Majlis 2024

އަމީނީމަގުގައި ހުރި ގަސްތައް ކަނޑަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަޅުގަނޑުމެންގެ މާހައުލުން: އޮފިއެލޭ ގަސްތައް އެހެން ތަނަކަށް ބަދަލުކުރުމަކީ މައްސަލައެއް ނޫން

މަގުމަތީގައި ގަސް އިންދާއިރު ބަލަން ޖެހޭ ކަންކަން ހުރޭ؛ މާލޭގެ މަގުތަކުގައި ގަސް އިންދާފައި ހުރީ މި ކަހަލަ މިންގަނޑަކަށް ބަލައިގެނެއް ނޫން.

ސިންގަޕޫރުގައި ވަރަށް ގިނަ މަގުތަކުގައި އޮފިއެލޭގަސް ހައްދާފައި ހުރެ އެވެ. ހާއްސަކޮށް އޮޗާޑް ރޯޑްގައި ފާހަގަކުރެވޭ ވަރަށް ގިނަ އެވެ. މި ގަސް އާންމުކޮށް ހިޔާ ހޯދައިދޭ އެއްޗެއްގެ ގޮތުގައި ހައްދާފައި ހުންނަނީ ޕާކު ކަހަލަ ހުސް ޖާގަތައް ހުންނަ ތަންތަނުގަ އެވެ. ސަބަބަކީ މި ގަސް ވަރަށް ބޮޑު ޖާގައަކަށް (ގަހުގެ ކެނޮޕީ) ފެތުރޭތީ އެވެ. އަދި ގަސް ފެތުރިގެންދާ ބޮޑުމިނަށް ގަހުގެ ފަލަ މޫތައް ބިމުގެ އަޑިއަށް ދެމިފައި ހުންނާނެ އެވެ.

މި ގަހަކީ ވަރަށް އުސްކޮށް ހެދޭ ގަހެކެވެ. އުސް މިނުން 35 އާއި 50 މީޓަރުގެ ދެމެދު މި ގަސް ހެދެ އެވެ. މިއީ އޭޝިއާގެ ވަރަށް ގިނަ ރަށްރަށުގައި އާންމު ގަހެކެވެ. ގަހުގެ ލަކުޑިއަކީ ކަނދު ލަކުޑި ފަދަ ވަކަ ލަކުޑިއެކެވެ. އެހެންކަމުން ކަނދު ލަކުޑީގެ ބޭނުން ހިފޭ ކަންކަމުގައި މި ލަކުޑި ބޭނުން ކުރެވެ އެވެ. މިއީ އެއް މޫސުމަކަށް ރީނދޫ ކުލައިގެ ކުދިކުދި (ގިނަ) މާތަކެއް (މަޑު މީރު ވަހެއް ދުވާ) އަޅާ ގަހެކެވެ. މާ ފައިބާ ނިމުމުން ގަހުގައި އޮށް އަޅަ އެވެ. މި އޮށަކީ ވަޔާ ދުރަށް ދަތުރުކުރާ އޮއްޗެކެވެ. ގަހުގެ ހިމަ އޮފިތައް ހުންނާނީ މަތިން ތިރިއަށް އެލުވިފަ އެވެ. އޮފިއެލޭ ގަސް ކިޔަނީ މިހެން ވެގެންނެވެ.

