ކިލިއަން މާފީ ފިލްމު 'އޮޕެންހައިމާ' ގައި އޮޕެންހައިމާގެ ގޮތުގައި އަދި މާގޯ ރޮބީ ފިލްމު 'ބާބީ' ގައި ބާބީގެ ގޮތުގައި: ވަރުގަދަ ދެ ފިލްމު އެއް ދުވަހެއްގައި ނެރޭތީ މަޝްހޫރުވެފައި ވަނީ 'ބާބެންހައިމާ'ގެ ގޮތުގައި

ހޮލީވުޑް

ބާބެންހައިމާގެ ކުރިމަތިލުން: ކުރި ހޯދާނީ ކޮން ފިލްމެއް؟

ބޮކްސް އޮފީހުގެ ކަންބަލާ ބައެއް މާހިރުން ދުވަހަކުވެސް މިވަރުގެ ކަމެއް ނުދެކޭ
21 ޖުލައި 2023

މީގެ ތެރެއިން ބަލަން ބޭނުންވަނީ ކޮން ފިލްމެއް ހެއްޔެވެ؟ ބާބީގެ އުފާވެރި ދުނިޔެ ހެއްޔެވެ؟ ނުވަތަ އެޓޮމިކް ބޮން އުފެއްދި ސައިންސްވެރިޔާގެ ވާހަކަ ހެއްޔެވެ؟

ނުވަތަ ދެ ފިލްމު ވެސް ބަލާނީ ހެއްޔެވެ؟ ހޮލީވުޑްގެ ވަރުގަދަ ދެ ފިލްމެއް އެކުއެކީގައި މިއަދު ނެރޭ އިރު ގިނަ ބަޔަކު އިހުތިޔާރުކުރީ މިގޮތެވެ. އެ މީހުން ތިބީ އެއް ދުވަހަކަށް ދެ ޓިކެޓު ނަގައި ސިނަމާގައި ފަހެއްކަ ގަޑިއިރު ހޭދަކުރަން ތައްޔާރަށެވެ.

ޝްވެކް ސިނަމާގައި މާލެ އާއި ހުޅުމާލޭގައި ވެސް މިރޭ އަޅުވާނެ 'ބާބީ' އާއި 'އޮޕެންހައިމާ' އަކީ އުޑާއި ބިމާހާ ތަފާތު ދެ ފިލްމެވެ. އެކަމަކު، ޑައިރެކްޓަރުންނާއި ތަރިންނާއި އެހެން ހުރިހާ ގޮތަކުން ބަލާއިރު ވެސް، މި އަހަރުގެ އެންމެ ބޮޑު ދެ ފިލްމުގެ ގޮތުގައި ސިފަކުރެވިފައިވާ މި ދެ އުފެއްދުމާ ގުޅުވައި، އެއް ބަޔަކު 'ބާބެންހައިމާ' އަދި އަނެއް ބަޔަކު 'ބާބީހައިމާ'ގެ ނަން ދީގެން، ބޮޑު ވާދައެއް ސޯޝަލް މީޑިއާގައި އަނބުރާތާ ހަފްތާތަކެއް ވަނީ ވެފަ އެވެ.

ހަގީގަތުގައި، މި ފެންވަރުގެ ދެ ފިލްމެއް އެއް ދުވަހެއްގައި ބޮޑު ސްކްރީނުގައި އެޅުވުމަކީ ހޮލީވުޑްގެ ފޭނުންނަށް ބޮޑު އީދެކެވެ. އެހެންކަމުން މިކަމުގެ ތެރޭގައި އޮތީ މަޖާނެގުމެވެ. އުފަލުގެ ސަމާސާ އެވެ.

ސޯޝަލް މީޑިއާގެ މި ފޯރިއާ އެކު، ފިލްމު އުފެއްދި މީހުންގެ އެއްވެސް ގަސްތެއް، ރޭވުމެއް ނެތި އޮޓޮމެޓިކުން މި ދެ ފިލްމު މި އޮތީ ހެސްކިޔާފައި އިޝްތިހާރުވެފަ އެވެ.

ބޮކްސް އޮފީހުގެ ކަންބަލާ ތަޖުރިބާކާރު ބައެއް މާހިރުން ބުނާގޮތުގައި އެ މީހުންނަށް ދުވަހަކުވެސް މިވަރުގެ ކަމެއް ފެނިފައެއް ނެތެވެ.

ކްރިޓިކުންނަށް މޮޅީ 'އޮޕެންހައިމާ' އެކަމަކު ގިނަ މީހުން ބަލާނެހެން ހީވަނީ 'ބާބީ'

އާއްމުންނަށް ފެނުމުގެ ކުރިން ފިލްމުތައް ބަލައި ފާޑުކިޔާ ކްރިޓިކުން 'ބާބީ'އާ މެދު ދެކޭ ގޮތް ހާމަކުރިތާ އެއް ދުވަސް ފަހުން ބުދަ ދުވަހު 'އޮޕެންހައިމާ'ގެ ރިވިއުތައް ވެސް ވަނީ ޝާއިއުކޮށްފަ އެވެ. އޭގެ މައްޗަށް ބިނާކޮށް ރޮޓެން ޓޯމާޓޯސް އިން ނިޔާ ކަނޑައެޅި އިރު، ތާޖު ނެގީ 'އޮޕެންހައިމާ' އެވެ.

ރޮޓެން ޓޯމާޓޯސްގައި އަންގާރަ ދުވަހު %89ގެ ސްކޯއަކާ އެކު ތައާރަފްވި 'ބާބީ'އާ އަޅާބަލާ އިރު 'އޮޕެންހައިމާ' ބުދަދުވަހު އައީ %94 ހޯދައިގެންނެވެ.

ރިވިއުތައް އިތުރުވާ ވަރަކަށް މި ސްކޯތަކަށް ބަދަލު އަންނާނެ އެވެ.

އެކަމަކު، ކްރިޓިކުންގެ ރޭޓިން އޮތްތާ ބާއްވާފައި، ފިލްމު ބަލާ މީހުންގެ ޝައުގުވެރިކަން ހުރި ގޮތަށް ބަލާ އިރު، 'އޮޕެންހައިމާ'ގެ މައްޗަށް 'ބާބީ' ކުރި ހޯދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެމެރިކާގެ ބޮކްސް އޮފީހުގައި މި ހަފްތާބަންދުގައި 'އޮޕެންހައިމާ' އަށް ލިބޭނެ ކަމަށް އަންދާޒާކުރެވެނީ 50 މިލިއަން ޑޮލަރެވެ. އެއާހިލާފަށް 'ބާބީ'ގެ ފުރަތަމަ ހަފްތާބަންދުގެ އާމްދަނީ 110 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ވަރުގަދަ ތަރިން، ވަރުގަދަ ޑައިރެކްޓަރުން

އަހަރުގެ އެންމެ ބޮޑު ދެ ފިލްމު މި ނެރެނީ ހޮލީވުޑްގައި ތާރީހީ ބޮޑު ހަޅުތާލެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އުޖޫރައާ ދޭތެރޭ ހިތްހަމަނުޖެހިގެން ލިޔުންތެރިން ފެށި ހަޅުތާލުގައި ބައިވެރިވެ ތަރިން ވެސް މިހާރު ވަނީ މަސައްކަތް ހުއްޓާލައިފަ އެވެ. މަގުމައްޗަށް ނުކުމެ އެމީހުން ކުރަމުންދާ ޝަކުވާއަކީ ސްޓޫޑިއޯތަކާއި ސްޓްރީމިން ކުންފުނިތަކުން ބޮޑު ފައިދާ ނަގާ މައްސަލަ އާއި އެކްޓަރުންގެ ބަދަލުގައި އޭއައި ބޭނުންކުރަން ފަށާފާނެ ކަމެވެ. 

އެކްޓަރުންގެ ހަޅުތާލު ފެށުމާ ދިމާކޮށް 'އޮޕެންހައިމާ'ގެ ޕްރިމިއާ ދިޔައީ ކުރުވެގެންނެވެ. ހަޅުތާލުގައި ބައިވެރިވުމަށް އެ ފިލްމުގެ ތަރިން ވަނީ ލަންޑަންގައި ބޭއްވި ހަފްލާއިން ނުކުމެގެން ގޮސްފަ އެވެ.

'ބާބެންހައިމާ'ގެ ފޭނުންގެ ޝައުގުވެރިކަމަށް މިއިން ކުރާ އަސަރެއް ނެތެވެ. މި ހަފްތާބަންދުގައި އެ މީހުންގެ ހުރިހާ ސަމާލުކަމެއް ހުއްޓޭނީ ބޮޑު ސްކްރީނަށެވެ. މި ފެންވަރުގެ ދެ ފިލްމެއް އެއް ދުވަހެއްގައި ނުކުތުމުގެ ފޯރިއަށެވެ.

'އޮޕެންހައިމާ' އާއި 'ބާބީ' އަކީ ދެވަނައެއް ނެތް ކްރިސްޓޮފާ ނޯލާން އާއި ތޮށިގަނޑު ފަޅާލާފައި ނުކުމެ ފެންވަރު ދައްކާލި އަންހެން ޑައިރެކްޓަރު ގްރެޓާ ގާވިގްގެ ކުރިމަތިލުމެކެވެ.

ކްރިސްޓޮފާ ނޯލާން (ކ) އަދި ގްރެޓާ ގާވިގް

'ބާބީ'ގެ ކާސްޓުގައި ބާބީގެ ގޮތުގައި މާގޯ ރޮބީ އާއި އެންމެންގެ ފޭވަރިޓް ރަޔަން ގޮސްލިން އެވެ. 'އޮޕެންހައިމާ' ގައި ހަމަ އެހާ މަޝްހޫރު އަދި މޮޅެތި ތަރިންގެ ފައްޗެކެވެ: ޖޭ. ރޮބަޓް އޮޕެންހައިމާގެ ގޮތުގައި، 'ޕީކީ ބްލައިންޑާސް' ބެލި އެންމެން ފަރިތަވާނެ، ކިލިއަން މާފީ އެވެ. އެމިލީ ބްލަންޓް އާއި މެޓް ޑޭމަން އެވެ. ރޮބަޓް ޑައުނީ ޖޫނިއާ އާއި ފްލޮރެންސް ޕިއު، ޖޯޝް ހާޓްނެޓް، ކޭސީ އެފްލެކް، ރެމީ މާލިކު އަދި ކެނެތު ބްރަނަ ވެސް މެ އެވެ.

މާގޯ ރޮބީ އާއި ރަޔަން ގޮސްލިން ބާބީ އާއި ކެންގެ ގޮތުގައި
ކްރިސްޓޮފާ ނޯލާން (ކ) 'އޮޕެންހައިމާ'ގެ މުހިއްމު ތަރިންނާ އެކު

ދެން އޮތީ އެތައް ހަފްތާއެއް، އެތައް މަހެއްގެ އިންތިޒާރަށް ފަހު މިއަދު ސިނަމާއަށް ވަދެފައި ނުކުންނަ މީހުން ސޯޝަލް މީޑިއާގައި ކިޔާނެ އެއްޗެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް