ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު. (ފޮޓޯ/ރައީސް އޮފީސް)

ފިޗް ރޭޓިން

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފި

އެ އެޖެންސީން ބުނި ގޮތުގައި، ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ބޭރުގެ ދަރަނި ކަމަށްވާ ސުކޫކް ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ދިމާވެދާނެ ނުރައްކާތައް ވަނީ ކުޑަވެފައި
3 ޖޫން 2026

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗު ރޭޓިންސް އިން ރާއްޖޭގެ ރޭޓިން 'ސީސީ' އިން 'ސީސީސީ-'އަށް މިއަދު މަތިކޮށްފި އެވެ.

ވީ ކިހިނެއް؟ - ފިޗުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ނިންމުން ނިންމި މައިގަނޑު އެއް ސަބަބަކީ މިދިޔަ އޭޕްރިލް މަހު ދައްކަންޖެހުނު ސުކޫކް ރާއްޖޭން ދެއްކުމާ ގުޅިގެން، ދަރަނި ނުދެއްކިދާނެކަމުގެ ނުރައްކާ ކުޑަވެފައިވާ ކަމަށް އެ އެޖެންސީއަށް ފެންނާތީ އެވެ.

ތަފްސީލް - އެ އެޖެންސީން ބުނި ގޮތުގައި، ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ބޭރުގެ ދަރަނި ކަމަށްވާ ސުކޫކް ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ދިމާވެދާނެ ނުރައްކާތައް ވަނީ ކުޑަވެފަ އެވެ.

ފިޗުން ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ބޭރުގެ ދަރަނި ދައްކަންޖެހޭ މިންވަރު މަދުވުމާއި ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދިއުމަކީ، ރާއްޖޭގެ މާލީ ދަތިކަން ހައްލުވެ، ރިޒާވް އަލުން ބިނާކުރުމަށް މަގުފަހިވާނެ ކަމެކެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ރޭޓިންއަށް އައި މި ބަދަލަކީ ފާއިތުވި އަހަރުގެ ތެރޭގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި ދަރަނި ބެލެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ތެރޭގައި ހިމެނެނީ، އެ މިނިސްޓްރީން ބުނި ގޮތުގައި:

  • އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތައް 

  • ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުން 

  • ރިޒާވް ވަރުގަދަކުރުމަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ގާނޫނު

މި ރޭޓިންއަކީ، ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައި ވެސް، ދައުލަތުގެ މާލީ ހާލަތު ހަމަޖެއްސުމަށާއި ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކަށް އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެކެވެ.

ގުޅުންހުރި - ފިޗުގެ އިތުރުން ރާއްޖެއަށް ކްރެޑިޓް ރޭޓިން ދެނީ މޫޑީސް އިންނެވެ. އެ އެޖެންސީން މިދިޔަ ނޮވެމްބަރު މަހު ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ-2ގައި ދަމަހައްޓައި ކުރިން އޮތް 'ނެގެޓިވް' އައުޓްލުކް 'ސްޓޭބަލް'އަށް ބަދަލުކޮށްފަ އެވެ.

އެނގުން މުހިންމު - މި އަހަރު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސްކޫކާއި އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި އަދި އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)ން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް ދައްކާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް