ޖޫލިއަސް ރޮބަޓް އޮޕެންހައިމާ އެކި އުމުރުފުރާތަކުގައި
ޖޭ. ރޮބަޓް އޮޕެންހައިމާ: އެޓޮމިކް ބޮމުގެ ބައްޕަ
ދެވަނަ ބޮޑު ހަނގުރާމައިގެ ބިރުވެރި ދުވަސްތަކުގައި 7 ޑިސެމްބަރު 1941 ވަނަ ދުވަހު އެމެރިކާގެ ހަވާއީގެ ހޮނޮލޫލޫގެ ޕާލް ހާބަރަށް ޖަޕާނުން ހަމަލާ ދިނެވެ. ދެ ހާހަށް ވުރެ ގިނަ މީހުން މަރުވި އެ ހަމަލާގެ ރައްދުގައި، އޭގެ ހަތަރު އަހަރު ފަހުން، 6 އަދި 9 އޮގަސްޓް 1945 ގައި އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާ އަށާއި ނަގަސާކީއަށް ދިން ދެ ހަމަލާގައި 214،000 އެއްހާ މީހުން މަރުވި އެވެ. އެ ނަމަވެސް ދެ ހަމަލާގައި ބޭނުންކޮށްފައިވަނީ ހަމަ އެންމެ ދެ ބޮމެވެ.
"މިހާރު އަހަރެން 'މަރަށް' ވެއްޖެ. ދުނިޔެތައް ހަލާކުކޮށްލާނެ ފަރާތަށް،" 16 ޖުލައި 1945 ގައި އެންމެ ފުރަތަމަ އެ ބޮމުގެ ބާރު ޓެސްޓު ކުރި އިރު، އެޓޮމިކް ބޮމުގެ ބައްޕަ ޖޫލިއަސް ރޮބަޓް އޮޕެންހައިމާގެ ބޮލަށް އައި ބަސްކޮޅަކީ އެއީ އެވެ. ހިންދޫ ދީނުގެ ފަތްކޮޅެއްގެ އެ ބަސްކޮޅަކީ އެ ހާލަތަށް ހަމަ ހައްގު ބޮސްކޮޅެއް ކަމަށް، އެޓޮމިކް ބޮމުގެ ހަލާކާއި ބާރު ދަންނަ އެންމެން ވެސް އެއްބަހެވެ.
އޮޕެންހައިމާގެ ތައުލީމީ ހަޔާތް
ޔަހޫދީ އާއިލާއަކަށް 22 އޭޕްރިލް 1904 ގައި އުފަންވި އޮޕެންހައިމާގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކަށް ވާނީ ހަމަގައިމުވެސް މެންހެޓަން ޕްރޮޖެކްޓްގައި ޑައިރެކްޓަރަކަށް އުޅެ، އެޓޮމިކް ބޮން ހެދުމުގެ މަސައްކަތެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްކޮޅުގައި އެމެރިކާ އާއި އެ ގައުމުގެ އެކުވެރި ގައުމުތަކުން އެމެރިކާގައި ހިންގި އެ ޕްރޮޖެކްޓްގެ ޑައިރެކްޓަރެއްގެ މަގާމު އޭނާ އަދާކުރީ 1943 އިން ފެށިގެން 1945އާ ހަމައަށެވެ.
ނަމަވެސް، ފިޒިކްސްއަކީ އޭނާ ކިޔެވި ހަމައެކަނި މާއްދާއެއް ނޫނެވެ. އެމެރިކާގެ ހާވަޑް ޔުނިވާސިޓީއިން ތައުލީމު ހާސިލްކުރިއިރު ލެޓިން، ގްރީކް، ފިޒިކްސް، ކެމިސްޓްރީ، ޅެންވެރިކަން އަދި އިރުމަތީ ފިލޯސޮފީ އޭނާ ކިޔެވި އެވެ. އެ ހުރިހާ މާއްދާއަކުން ވެސް މޮޅު ނަތީޖާތައް ހާސިލްކުރިއިރު، އޭނާ އެންމެ ފުޅާކޮށް މައިގަނޑު މާއްދާއަކަށް ކިޔެވީ ކެމިސްޓްރީ އެވެ.
ހާވާޑް ޔުނިވާސިޓީއިން 1925 ގައި ދަސްވެނިވެގެން އޮޕެންހައިމާ ދަތުރުކުރީ އިނގިރޭސިވިލާތުގެ ކޭމްބްރިޖް ޔުނިވާސިޓީގެ ކެވެންޑިޝް ލެބޯޓްރީގައި އެޓޮމިކް ކަންކަމާ ގުޅޭ ދިރާސާތައް ކުރުމަށެވެ. އެއީ އޭރު އެޓޮމިކް ދިރާސާތައް ކުރުމުގައި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރެވުނު ލެބެކެވެ.
އޮޕެންހައިމާ ކެވެންޑިޝް ލެބޯޓްރީގައި ކިޔަވާ، މަސައްކަތް ކުރި ދުވަސްކޮޅުގައި ފިޒިކްސްގެ ދަށުން އަންނަ އެކި ބައިބައިގެ ތެރެއިން، ތިއޮރެޓިކަލް ފިޒިކްސްއަކީ އޭނާ އެންމެ ކުރިއަށް ދާން ބޭނުންވާ މަގު ކަމަށް ވި އެވެ. އެ އިލްމަށް އޭނާގެ ހުނަރާއި ބުއްދި ހުސްކުރަން އޭނާ އަމާޒުކޮށްގެން ހުއްޓާ، މެކްސް ބޯން ނަމަކަަށް ކިޔާ ފިޒިސިސްޓެއް، ޖަރުމަނުގެ ޔުނިވާސިޓީ އޮފް ގޮޓިންގަންގައި ޕީއެޗްޑީ ފުރިހަމަކުރުމަށް އައުމުގެ ދައުވަތު އޮޕެންހައިމާ އަށް ދިނެވެ.
ފިޒިކްސް މާއްދާއިން ޕީއެޗްޑީ ފުރިހަމަ ކުރުމަށް ފަހުގައި 1927 ވަނަ އަހަރު އެމެރިކާއަށް އެނބުރި ގޮސް އޮޕެންހައިމާ ފެށީ ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ކެލިފޯނިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި (ކެލްޓެކް) ފިޒިކްސް ކިޔަވާދޭށެވެ.
އޮޕެންހައިމާގެ މަސައްކަތު ހަޔާތުގެ ކުރީކޮޅުގައި ދިރާސާތަކުގެ ބޮޑު ބައެއް ހޭދަކުރީ 'ސަބްއެޓޮމިކް ޕާޓިކަލްސް،' 'އިލެކްޓްރޯންސް،' 'ޕޮޒިޓްރޯންސް' އަދި 'ކޮސްމިކް ރޭތަކުގެ' މަރުހަލާތަކުގެ ތެރެއަށެވެ. ހަމައެއާއެކު، 'ނިއުޓްރޯން ސްޓާތަކާއި' 'ބްލެކް ހޯލް' ދިރާސާކޮށް، އަގުހުރި ގިނަ ހޯދުންތަކެއް ހޯދި އެވެ. އޭނާގެ ހުރި ހިންގުމުގެ ޝަހުސިއްޔަތާއި އޭނާގެ ހޯދުންތަކާއި އަދި ވަކިން ހާއްސަކޮށް އެކަހަލަ ދެވަނައެއް ނެތް ބުއްދީގެ ސަބަބުން، ފިިޒިކްސް އޭރު ކިޔަވަމުން އައި އެމެރިކާގެ ޖީލުގެ އެކަކު ވެސް އޭނާގެ އަގުހުރި ތައުލީމީ ނުފޫޒުން އެއްކިބައެއް ނުވެ އެވެ.
އެޓޮމިކް ބޮން ވުޖޫދަށް ގެނައުން
އޮޕެންހައިމާގެ ހިިންގުމާއި އިރުޝާދާއި އިލްމުގެ ދަށުން އެމެރިކާގައި އެޓޮމިކް ބޮން އުފެއްދުމުގެ ޕްރޮޖެކްޓް ފަށަން އަވަސްވެގަންނަން ދިމާވި މައިގަނޑު ސަބަބަކީ، 1939 ވަނަ އަހަރު ޖަރުމަނުވިލާތުން ޕޮލެންޑް ހިފުމުން، އެލްބަޓް އައިންސްޓައިން ހިމެނޭހެން، ސައިންޓިސްޓުންތަކެއް އެމެރިކާގެ ސަރުކާރަށް ދިން އިންޒާރެކެވެ. އެއީ، އެޑޯލްފް ހިޓްލަރުގެ ނާޓްޒީ ޖަރުމަނުވިލާތުން އެންމެ ފުރަތަމަ ނިއުކްލިއާ ބޮމެއް އުފައްދައިފިއްޔާ މުޅި އިންސާނިއްޔަތަށް ކުރިމަތިވާނެ ނުރައްކަލާ މެދު އެވެ.
މެންހެޓަން ޕްރޮޖެކްޓް ރަސްމީ ފެންވަރެއްގައި އެކުލަވާލަން ފެށީ އެމެރިކާ ސިފައިންގެ ދަށުން، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭ، 1942 ވަނަ އަހަރު އެވެ. އެކަމުގެ ދިރާސާތައް ކުރުމަށް ވަކި ތަނެއް ހޯދުމުގެ ޒިންމާ އޮޕެންހައިމާއަށް ދިނުމުން އޭނާ ހިޔާރުކުރީ ނިއު މެކްސިކޯގެ ސެންޓަ ފޭ ކައިރީގައި އޮތް ލޮސް އަލާމޮސް ކިޔާ އުސް ބިމެކެވެ. އޭނާގެ ހިންގުމުގެ ދަށުން އެމެރިކާ، ކެނެޑާ އަދި އިނގިރޭސިވިލާތުގެ ސައިންސްވެރިން ހިމެނޭހެން 130،000 އެއްހާ މީހުން އެ ޕްރޮޖެކްޓްގައި މަސައްކަތް ކުރި އެވެ. އަދި އެ މަޝްރޫއު ނިމުނު އިރު 2 ބިލިއަން ޑޮލަރު ހޭދަވި އެވެ. އެއީ މިހާރުގެ އަގުން ނަމަ 43.59 ބިލިއަން ޑޮލަރެވެ.
ދުނިޔޭގެ ތާރީހުގައި ވެސް ނިއުކްލިއާ ހަތިޔާރެއް ބޭނުންކުރި ހަމައެކަނި ފަހަރު ހީރޯޝީމާ އާއި ނަގަސާކީއަށް އެމެރިކާއިން ހަމަލާދިނުމުގެ ކުރިން، 16 ޖުލައި 1945 ގައި ނިއު މެކްސިކޯގެ އަލަމޮގޯޑޯގައި އެންމެ ފުރަތަމަ ނިއުކްލިއާ ބޮން ޓެސްޓު ކުރި އެވެ. އެ ޓެސްޓަށް 'ޓްރިނިޓީ ޓެސްޓް'ގެ ނަން ދިނެވެ.
އެ ޓެސްޓު ކުރުމުގެ ކުރިން، ދެވަނަ ބޮޑު ހަނގުރާމަ ފެށި ޖަރުމަނުވިލާތުން 7 މޭ 1945 ގައި ބަލި ގަބޫލުކުރި އެވެ. އޭގެ ފަހުން ހަނގުރާމަ ނިމި، އެ އަހަރުގެ އޮކްޓޯބަރު މަހުގައި، މެންހެޓަން ޕްރޮޖެކްޓުގެ ޑައިރެކްޓަރުގެ މަގާމުން އޮޕެންހައިމާ އިސްތިއުފާ ދިނެެވެ.
ޖޫލިއަސް ރޮބަޓް އޮޕެންހައިމާ އުމުރުން 62 އަހަރުގައި 1967 ވަނަ އަހަރު މަރުވީ ކަރުތެރޭގެ ކެންސަރު ޖެހިގެންނެވެ. އެއީ ނިއު ޖާޒީގައި ހުންނަ އިންސްޓިއުޓް އޮފް އެޑްވާންސްޑް ސްޓަޑީގެ ޖެނެރަލް އެޑްވައިޒަރީ ކޮމިޓީ އޮފް ދަ އެޓޮމިކް އެނާޖީ ކޮމިޝަނުގެ ޗެއާމަންގެ މަގާމު އޭނާ 1947-1953 އަށް އަދާކޮށް، ވަޒީފާއިން ވަކިވިތާ 10 އަހަރު ފަހުންނެވެ.
އެ އިދާރާގައި މަސައްކަތް ކުރި ދުވަސްތަކުގައި، 1949 ވަނަ އަހަރުގައި އޮޕެންހައިމާ އިސްކޮށް ހުރެގެން ހައިޑްރޮޖެން ބޮން އުފެއްދުމާ ދެކޮޅުހެދި އެވެ. އެޓޮމިކް ބޮމުގެ ބައްޕަގެ ލަގަބު އޮތް މީހާ އަށް ވެ ހުރެ، ހައިޑްރޮޖެން ބޮން ހެދުމާ ދެކޮޅު ހެދީ އެ ހަތިޔާރުގެ ސަބަބުން އުފެދިދާނެ ހަލާކާއި އިންސާނިއްޔަތަށް ބޮޑެތި ނުރައްކާތަކެއް ހުރުމުންނެވެ.
ސައިންސްގެ އެކި ރޮނގުރޮނގުން އޮޕެންހައިމާ ހޯދި އަގުހުރި ހޯދުންތަކާއި އޭނާގެ ލަފަ އާއި އިރުޝާދުގެ މަތިން އުފެއްދި އެޓޮމިކް ބޮމާއި އެމެރިކާގެ ސައިންސްގެ ދާއިރާއަށް ކޮށްދިން ބޮޑެތި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، 1963 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ލިންޑަން ބީ. ޖޯންސަން އޭނާއަށް އެންރިކޯ ފޭރްމީ އެވޯޑް ދެއްވި އެވެ.
އޮޕެންހައިމާގެ އުފެއްދުމަކީ ހަމަގައިމުވެސް ދުނިޔޭގެ ހުރިހާ ދިރުމެއް ހަލާކުކޮށްލާ މި ބިމުން އެއްކޮށް ނެތިކޮށްލުމުގެ ބާރު ހުރި އުފެއްދުމެކެވެ. ނަމަވެސް، އެ އުފެއްދި މީހާގެ ގާބިލިއްޔަތުކަމަކީ ހައިރާންކުރަނިވި މޮޅުކަމެކެވެ.
މިއީ އޮޕެންހައިމާގެ ހަޔާތުގެ މަދު ކަންތައްތަކެއް ހިމެނޭ ކުރު ތައާރަފެކެވެ. ތައުލީމާއި މަސައްކަތުގެ އިތުރުން އޮޕެންހައިމާގެ ހަޔާތުގައި ދިމާވި ތަކުލީފްތަކާއި ބޮން އުފައްދައި ނިމުނު އިރު އޭނާގެ އިހުސާސްތަކާއި ހަޔާތުގެ ފަހުކޮޅު އޭނާ ހިމެނުނު ޝަރީއަތުގެ ވާހަކަ ވެސް ނުހިމަނަ އެވެ.
ކްރިސްޓޮފާ ނޯލާންގެ އާ ފިލްމް 'އޮޕެންހައިމާ' އިން އެ ވާހަކަތައް މާ ރީތިކޮށް ގެނެސްދޭނެ އެވެ. ކްރިޓިކުންގެ ތައުރީފު އޮހެމުން އަންނަ އެ ފިލްމު ބަލާލަން ދާއިރު، މި ކުޑަ ތައާރަފުން ލިބުނު މައުލޫމާތާއި ފިލްމުން ދައްކާ މަންޒަރުތައް ކުޑަކޮށް ތަފާތު ވިޔަސް، މާ ސަޅިވެފައި މާ ބޮޑަށް ހިތުގައި ޖަހާލާނެ އެވެ.