އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު: ގަސް ކަނޑާތީ އެކަމުގެ ކަންބޮޑުވުން އެ މަނިކުފާނު ފާޅުކުރެއްވި. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

އަމީނީ މަގު ހަދަން ގަސް ކަނޑާތީ ނަޝީދު ކަންބޮޑުވެއްޖެ

ނަޝީދު ވިދާޅުވީ ގަސް ނުކަނޑައި މަގު ހެދޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް

އަމީނީ މަގު ހެދުމަށް އެ މަގުގައި ހުރި ގަސްތައް ކަނޑާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މައްސަލައިގެ ފެށުން - 'މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓު'ގެ ދަށުން އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 30ގަ އެވެ. އެގޮތުން:

  • އެ މަސައްކަތުގެ ތެރެއިން މިހާރު ވަނީ އަމީނީމަގުގައި ހުރި ގަސްތައް ނަގަން ފަށާފައި

  • އެ މަސައްކަތް ކުރާ ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން އިއްޔެ ބުނީ އެ ގަސްތައް ގެންދަނީ ސަރުކާރުން ބިން ހިއްކައިގެން ތަރައްގީ ކުރަމުން އަންނަ ޕިކްނިކް އައިލެންޑް، ކުޑަގިރިއަށް ކަމަށް

  • ގަސް ކަނޑާތީ ބައެއް އާންމުން ވެސް ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން

ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވަނީ ގަސް ކަނޑާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެ ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ބުނީ ކީކޭ؟ - "ގަހެއް ހެދުމަށް 15-20 އަހަރު އެބަ ނަގާ. [އެކަމަކު] މަގެއް ހެދުމަށް ނަގަނީ ދެތިން މަހެއްހާ ދުވަސް. ގަސްތައް ބަހައްޓައިގެން މަގުތައް ހެދޭނެ ގޮތެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލާއި އާރުޑީސީން ވެސް "ގަސްތައް ނުކަނޑައި މަގުތައް ހެދޭނެ ގޮތެއް ހޯއްދަވާނެ ކަމަށް އުންމީދުކުރައްވާ" ކަމަށެވެ.

ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ: ގަސްތައް ކަނޑާތީ އެ މަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. (ފޮޓޯ/މަޖިލިސް)

ފަސް މަންޒަރު - ގަސްތައް ނަގާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އާރްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރި ދުވަހުން ފެށިގެން ވެސް، އެ މަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުން ނުވާނެ ގޮތަކަށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށެވެ.

ނަމަވެސް، މާލޭގެ ހުރިހާ މަގުތަކާ އެއް ގޮތަށް އަމީނީމަގަކީ ވެސް ފެނާއި ނަރުދަމާގެ އިތުރުން އެހެން ބައިވަރު ނެޓްވޯކުތަކެއް ވެސް ވަޅުލާފައިވާ މަގަކަށް ވާތީ، އެ މަސައްކަތް ކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް (2)

ވަޒީރު

20 ސެޕްޓެމްބަރު 2022
އާއްމު ރައްޔިތުންވެސް ކަންބޮޑުވުން ފާޅުކުރީ..މަޖިލީސް ރައީސްވެސް؟؟ދެން ތިމާވެށި މިނިސްޓަރުވެސް ކަންބޮޑުވުން ފާޅުކޮށްލާނީ..މަޖިލީހިގެ ރައީސްއެކޭ އާއްމު ރައްޔިތެކޭ ތަފާތެއްނެތް..ބާރު ހިންގަނީ ވަކިކަމެއް ބޭނުންވީމަ..
1 1

އަހަރެން

27 ސެޕްޓެމްބަރު 2022
@ވަޒީރު ފަރުތަކާ ފަޅުތަކާ ގިރިތައް ސުންނާފަތި ކުރުން އޯކޭ ރައީސެއް ތި ނަސީދަކީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް