ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގެ ޖަލްސާއެއްގައި (ފޮޓޯ/ މަޖިލިސް)

ރާއްޖެއިން ސްކޫކަށް 525 މިލިއަން ޑޮލަރު ދައްކާ ހަލާސްކޮށްފި

ސްކޫކަށް ފައިސާ ދައްކަން ޖެހެނީ މި މަހުގެ އަށް ވަނަ ދުވަހު ނަމަވެސް، ފިނޭންސް މިނިސްޓްރީން ބުނީ އެ ފައިސާ ދައްކާ ހަލާކޮށްފައިވާ ކަމަށް
2 އޭޕްރީލު 2026

މި މަހުގެ 8 ވަނަ ދުވަސް ނުވަތަ އަންނަ ބުދަދުވަހު މުއްދަތު ހަމަވާ ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ ރާއްޖޭގެ 500 މިލިއަން ޑޮލަރުގެ ސްކޫކަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން މިއަދު ދައްކާ ހަލާސްކޮށްފި އެވެ

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 500 މިލިއަން ޑޮލަރާއި އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން ޑޮލަރާ އެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ސަރުކާރުން މިއަދު ސްކޫކަށް ދައްކާފައިވާ ކަމަށެވެ. 

"މީގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ އެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ. 

ތަފްސީލް - ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ސްކޫކް ވިއްކާފައި ވަނީ އަނބުރާ ދެއްކޭނެ ހަރުދަނާ ސިޔާސަތެއް ނެތިކަން ފާހަގަކޮށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނީ ސްކޫކް ކާމިޔާބުކަމާ އެކު ދެއްކުނީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ރާއްޖޭގެ އިގުތިސާދަށާއި މާލިއްޔާއަށް ބުރަބޮޑު ނުވާނެ ގޮތަށް ސުކޫކު އަނބުރާ ދެއްކުމުގެ މުހިއްމު ފިޔަވަޅުތަކެއް އެޅުމުން ކަމަށެވެ. އެގޮތުން ފާހަގަކުރި ކަންކަމަކީ: 

  • ދައުލަތުގެ ދަރަނި އަދާކުރުމަށް އުފައްދާފައިވާ އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުން

  • އެސްޑީއެފްއަށް ޖަމާކުރާ އެއާޕޯޓް ތަރައްގީ ކުރުމަށް ނެގޭ ފީ ވަނީ 2024 ވަނަ އަހަރު ބޮޑުކޮށްފައި

މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން  އެސްޑީއެފްގައި ހުރި ބޭރު ފައިސާގެ އަދަދު 350 މިލިއަން ޑޮލަރަށް އިތުރުވި ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރި އެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުން މަޖުބޫރުކޮށް ގެނައި ސިޔާސަތާ އެކު މާޗް މަސް ނިމުނުއިރު ރެކޯޑް މިންވަރަކަށް ރާއްޖޭގެ ރިޒާވް މައްޗަށް ގޮސް 1.3 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރުވި ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. 

ތެލާއި އަސާސީ މުދާ އެތެރެކުރަން ހާއްސަ އިސްކަމެއް

ފިނޭންސް މިނިސްޓްރީން ބުނީ ސުކޫކު އަނބުރާ ދެއްކުމަށް ފަހު ސަރުކާރުން މިހާރު ދެން އެންމެ ބޮޑު އިސްކަމެއް މިވަގުތު ދެނީ ރާއްޖެއަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސީ ހިދުމަތްތަކާއި ތަކެތި މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކާ އެކު މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުން ބޭނުންވާ މާލީ އެހީތެރިކަން ލިބިފައިވާކަން ވެސް ފިނޭންސް މިނިސްޓްރީން ފާހަގަކުރި އެވެ. 

"އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދިއުމަށް މަގުފަހި ކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތް މި ދަނީ ކުރަމުންނެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

100 މިލިއަން ޑޮލަރުގެ ބޮންޑް ދެއްކުން ފަސްކޮށްދީފި

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި މަހުގެ ނިޔަލަށް އަދާކުރަން ޖެހޭ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު ރޯލްއޯވާ ކުރުމަށް އަބޫދާބީ ފަންޑާ އެކު ކޮށްފައިވާ މަޝްވަރާތައް ކާމިޔާބުވެ އެކަން ވަނީ ނިމިފަ އެވެ. 

އެ މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާ އެކު ރާއްޖޭގެ މާލީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ފިސްކަލް އަދި އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމުގައި ކުރަން ޖެހޭ މަސައްކަތްކުރުމުގައި ސަރުކާރުން ދެމިއޮންނާނެ އެވެ.

"މެދު ރާސްތާގައި ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށަށް ދާނެ މިސްރާބަކަށް ރާއްޖޭގެ މާލިއްޔާ ގެންދިއުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް