ނީތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރު ހުޅުވުމަށް 31 މާޗު - 1 އޭޕްރީލް 2023 ގައި މުމްބާއީގައި ބޭއްވި އިވެންޓުގައި ދީޕިކާ ޕަޑުކޯން އާއި ރަންވީރް ސިންގް ބައިވެރިވަނީ. ފޮޓޯ/ޕީޓީއައި
ހައިބަތު ބޮޑު އަމްބާނީ މަރުކަޒު ހުޅުވި ކުލަގަދަ ހަފްލާގެ ފޯރިގަނޑު
ބޮލީވުޑްގެ އެންމެ ނަންހިނގާ ތަރިން ހުސްވި ހަފްތާބަންދުގައި އުޅުނީ ހައިބަތު ބޮޑު، ކުލަގަދަ ހަފްލާއަކަށް އެއްތަންވެގެންނެވެ. ނީތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރު (އެންއެމްއޭސީސީ) ހުޅުވުމަށް ދެ ދުވަސް ވަންދެން ނެގި ބޮޑު މަޖާގަނޑުން ހޮލީވުޑްގެ މަޝްހޫރު ބައެއް މޫނުތައް ވެސް ފެނިގެންދިޔަ އެވެ.
ނަލަހެދި ޖަރީވެގެން ތިބި ތަރިންގެ ތެރެއިން ބައެއް ނަންތައް ލިސްޓްކޮށްލާ ނަމަ ޝާހު ރުކް ހާން، އާލިއާ ބަޓް، ސަލްމާން ހާން، ޕްރިޔަންކާ ޗޯޕްރާ ޖޯނަސް، ރަންވީރް ސިންގް، ދީޕިކާ ޕަޑުކޯން، ކަރީނާ ކަޕޫރު، ސައިފް އަލީ ހާން، އަދި ވަރުން ދަވަން އެވެ. ޒެންޑާޔާ، ޓޮމް ހޮލެންޑް، ލޯ ރޯޗް، ޕެނެލޮޕީ ކްރޫޒް އަދި ޖީޖީ ހަދީދު އެވެ.
ބިލިއަނަރު މުކޭޝް އަމްބާނީގެ އަންހެނުން ނީތާ އަމްބާނީގެ ހުވަފެނެއް ހަގީގަތަކަށްވި ސަގާފީ މަރުކަޒު ހުޅުވުމުގައި އެ އާއިލާގެ މެމްބަރުންނާ އެކު ތަރިން ބައިވެރިވުމުގެ އިތުރުން އެ ތަނުގެ ސްޓޭޖުގައި ނެށުންތައް ވެސް ހުށަޅައިދިނެވެ.
އިންޑީއާގެ އެންމެ ބޮޑު ސަގާފީ މަރުކަޒު ހުޅުވި އިވެންޓުގެ ދެވަނަ ދުވަހު އާލިއާ ބަޓް އާއި ރަޝްމިކާ މަންޑަނާ 'އާރްއާރްއާރް'ގެ ލަވަ 'ނާޓޫ ނާޓޫ'ގެ ހިންދީ ވާޝަން ކަމަށްވާ 'ނާޗޯ ނާޗޯ' އަށް ނަށާލި އެވެ.
ޝާހު ރުކް ހާން އޭނާގެ 'ޕަޓާން'ގެ ހިޓް ލަވަ 'ޖޯމޭ ޖޯ ޕަޓާން' އަށް ނެށި އިރު ވަރުން ދަވަން އާއި ރަންވީރް ސިންގު ވެސް ބައިވެރިވި އެވެ.
ވަރުން ދަވަން، ސްޓޭޖު މައްޗަށް އަރަން އައި ޖީޖީ ހަދީދު އަތްދަނޑިމައްޗަށް ނަގައި އުރާލިތަން ފެނިގެން އިންޓަނެޓުގައި ބޮޑު ބަހުސެއް އުފެދި، އެންމެ ފަހުން ވަރުން ވަނީ ރައްދުދީފަ އެވެ.
I guess today you woke up and decided to be woke. So lemme burst ur bubble and tell u it was planned for her to be on stage so find a new Twitter cause to vent about rather then going out and doing something about things . Good morning 🙏 https://t.co/9O7Hg43y0S
— VarunDhawan (@Varun_dvn) April 2, 2023
ރަންވީރު ސިންގު މަޝްހޫރު 'އަޕްނާ ޓައިމް އާޔޭގާ' ހުށަހަޅައިދިނުމަށް ފަހު ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ސްޓޭޖަށް ގެންގޮސްގެން ދެ މީހުން އެކުގައި، 2015ގެ ހިޓް ފިލްމު 'ދިލް ދަޅަކްނޭ ދޯ'ގެ ލަވަ 'ގައްލަން ގޫޅިޔާ' އަށް ނެށި އެވެ.
އިންޑިއާގެ މިއުޒިކާއި ތިއޭޓަރާއި ފައިން އާޓް އަދި ކްރާފްޓް ދައްކާލާ ހަބެއްގެ ގޮތުގައި ހުޅުވި އެންއެމްއޭސީސީގައި ޕާފޯމިން އާޓްސް އަށް ހާއްސަ ތިން ތިއޭޓަރު ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ތިއޭޓަރަކީ 2،000 މީހުންގެ ޖާގައިގެ ތަނެކެވެ. އަދި ދާރުލްއާސާރެއްގެ ފެންވަރަށް ހަދާފައިވާ 16،000 އަކަ ފޫޓުގެ، ހަތަރު ބުރީގެ އާޓް ހައުސްއެއް ވެސް އެ ސެންޓަރުގައި ހުރެ އެވެ.
އިއްޔެއިން ފެށިގެން އާއްމުންނަށް ހުޅުވާލާފައިވާ ސެންޓަރުގައި މިހާރު ވެސް ތަފާތު އިވެންޓުތައް ބާއްވަން ވަނީ އިއުލާންކޮށްފަ އެވެ.