މިއީ މާ ބޮޑު ބުރަ ކަމެއް ނެތި ފަސޭހައިން ހެއްދޭ އެއްޗެކެވެ. އޮށުންނާއި އޮފިން ހައްދާ އުޅެ އެވެ. ރާއްޖޭގައި އާންމުކޮށް ހައްދަނީ އޮފިންނެވެ. ގަވައިދުން ފެންދީ ބަލަހައްޓާކަށް ނުޖެހެ އެވެ. އޮފިއެލޭ ގަހުގެ އަސްލު ފެށިގެން އަންނަނީ މެލޭޝިއަން ޕެނިންސުލާ ތެރެއިންނެވެ. އެ ހިސާބުން މި ގަސް ދެކުނު އިރުމަތީ އޭޝިޔާގެ ގިނަ ގައުމުތަކަކަށް ފެތުރިފައިވެ އެވެ. މިގޮތުން، އެންމެ ބޮޑަށް މަޝްހޫރުކަން ލިބިފައިވަނީ 19 ވަނަ ގަރުނުގެ ތެރޭގައި ސިންގަޕޫރުންނެވެ. ނަމަވެސް، 1914 ވަނަ އަހަރު ސިންގަޕޫރާއި މެލޭޝިޔާގެ އޮފިއެލޭ ގަސްތަކަށް 'އަންސާނާ ވިލްޓް' ކިޔާ ބަލިމަޑުކަމެއް ލައިގަނެ، ވަރަށް ގިނަ ގަސްތައް މަރުވެ ދިޔަ އެވެ. ފަތްތައް ދޮންވެ، ކަޅު ލައްތަކެއް ޖަހައި ފަތްތައް ފައިބައި ގޮފިތައް ހިކި، ސުންނާފަތިވެ ދިޔައީ އެވެ.

އޮފިއެލޭ ގަހަކީ ބައިނަލްއަގުވާމީ ކޮންސަވޭޝަނަށް ބަލާއިރު އައިޔޫސީއެންގެ އިތުރުން އޭޝިޔާގެ ބައެއް ގައުމުތަކުން ނެތިދާނެ ކަމަށް ލޭބަލްކޮށްފައިވާ ގަހެކެވެ. ނަމަވެސް، ޑަބްލިއުޑަބްލިއުއެފް އާއި ސައިޓީސް ފަދަ ޖަމާއަތްތަކުން ރެޑް ލިސްޓުތަކުގައި ހިމަނާފައެއް ނުވެ އެވެ. 

އޮފިއެލޭ ރާއްޖެއަށް ތައާރަފުކުރީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގެ ފަހުކޮޅުގަ އެވެ. ވެލާނާގެ ތަޅާލިއިރު ވެސް އޮފިއެލޭގެ ދެ ވައްތަރެއް އެ ތަނުގައި ހުއްޓެވެ. ރާއްޖޭގައި އޮފިއެލޭގެ ދެ ވައްތަރެއް ހުރެ އެވެ. އެއް ބާވަތެއްގައި އޮފިތައް މި ހުންނަނީ އެލިފަ އެވެ. އަނެއް ބާވަތެއްގައި އޮފިތައް މި ހުންނަނީ ކޮޅަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި އޮފިއެލޭ ވަރަށް ބޮޑަށް އާންމު ކުރެވުނެވެ. އޮފިއެލޭ އާންމުވެ، ގިނަވުމުގެ ސަބަބުން ކުދިކުދި ރަށްރަށުގައި އެ ރަށެއްގެ ނޭޓިވް ވެޖިޓޭޝަންގެ މައްޗަށް އަތްގަދަކޮށް، މުޅި ރަށަށް އޮފިއެލޭ ގިނަވާ ގޮތްވެ އެވެ. މިހެން ވަނީ ހެދޭލެއް އަވަސް ވެފައި އަޅާލަން ޖެހޭ މިންވަރު ކުޑަކަމުން ރަށްރަށުގެ މީހުން އެ ރަށެއްގެ ހުސް ބިމުގައި ނުވަތަ އޯޕަން ރެސްޓޯރަންޓް، ކޮފީ ޝޮޕް ފަދަ ތަންތަނުގައި ހިޔާކުރުމުގެ ބޭނުމުގައި މި ގަހުގެ ގޮފިގަނޑެއް އިންދާތީ އެވެ. އިސާހިތަކު ހެދި ބޮޑު ގަހަކަށް ވެ އެވެ. ގަހުގެ ރީތިކަމާ އެކު، އެހެން ތަންތަނަށް އެ ގަހުން އޮފިކަނޑައިގެން ގެންގޮސް އިންދައި އާލާކުރަނީ އެވެ. އަދި ބައެއް ފަހަރު ގަހުގެ އޮށްތައް ވަޔާ ދަތުރުކޮށް، ތަންތަނަށް ވެއްޓި، ފަޅައިގެން ހެދޭ ގޮތްވެ އެވެ. 

އޮފިއެލޭ ގަހުގެ މޫތަކަކީ ބިންގަނޑުގެ މަތީ ފަށަލައިގައި ދުރަށް ފެތުރޭ އެއްޗެކެވެ. އެހެންކަމުން، މާލެ ކަހަލަ ހަނި މަގުތައް ގިނަ ރަށްރަށުގައި ރޯޑް ސައިޑް ޕްލާންޓްގެ ގޮތުގައި އޮފިއެލޭ ހެއްދުމަކީ ރަނގަޅު ކަމެއް ނޫނެވެ. މިހާރު ވެސް މާލޭގެ ބައެއް މަގުތަކުގައި ހުރި އޮފިއެލޭ ގަސް ގަހުގެ މޫތައް އެއާ ޖެހިގެން ހުރި ގޭގޭހެ ތަޅުންގަނޑު ހަލާކުކޮށް ފާހާނާތަކަށް ގެއްލުން ދީފައި އެބަ ހުއްޓެވެ. 

މާލޭގައި އެންމެ ފަހުން އޮފިއެލޭ ގަސް އިންދި އެއް މަގަކީ އަމީނީ މަގެވެ. އެ ގަސްތައް އިންދިތާ އަދި ވާނީ ވިއްސަކަށް އަހަރެވެ. އެ ގަސްތައް އިންދުނު ގޮތުންނާއި ނުބެލެހެއްޓި ދިޔުމުން އެހެން މަގުތަކެކޭ އެއް ގޮތަށް އަމީނީ މަގުގެ ގިނަ ގަސްތައް އެހެރީ ހަލާކުވެފަ އެވެ. ބައެއް ގަސް ގަހަކީ އިންދިއިރު މާ ބޮޑަށް ދުވަސް ވެފައި ހުރި އޮފިގަނޑުތަކެކެވެ. އިންދި ގޮފިތަކަކީ ރޯޑް ސައިޑަށް ޑިޒައިންކޮށް، ތެދުކޮށް، ނާސަރީތަކުގައި ހައްދައިގެން އިންދި ގަސްތަކެއް ނޫނުވެ. ރޯޑް ސައިޑް ޕްލާންޓް ނުވަތަ މަގުމަތީ ގަސް އިންދުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން ކުރާ ކަމެކެވެ. މިގޮތުން، މަގުމަތީގައި ގަސް އިންދާ އިރު ބަލަން ޖެހޭ ކަންތައްތަކެއް ހުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މަގުމަތީގައި އިންދާ ގަސްތަކަކީ ކެނޮޕީ ވީހާ ވެސް ކުޑަކޮށް ފެތުރޭ ގަހަށް ވުން 

  • ވަރަށް ތެދުކޮށް ހައްދާފައި ހުންނަ ގަހަށް ވުން

  • 8 ފޫޓާއި 10 ފޫޓާ ދެމެދުގެ ދިގު ދަނޑި ނުވަތަ ގަހަށް ވުން

  • ގަހުގައި ފެހި ކުލަ ގަދަވުމާއި ލޮލަށް ފަސޭހަކަން ލިބުން

  • ކާބޯތަކެތި އަޅާ ގަސް އާބަން މަގުތަކުގައި ނުއިންދުން 

  • ފަސޭހައިން ކޮށައި ބެލެހެއްޓޭ އުސް މިނަކަށް ގަސް ހެއްދުން (މާލޭގައި ނަމަ 20 ފޫޓާއި 25 ފޫޓާ ދެމެދު)

  • އަލިފާން ނިއްވާ އުނޅަދުފަހަރާއި ސަލާމަތީ އުޅަނދުފަހަރަށް ފަސޭހަކަމާ އެކު ދަތުރު ކުރެވޭ އުސް މިނެއްގައި ގަހުގެ އޮފިތައް ފެތުރިފައި ހުރުން

  • ރަށުގެ މާހައުލާ ގުޅޭ ޒާތުގެ ގަސްތަކަށް ވުން 

  • މަދިރި އާއި ރޯގާތައް މަދުކުރާ ބާވަތުގެ ގަސްތައް ގިނަކުރުން 

  • އެއް ވައްތަރެއްގެ ގަސް ނުއިންދުން

  • މަގުމަތީގައި އިންދާ ގަހުގެ މޫތައް ބިންގަނޑުގެ މެދު ފަށަލައިން ފެށިގެން އަޑިއަށް ފެތުރޭ ގަސްގަހަށް ވުން

