ގްރެޓާ ގާވިގް: މީގެ ކުރިން ވެސް މޮޅެތި ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވޭ އަދި 2017 ގައި އޮސްކާ އެވޯޑަށް ނޮމިނޭޓްވި

ހޮލީވުޑް

'ބާބީ' ބިލިއަން ޑޮލަރުގެ ލިސްޓަށް؛ ގްރެޓާ ގާވިގް ހޮލީވުޑްގެ ތާރީހަށް

މިއީ ފިރިހެން ޑައިރެކްޓަރަކާ ނުގުޅި އަންހެން ޑައިރެކްޓަރަކު އެކަނި ހެދި ފިލްމަކުން ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރު ހޯދި ފުރަތަމަ ފަހަރު
8 އޯގަސްޓު 2023

ޓިކެޓު ވިއްކައިގެން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ހޮލީވުޑް ފިލްމްތަކުގެ ތެރޭގައި މިހާތަނަށް ހިމެނިފައިވަނީ ހަމައެކަނި ފިރިހެން ޑައިރެކްޓަރަކު، ނުވަތަ ފިރިހެނަކާއި އަންހެން ޑައިރެކްޓަރަކު ގުޅިގެން އުފައްދާފައިވާ ފިލްމުތައް އެކަންޏެވެ. ނަމަވެސް އެކަން މިހާރު ބަދަލުވެއްޖެ އެވެ.

'ބާބީ'ގެ ޑައިރެކްޓަރު ގްރެޓާ ގާވިގް ވަނީ، އައިއެމްޑީބީ ޕްރޯގެ ބޮކްސް އޮފީސް މޯޖޯގައި 'ޓޮޕް ލައިފްޓައިމް ގްރޮސެސް' ލިސްޓުގެ 45 ވަނަ 1.03 ބިލިއަން ޑޮލަރާ އެކު ހޯދައި، ހޮލީވުޑްގެ ތާރީހުގައި އަދިއަދަށްދާންދެން ނުވެ އޮތް ކަމެއް ހާސިލްކޮށްފަ އެވެ. އެއީ، ހަމައެކަނި އަންހެނަކު ޑައިރެކްޓްކުރި ފިލްމަކުން ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރު ހޯދުމެވެ.

ބިލިއަން ޑޮލަރުގެ ބްލޮކްބަސްޓާ ފިލްމްތަކުގެ ތެރޭގައި މިހާތަނަށް ހިމެނިފައި އޮތީ 53 ފިލްމެކެވެ. އޭގެ ތެރޭގައި ގިނައީ ފިރިހެނަކު ޑައިރެކްޓްކޮށް، ފިރިހެން ކެރެކްޓާއަކާ ބެހޭގޮތުން ހަދާފައިވާ ފިލްމުތަކެވެ. އޭގެ ތެރޭ 'ބާބީ' ހިމެނެނީ އަންހެން ކެރެކްޓާއަކާ ބެހޭ ހަމައެކަނި ނުވަ ފިލްމުގެ ތެރޭގަ އެވެ.

'ބާބީ'ގެ ކުރިން ވެސް، އަންހެން ކެރެކްޓާއެއް އިސްކޮށް ހިމެނޭ ފިލްމްތަކަށް ބިލިއަން ޑޮލަރު ލިބިފައިވިޔަސް، އެއީ ވެސް ހަމައެކަނި ފިރިހެން ޑައިރެކްޓަރެއް، ނުވަތަ ފިރިހެނަކާއި އަންހެން ޑައިރެކްޓަރަކު ގުޅިގެން ހަދާފައިވާ ފިލްމްތަކެވެ.

ހޮލީވުޑްގެ ތާރީހުގައި މިހާރު ގްރެޓާ ގާވިގްގެ ނަން ބިންވަޅުނެގިގެން އެ ދިޔައީ ބިލިއަން ޑޮލަރު ހުރަސްކުރި ފިލްމެއްގެ ހުރިހާ ކްރެޑިޓެއް އަންހެނަކަށް ލިބުނު ފުރަތަމަ ޑައިރެކްޓަރުގެ ގޮތުގަ އެވެ.

'ބާބީ'ގެ ތަރި މާގޯ ރޮބީ (ކ) އާއި ޑައިރެކްޓަރު ގްރެޓާ ގާވިގް

ބިލިއަން ޑޮލަރު ހޯދި، އަންހެން ކެރެކްޓާއެއް ވަށާ ދައުރުވާ ފިލްމުތަކުގެ ތެރޭގައި ހިމެނެނީ:

  • 1-

    ފްރޯޒަން (2013)

  • 2-

    ފްރޯޒަން 2 (2019)

  • 3-

    ބިއުޓީ އެންޑް ދަ ބީސްޓް (2017)

  • 4-

    ސްޓާ ވޯސް - ދަ ލާސްޓް ޖެޑާއި (2017)

  • 5-

    ކެޕްޓަން މާވެލް (2019)

  • 6-

    ލައިވް އެކްޝަން އެލިސް އިން ވޮންޑަލޭންޑް (2010)

  • 7-

    ފައިންޑިން ޑޯރީ (2016)

  • 8-

    ޓައިޓޭނިކް (1997)

  • 9-

    ބާބީ (2023)

'ބާބީ' ބިލިއަން ޑޮލަރުގެ ރޮނގު ހުރަސް ކުރީ ފިލްމް ނެރުނުތާ އެންމެ 17 ދުވަސް ފަހުންނެވެ. އެއީ ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. 

ގިނަ ބަޔަކު ލޯބިކުރާ ބާބީ ބުދަށް ބިނާކޮށް ފިލްމެއް އުފެއްދުމުގެ ހަބަރުތަކާ އެކު މުޅި ދުނިޔެއަށް ހުމެއް ފެތުރިގަތެވެ. 'ބާބީ'ގެ މާކެޓިންް ކެމްޕެއިން ފުޅާކަމުން، ކާބޯތައްޗަށް ދަންދެން ފިޔާތޮށި ކުލައިން ހަދަން ފެށި އެވެ. އިނގިރޭސިވިލާތް ކަހަލަ ގައުމުތަކުގައި ބަހާއި ޓެކްސީތަކުގައި ވެސް ބާބީގެ ޕޯސްޓަރުތައް ޖެހި އެވެ.

އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި މެކްސިކޯ ފަދަ ގައުމުތަކައި މިހާރު 'ބާބީ' އަކީ ކޮންމެ ހަފްތާބަންދަކު އެންމެ ގިނައިން މީހުން ބަލަން ދާ ފިލްމެވެ.

  • ބާބީ ހުމުގައި މުޅި ދުނިޔެ ވެސް ޖެހުނު

'ބާބީ' އެހާ ކާމިޔާބު ފިލްމަކަށް ވާން ދިމާވި އިތުރު ސަބަބެއް ކަމަށް "ބާބެންހައިމާ" އުފެދުން ހަމަ ޔަގީނުން ވެސް ވާނެ އެވެ. އެޓޮމިކް ބޮމުގެ ބައްޕަގެ ލަގަބު ލިބުނު ޖޭ. ރޮބަޓް އޮޕެންހައިމާއާ ބެހޭގޮތުން ކްރިސްޓޮފާ ނޯލާން އުފެއްދި 'އޮޕެންހައިމާ'އާ އެއް ތާރީހެއްްގައި 'ބާބީ' ނެރެން ނިންމި ފަހުން ދެ ފިލްމު އެކަތި އަނެކައްޗާ ލާމެހިގެން ދިޔަ އެވެ. ހޮލީވުޑްގެ ފިލްމު އެނަލިސްޓުންނަށް ބާބެންހައިމާ ވެގެން ދިޔައީ މިހާތަނަށް ނުފެންނަ ވަރުގެ، އަދި ވާނެ ކަމަށް ހީނުކުރާ ކަމަކަށެވެ.

'ބާބީ'ގެ ޑައިރެކްޓަރު ގްރެޓާ ގާވިގް ބިލިއަން ޑޮލަރާ އެކު ހޮލީވުޑްގެ ތާރީހުގައި ހިމެނިގެން ދިޔައިރު، 2017 ގައި ފިލްމު 'ލޭޑީބާޑް' އިން އޭނާ ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ އެވޯޑަށް ނޮމިނޭޓްވެފަ އެވެ.

އިތުރަށް ކިޔާލަން -


އިތުރު އާޓިކަލް

އިތުރު އާޓިކަލް