ގޯލްޑެން ގްލޯބް އެވޯޑް ހަފްލާގައި އެންމެ މޮޅު ޑްރާމާ ފިލްމުގެ އެވޯޑް ހޯދި 'އޮޕެންހައިމާ'ގެ ތަރި ކިލިއަން މާފީ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދުމަށް ފަހު ވާހަކަދައްކަނީ
ގޯލްޑެން ގްލޯބްސްގެ ޝަރަފްވެރި އެވޯޑްތައް 'އޮޕެންހައިމާ' އާއި 'ސަކްސެޝަން' އަށް
ގޯލްޑެން ގްލޯބް އެވޯޑްސްގެ އެންމެ މޮޅު ޑްރާމާ ފިލްމަކަށް 'އޮޕެންހައިމާ' އަދި އެންމެ މޮޅު ޓީވީ ޝޯއަކަށް 'ސަކްސެޝަން' ހޮވައިފި އެވެ.
ކެލިފޯނިއާގައި ރޭ ބޭއްވި އެވޯޑް ހަފްލާގައި 'އޮޕެންހައިމާ'ގެ ކިލިއަން މާފީ އާއި ރޮބަޓް ޑައުނީ ޖޫނިއާ އެންމެ މޮޅު އެކްޓަރު އަދި ސަޕޯޓިން އެކްޓަރުގެ އެވޯޑު ހޯދި އިރު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ގެންދިޔައީ އެ ފިލްމުގެ ޑައިރެކްޓަރު ކްރިސްޓިފާ ނޯލާން އެވެ. އޭގެ އިތުރުން އެންމެ މޮޅު ސްކޯގެ އެވޯޑާ އެކު ޖުމްލަ ފަސް އެ ވޯޑު އެ ފިލްމަށް ލިބުނެވެ.
އެޓޮމިކް ބޮން އުފެއްދި ސައިންސްވެރިޔާގެ ވާހަކަ ގެނެސްދޭ 'އޮޕެންހައިމާ' ބޮކްސް އޮފީހުގައި 954 މިލިއަން ޑޮލަރު ހޯދާފައިވެ އެވެ.
އެ ފިލްމާ އެކުއެކީގައި ރިލީޒް ކުރި 'ބާބީ' ވަނީ ގޯލްޑެން ގްލޯބްސްއަށް އަލަށް ތައާރަފްކުރި ބޮކްސް އޮފީސް އެޗީވްމެންޓް އެވޯޑު ހޯދައިފަ އެވެ. ގްރެޓާ ގާވިގް ޑައިރެކްޓްކުރި 'ބާބީ' އަށް ޓިކެޓު ވިއްކައިގެން 1.4 ބިލިއަން ޑޮލަރު ލިބުނެވެ. އެއީ އަންހެނަކު އެކަނި ޑައިރެކްޓްކުރި ފިލްމަކުން ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރު ހޯދި ފުރަތަމަ ފަހަރެވެ.
'ބާބީ'ގެ ސައުންޑްޓްރެކްގައި ހިމެނޭ ތިން ލަވައެއް ގޯލްޑެން ގްލޯބްސްއަށް ނޮމިނޭޓްވެ، ބިލީ އައިލިޝްގެ 'ވަޓް ވޯޒް އައި މޭޑް ފޯ؟' ވަނީ އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑް ގެންގޮސްފަ އެވެ.
ހަފްލާގައި ވިދާލި އިތުރު ބައެއް ފިލްމުތަކަށް ބަލާ އިރު 'އެނަޓޮމީ އޮފް އަ ފޯލް' އާއި، 'ދަ ހޯލްޑްއޯވާސް' އަދި 'ޕުއާ ތިންގްސް' އިން ކުރެ ކޮންމެ ފިލްމަކަށް ދެ އެވޯޑު ލިބުނެވެ.
އެންމެ މޮޅު ޑްރާމާ އެކްޓްރެސްގެ ގޯލްޑެން ގްލޯބް ގެންދިޔައީ މާޓިން ސްކޯސޭސީގެ 'ކިލާސް އޮފް ދަ ފްލާވާ މޫން'ގެ ތަރި ލިލީ ގްލެޑްސްޓޯން އެވެ. އެ އެވޯޑު ހޯދި ފުރަތަމަ އިންޑިޖިނަސް އެކްޓްރެސްއަކީ އޭނާ އެވެ.
ހަތަރުވަނަ އަދި އެންމެ ފަހު ސީޒަނަށް ފަހު 'ސަކްސެޝަން' ވަނީ ގޯލްޑެން ގްލޯބްސްގެ ޓީވީ ކެޓެގަރީން އެންމެ މޮޅު ޑްރާމާ ސިލްސިލާ، އެންމެ މޮޅު އެކްޓަރު، އެކްޓްރެސް އަދި ސަޕޯޓިން އެކްޓަރުގެ އެވޯޑް ގެންގޮސްފަ އެވެ.
ޓީވީ ބައިގެ އިތުރު ކާމިޔާބީތަކުގެ ތެރޭގައި ނެޓްފްލިކްސްގެ 'ބީފް' އިން އެވޯޑު ހޯދި ސްޓީވެން ޔޫން އާއި އަލީ ވޮންގް ހިމެނެ އެވެ. އަދި 'ދަ ކްރައުން'ގައި ޕްރިންސެސް ޑަޔާނާގެ ބައި ކުޅު އެލިޒަބެތު ޑެބިކީ ވަނީ ޓީވީ ސިލްސިލާތަކުން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑު ގެންގޮސްފަ އެވެ.
މިއުޒިކަލް/ކޮމެޑީ ކެޓަގަރީން އެންމެ މޮޅު އެކްޓްރެސްއަކީ 'ޕުއާ ތިންގްސް'ގެ ތަރި އެމާ ސްޓޯން އެވެ.
ގޯލްޑެން ގްލޯބްސްއާ އެކު އަހަރުގެ ބޮޑެތި އެވޯޑް ހަފްލާތައް ފެށުނީ އެވެ. އެންމެ ޝަރަފްވެރި އޮސްކާ އެވޯޑު ދިނުން އޮންނާނީ 10 މާޗުގަ އެވެ.