  • މަގުގައި ގަސް އިންދި ނަމަވެސް އެ ގަސް އިންދޭ ހިސާބެއް ދެނެގަތުމާއި (މިސްކިތް، އާސާރީ ތަންތަން، ހަނި މަގުތައް އަދި ކޮންޖެސްޓަޑް އާބާދީތައް) ހުންނަ ތަންތަނުގައި އެ ތަނަކާ ގުޅޭ ގޮތަށް ގަސް އިންދުން

  • މަގުމަގުގެ ދެ ފަރާތުގައި އިންދާ ގަސްތައް ބޮޑެތިވެ، ދެ ފަރާތުގެ ގަސްތަކުގެ ކެނޮޕީ ފެތުރި، މަތިން އެކުގައި މަގު ބެދި، ދުއްވާ އެއްޗެހީގެ ދުމާއި ހިރަފުސް ގަސްތަކުން ނެއްޓި މައްޗަށް އަރައިގެން ނުދާނެހެން ގަސް ނުހެއްދުން

  • މަގުމަތީގައި، ހާއްސަކޮށް ހަނި މަގު މަގުގައި ހައްދާ ގަސްތަކަކީ މަޑުމަޑުން ލަހުން ހެދޭ ގަހަށް ވުމާއި ގަސްގަނޑު މާ ބޮޑަށް ފަލަވާ ގަސް ގަހަށް ނުވުން 

މިއީ މައިގަނޑު ގޮތެއްގައި މަގުމަތީގައި ގަސް އިންދާއިރު ބަލަން ޖެހޭ ކަންކަމެވެ. މާލޭގެ މަގުތަކުގައި ގަސް އިންދާފައި ހުރީ މި ކަހަލަ މިންގަނޑަކަށް ބަލައިގެނެއް ނޫނެވެ. ގަސް އިންދުމުގެ ދުވަހެއް ފާހަގަކުރަން ވީމާ ސިފައިންނާއި މުނިސަޕަލްޓީ މީހުން ނުކުމެ މާލޭގައި ހުރި ބޮޑެތި އޮފިއެލޭ ގަސްތަކުން ގޮފިތައް ކަނޑައިގެން ގެންގޮސް، ހައެއްކަ ފޫޓު ދިގު މިނުން ބުރިކޮށް، މަގުމަތީގައި އިންދީ އެވެ. އެ އިންދި އޮފިގަނޑުތައް ހުރީ ހުންނާނޭ ގޮތަކަށެވެ. ގުދު ދަނޑިބުރި ބުރި އާއި ތެދު ދަނޑިބުރި ބުރި އާއި ހަރުވެ މުސްކުޅިވެފައި ހުންނަ ގޮފިގަނޑުގަނޑާއި ޅަ އޮފިތައް މިކަހަލަ ގޮތަކަށެވެ. ދެތިން ދުވަހަކު ފެން ޖަހާލީމާ ނިމުނީ އެވެ. ހަފްތާއެއް ވީއިރު ކުރިތައް އެހެރީ ފަޅާފަ އެވެ. އެންމެ ކުޑަމިނުން އެ ފެޅި ކުރިތައް ތެދުކޮށްލަން ދަނޑިއެއް ހިސާބު ވެސް ނުޖަހަ އެވެ. ހެނދުނު ކުރިއެއް ހެދުނީ އެވެ. ވަކި ވަރެއް ވާއިރަށް ބައެއް ކުރި ދުއްވާ އެއްޗެހީގައި ޖެހި ބިނދެ އެވެ. މިހެން ނުވި ކުރިތައް ހެދިގެން މައްޗަށް އެރީ އެވެ. ޖެހިގެން ހުރި ގޭގެ ފުރާޅަށް އުނދަގޫވާން ފެށީމާ އެ ގޭގޭގެ މީހުން އެ ކުރިތައް ކޮށާލާނެވެ. އިމާރާތެއް އަލަށް ކުރާ އިރު އުނދަގޫވާ ގޮތަށް ހުރި ފަލަ އޮފިތައް ކެނޑެން އޮތް ގޮތަކަށް ކަނޑާލަ އެވެ. ނަތީޖާއަކަށް ވަނީ ގަސްތައް މުޅި މަގަށް އަރިވެ، މަގުގެ ގާތަކާއި ކާނުތަކާ އެކީގައި މޫތައް މައްޗަށް އަރައި ހިނގާބިގާވާ މީހުންނަށް ނުރައްކާތަކާ ކުރިމަތިލާން ޖެހުމެވެ. 

