އެމެރިކާގެ ރެސްލިން ތެޅުންތެރިޔާ އަދި އެކްޓަރު ޖޯން ސީނާ، ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އަދި އިނިގިރޭސި ތަރި އިދުރިސް އެލްބާ: ތިން މީހުން ކުޅޭ އެކްޝަން ފިލްމުގެ ނަމަކީ 'ހެޑްސް އޮފް ސްޓޭޓް'
ޕްރިޔަންކާގެ އާ ފިލްމެއް އިދުރިސް އެލްބާ އާއި ޖޯން ސީނާއާ އެކު
ޕްރިޔަންކާ ޗޯޕްރާ ޖޯނަސް މިހާރު ތައްޔާރުވެގެން ހުރީ އޭނާގެ ފުރަތަމަ އޯޓީޓީ މަސައްކަތް، 'ސިޓަޑެލް' ނެރޭ ދުވަހަށެވެ. ނަމަވެސް އެމެޒޯން ޕްރައިމްގެ އެ ސްޕައި ތުރިލާ ރިލީޒް ވެސް ނުކުރަނީސް އޭނާ އެމެޒޯން ސްޓޫޑިއޯސްއާ އެކު އަނެއްކާވެސް ޑީލެއް ހަދައިފި އެވެ.
ޕްރިޔަންކާ ވަނީ އިނގިރޭސި ތަރި އިދުރިސް އެލްބާ އާއި އެމެރިކާގެ ރެސްލިން ތެޅުންތެރިޔާ އަދި އެކްޓަރު ޖޯން ސީނާއާ އެކު އެކްޝަން ފިލްމެއް ކުޅެން ސޮއިކޮށްފަ އެވެ. އަންނަ މަހު ޝޫޓިން ފަށާ އެ ފިލްމުގެ ނަމަކީ 'ހެޑްސް އޮފް ސްޓޭޓް' އެވެ.
މި މަހު 28 ގައި ޕްރައިމްގައި ނެރެން ފަށާ 'ސިޓަޑެލް'ގެ އިތުރުން ޕްރިޔަންކާ އަންނަނީ އޭނާގެ ހޮލީވުޑް ފިލްމު 'ލަވް އެގެއިން' އަންނަ މަހު ނެރޭ ދުވަހަށް ވެސް އިންތިޒާރުކުރަމުންނެވެ. ސޭމް ހިއުއަންއާ އެކު ޕްރިޔަންކާ ކުޅެފައިވާ ލޯބީގެ ފިލްމުން ލަވަކިޔުންތެރިޔާ ސެލީން ޑިއޯން ވެސް ފެންނާނެ އެވެ.
އޭގެ އިތުރުން، 'އެންޑިން ތިންގްސް ވިތު އެންތަނީ މެކީ' ކިޔާ ފިލްމަކާއި ފަރްހާން އަހްތަރްގެ ބޮލީވުޑް ފިލްމު 'ޖީ ލޭ ޒަރާ' ވެސް ޕްރިޔަންކާ ކުޅެން އެބައޮތެވެ.
ޕްރިޔަންކާއާ އެކު 'ސިޓަޑެލް'ގެ އިންޑިއާ ޕްރެމިއާ އަންގާރަދުވަހު މުމްބާއީގައި ވަނީ ބާއްވައިފަ އެވެ.
އޭގެ ކުރިން ޕްރިޔަންކާ ނީތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރު ހުޅުވުމުގެ އިވެންޓުގައި ބައިވެރިވެ، ސްޓޭޖުގައި ނަށާލާފައިވެ އެވެ. ޕްރިޔަންކާ އިންޑިއާއަށް ދިޔައީ ފިރިމީހާ ނިކް ޖޯނަސް އާއި ދަރިފުޅު މާލްތީ މަރީ ގޮވައިގެންނެވެ. މިއީ މާލްތީ އިންޑިއާއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.