަހުން ލިބިދޭ ފައިދާ އެންމެންނަށް ވެސް އެނގެ އެވެ. ނަމަވެސް ދެތިން ނުކުތާއެއް ބުނެލާނަމެވެ. ގަސް ހުރުމުން ބިމަށް ފެންހިނދުމަށް މަގުފަހިކޮށްދެ އެވެ. އަދި ދޫނި ސޫއްޕާ ސޫފިތަކަށް މާހަލެއް ތަނަވަސްކޮށްދެ އެވެ. އޭގެ އިތުރަށް ހިތަށް ފޯރުކޮށްދޭ ފިނި ކަމާއި ލިއްބައިދޭ ހިޔަލުގެ އިތުރަށް ހޫނުވުން ދަށް ކުރުމަށް ވެސް ގަސްތަކަކީ އޭގެ ޒާތުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ އެއްޗެކެވެ.
އެހެން ކަމާ އެކު އަމީނީމަގު އަލުން ހަދާ އިރު އެ ގަސްތައް ނުކަނޑައި ނޫނީ އެ ގަސްތަކުން ބޮޑު ބައެއް ނުކަނޑައި މަގު ހެދޭނެ ގޮތެއް އޮތްތޯ އެއީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވިސްނަން ޖެހޭ ކަމެކެވެ. އަދި ސިންގަޕޫރުގެ އަންގްސާނާ މަޑުމަނޑުން ބަދަލުކޮށް އެ ނޫން ގަސްތަކަށް ޖާގަ ލިބޭ ގޮތަށް އެ ކަން ކުރުމަކީ ހަމަ އޮތް ކަމެކެވެ. އަނެއް ސުވާލަކީ މާލެ ފަދަ ކުޑަ ތަނެއްގައި އަދި ހައިވޭއެއް ނޫން އެތެރޭގެ މަގެއްގައި ތާރުއަޅައިގެން މާލެ އިތުރަށް ހޫނު ކުރާނެތޯ ނޫންތޯ އެއީ ވެސް ވިސްނަން ޖެހޭ ކަމެކެވެ. ހޫނުވި ވަރަކަށް ކަރަންޓް ބޭނުންކުރާ ވަރު އިތުރުވެ، ވިހަ ގޭސް ޖައްވަން ދޫކުރާ ވަރު އިތުރުވާނެ ކަމީ ބަހުސެއް އޮތް ކަމެއް ނޫން ދެއްތޯ އެވެ. ރިންގް މަގުތަކުގައި ބަސް ފެއްޓީ ވެސް ދުއްވާ އެއްޗެތި މަދު ކުރުމަށް ނޫންތޯ އެވެ. އެހެން ކަމާ އެކު އެއްކޮޅުން ގަސްކޮޅު ކަނޑާފައި ބަސް ދުއްވިއަކަސް އޭގެން ވާނެ ފައިދާއެއް ނޯންނާނެ އެވެ.
މަޖީދީމަގު ރަނގަޅު ފެންވަރަކަށް ހަދާފައި އެ އޮތީ ގާ އަތުރައިގެންނެވެ. މަގުގެ ދެ ފަރާތުގެ ޕޭވަމަންޓަށް ނަރުދަމާ ހޮޅި އާއި ފެން ހޮޅި އާއި ސާވިސް ނެޓް ވޯކް ލަނިކޮށް ކޮންމެ ފަހަރަކު މަގު ކޮންނާކަށް ނުޖެހޭނެކަން އެ އޮތީ ފެންނަން ނޫންތޯ އެވެ. ހަމަ ގައިމު ވެސް އެ މަގު ހެދިތާ ދެތިން އަހަރު ވަނީ އެވެ. ގާއެޅި މަގުތަކުގެ ތެރެއިން މިހާރު ވެސް އެންމެ ފަސޭހައިން ދުއްވާލެވޭނެ އެއް މަގަކީ ހަމަ ޔަގީނުން ވެސް މަޖީދީމަގެވެ. ދެން ކޮން ތާރެއްތޯ އެވެ؟ ތެދެކެވެ. ތާރު އެޅުމުން މަގު އަލުން ހަދަންޖެހޭ މުއްދަތު ލަސްކޮށްދޭނެ އެވެ. އެހެން ނަމަވެސް ބަލަން ޖެހޭނީ އެކަމަށްތޯ ނޫނީ ތިމާވެއްޓަށްތޯ މިއީ ވިސްނަން ޖެހޭ ކަމެވެ. ގާ އަތުރައިގެން މަގު ހެދުމުން އެ މަގު ހެދުމަށް މިހާރު އެ ހަރަދު ކުރާ 84 މިލިއަން ރުފިޔާއިން ވެސް ބޮޑު ބައެއް ސަލާމަތް ކުރެވޭނެކަން ޔަގީނެވެ.
މި ސަރުކާރަކީ ތިމާވެއްޓަށް ސަމާލުކަން ދޭ ސަރުކާރެއް ކަމަށް ބުނެ، ވަކާލާތު ކުރެ އެވެ. އެހެން ނަމަވެސް އެ ދައްކާ ވާހަކަ އާއި އަމަލެއް ދިމައެއް ނުވެ އެވެ. އެއް ކަމަކަށް ފާހަގަ ކުރަން އޮތީ އައްޑޫ ހިއްކުމުގެ މަޝްރޫ އެވެ. އެ މަޝްރޫއު އެއޮއް ކުރިއަށް ގެންދަނީ ތިމާވެއްޓާ ބެހޭ އެޖެންސީން ހުއްދަ ނުދެނީހެވެ. އަދި ހަމަ އެހެންމެ، ދާއިރާގެ މަޖިލީސް ގޮނޑިއަށް އަމާޒުކޮށް ދެ ކޮމަންޑޫ ގުޅުވާލުމަށް ހިންގި މަޝްރޫއަކީ ވެސް އެފަދަ މަޝްރޫއު އެކެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރީ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑަސްޓްރީގެ ފަރާތުން އެދިވަޑައިގަތީ ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް ދިނުމަށެވެ. އަނެއް ކޮޅުން އދ.ގެ 77 ވަނަ އާންމު ޖަލްސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޝަކުވާއަކީ ވެސް 2030 އަންނަންވާ އިރަށް ރާއްޖެ ނެޓް ޒީރޯއަށް ގެނައުމަށް ބޭރުގެ ފަރާތްތަކުން ވައުދުވި ފައިސާ ނުދޭ ވާހަކަ އެވެ.
ރަނގަޅު ވާހަކަފުޅެވެ. އެއީ ވެސް ވާން ޖެހޭ ކަންކަމެވެ. އެހެން ނަމަވެސް އެހެން ބައެއް ކުރި އަދި ނުކުރި ކަމެއްގެ ވާހަކަ ދެއްކުމުގެ ކުރިން ތިމަ ތިމަންނަމެން ދައްކާ ވާހަކަ އާއި ބަސް ދިމާ ކުރެވޭތޯ ވެސް ބަލަން ޖެހެ އެވެ.
އަމީނީމަގު ހެދުމާ ގުޅޭ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް މިއީ ވެސް ދައްކާލަން ޖެހޭ ވާހަކަ އެކެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގަނީ ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ގޮތުން ކުރަން ޖެހޭ ހަރަދުތައްކޮށް ދެމެހެއްޓެނިވި ތިމާވެއްޓަކަށް މަގުފަހިކޮށްދިނުމަށެވެ. ނަމަވެސް އެ ޓެކްސް ނަގައިގެން ލިބޭ ފައިސާ، އެއް ކަމަކަށް ހަރަދު ކުރަނީ އެކަމަށްތޯ އެއީ ބަލަން ޖެހޭ ކަމެކެވެ. ދެ ވަނަ ކަމަކަށް އެ ޓެކްސް އެންމެ ގިނައިން އުފައްދާ ސަރަހައްދުތަކަށް އެ އޭގެ ހަގީގީ މަންފާ ލިބޭ ގޮތަށް އެ ޕޮލިސީ ބައްޓަން ނުކުރެވޭ ކަމީ ވެސް ދެ ވަނަ ނަޒަރަކުން ވިސްނާލަން ޖެހޭ ކަމެކެވެ. ހަމަ ޔަގީނުން ވެސް 800 އަށް ވުރެ ގިނަ މިލިއަން ރުފިޔާގެ އާމްދަނީ މިދިޔަ އަހަރު ވެސް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވެ އެވެ.
އަޅުގަނޑު ވަކާލާތު ކުރާނީ އަމީނީމަގު ގާ އަތުރައިގެން ހެދުމަށެވެ. އަދި ވަގުތު ނަގައިގެން އެ މަގުގައި ހުރި ބިޔަ ގަސްތައް އެ ނޫން ގަސްތަކަށް ބަދަލު ކުރެވޭނެ ގޮތަށް އެކަން އިންތިޒާމު ކުރުމަށެވެ. ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު އަދި ފައިދާ ބޮޑު ގޮތަކީ އެއީ އެވެ. ބަޔަކު ލިޔެފައިދޭ އެއްޗެއް އަދި ކިއުމަކުން ނުފުދޭނެ އެވެ. ކުރާ ކަންކަމާއި ބަސް ދިމާވޭތޯ އެއީ ވެސް ބަލަން ޖެހޭ ކަމެކެވެ. އަމީނީމަގުގައި ހުރި ހުރިހާ ގަސްތަކެއް ކަނޑާލުމަށް ފަހު، މަގު 'އޮރިޔާން' ކޮށްލުމަކަށް އެއްގޮތަކަށް ވެސް ތާއީދެެއް ނެތެވެ. މަގުހަދަން ޖެހޭނީ ފުރަތަމަ ޕްލޭންކޮށް މަގުގެ ދެ ފަރާތުގައި ޖަހާނެ ގަހާއި އެފަދަ ކަންކަން ފުރަތަމަ އިންތިޒާމު ކުރުމަށް ފަހު އެވެ. ބޮޑެތި މަޝްރޫއުތައް ހިންގުމަށް ފަހު، އޭގެން ހޯދާނެ ނާޖާއިޒު ފައިދާއަށް ވިސްނަނައިގެނެއް ނޫނެވެ.