މަގުމަތީގައި އިންދާފައި ހުންނަ ރޯޑް ސައިޑް ޕްލާންޓްތަކަކީ ގަވައިދުން ކޮށައި ބަލަހައްޓަން ޖެހޭ އެއްޗެކެވެ. އެއީ ވެސް ފަންނެކެވެ. ހަމަ ކޮންމެ މީހަކަށް ގަސް ކޮށާކަށް ނޭނގޭނެ އެވެ. ގަހުގެ ފަލަ އޮފިތައް ވަކި ގޮތަކަށް ނުކަނޑައިފިއްޔާ އެ ތަނުގައި ފެން ހެދި، ގަސްގަނޑު ފީވެ، އެތެރެއަށް ހޮހޮޅަ ހެދި، ގަސް އިރައިގެން ގޮސް، ވެއްޓޭ ގޮތް މެދުވެރިވެ އެވެ. މިއީ ނުރައްކާތެރި ކަންކަމެވެ. މިހާރު ވެސް މާލޭގެ އެކި ހިސާބުގައި އެފަދަ ހާދިސާތައް ހިނގައި ދުއްވާ އެއްޗެއްސަށް ގެއްލުން ވެފައި އެބަހުއްޓެވެ. މިފަދަ ސަބަބުތަކާ ހެދި ރޯޑް ސައިޑު ޕްލާންޓްސް އަކީ ދޭތެރެ ދޭތެރެއިން ނަގައި ބަދަލުކޮށް، އާ ގަސް ޖަހައި މެނޭޖު ކުރަން ޖެހޭ އެއްޗެކެވެ.

އެޑިޓަރުގެ ނޯޓު: 

މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) މި ވަގުތު ހުންނެވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ. އޭނާއަކީ ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލައި އެންމެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ އެއް ބޭފުޅެވެ. ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކުރުމަށް އޭނާ ކުރެއްވި މަސައްކަތްތައް ފާހަގަކޮށް އޭނާއަށް ވަނީ ގްލޯބަލް 500 އެވޯޑު އާއި ރާއްޖޭގެ ގައުމީ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ.

ކޮމެންޓް (2)

އަޑަފި

1 އޮކްޓޯބަރު 2022
ސަރުކާރުގެ މަޤާމެއްގަ ހުރުމުން ސަރުކާރުން ކުރާ، ކޮންމެކަމަކީ ރަނގަޅުކަމެއްކަން ދައްކަން އާޓިކަލްތައް ލިއުއްވާއިރު، ކުރީގެ ސަރުކާރުތަކުން ކުރި މިފަދަ ކަންކަމަށް ފާޑުކިއުއްވި ގިނަބޭފުޅުން ތިއްބެވީ ހަނެވެ.
0 0

ޝަފީޤު

20 އޮކްޓޯބަރު 2022
@އަޑަފި މީމު.ޒަވިޔަނި އެއި ދިވެހި ނޫސްތަކަށް އައު ނަމެއް ނޫނެވެ. މީހުން އެބުނާ ރައީސް މައުމޫނުގެ ހިޔާލުފާލުކުރުމުގެ މިނިވަންކަންނެތް 30 އަހަރުވެސް މީމު.ޒަވިޔަނި ހުންނެވީ ސަރުކާރުގައި. އޭރުވެސް މިނިވަންކަމާއެކު ސަރުކާރަށް ލެޑިނުގަނެ ތިލަފަތް ހަމަ ލިޔުންވުން ގެންދެވީ ލިޔުއްވަމުން. ވާނުވާ ނޭގި އެއްޗެއް ބުނުމުގެ ބަދަލުގައި އިންސާފުން އެއްޗެއް ބުނިއްޔާ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް