ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުއާ ބައްދަލުކުރެއްވުމުގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

400 މިލިއަން ޑޮލަރު ދެއްކުމުން އިންޑިއާއިން ރާއްޖެއަށް 30 ބިލިއަން ރުޕީސް ދީފި

މި 30 ބިލިއަން ރުޕީސްގެ ސްވޮޕްގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ގޮންޖެހުންތަކަށް ފަސޭހަކަން ލިބިގެންދާނެ
23 އޭޕްރީލު 2026

ރާއްޖެއިން އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)ން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކާ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުނުވުމުން ދިވެހި ސަރުކާރުން އެ ފައިސާ މިއަދު ދައްކައިފި އެވެ. އެއާ އެކު، އިންޑިއާއިން ރާއްޖެއަށް ވަނީ 30 ބިލިއަން ރުފީސް (319 މިލިއަން ޑޮލަރު)ގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދޫކޮށްފަ އެވެ.

ވީ ކިހިނެއް؟ - ރިޒާވްގެ ހާލަތު ދަށްވުމުން އެކަން ރަނގަޅުކުރުމަށް އިންޑިއާއާ އެކު 400  މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއިކުރީ މި ސަރުކާރުން، 7 އޮކްޓޯބަރު 2024ގަ އެވެ. އެގޮތުން: 

  • މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކަރަންސީ ސްވޮޕް ދެއްކުން އިންޑިއާއިން ރާއްޖެއަށް ފަސްކޮށްދީފައިވޭ؛ އަދި މި މަހުގެ ނިޔަލަށް ފައިސާ ދައްކާ މުއްދަތު ހަމަވާތީވެ، ދިވެހި ސަރުކާރުގެ ފަރާތުން ވަނީ މުއްދަތު އިތުރު ކުރަން އެދިފައި 

  • ނަމަވެސް އާރުބީއައިން ސްވޮޕް ފެސިލިޓީގެ ދަށުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ގަވައިދުތަކުގެ ސަބަބުން މުއްދަތު އިތުރުކޮށްދިނުމަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައި 

  • މިރޭ ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ 400 މިލިއަން ޑޮލަރުގެ ފެސިލިޓީއަށް ފައިސާ ދެއްކިކަން ހާމަކޮށްފައި

ތަފްސީލު - ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ، އެމްއެމްއޭ އާއި އިންޑިއާގެ އާރުބީއައިއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޮކްޓޯބަރު 2024ގައި ނެގި 400 މިލިއަން ޑޮލަރުގެ ފެސިލިޓީއަށް މިހާރު ފައިސާ ދައްކާފައިވާ ކަމަށެވެ. 

އޭގެ އިތުރުން، ރައީސް މުހައްމަދު މުއިއްޒު އޮކްޓޯބަރު 2024ގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުން ސޮއިކޮށްފައިވާ ބައިލެޓްރަލް ސްވޮޕް އެއްބަސްވުމުގެ ދަށުން ދޫކުރަން އޮތް 30 ބިލިއަން ރުޕީސް މިހާރު ދޫކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް ފާހަގަކުރި ގޮތުގައި:

  • މި 30 ބިލިއަން ރުޕީސް ސްވޮޕްގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ގޮންޖެހުންތަކަށް ފަސޭހަކަން ލިބިގެންދާނެ

  • ހާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު އެހީތެރިކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވޭ

  • މީގެ ކުރިން ކުރީ ސަރުކާރުން 2019ގައި ބަޖެޓު ސަޕޯޓަށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މި ސަރުކާރުން ވަނީ ދައްކާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް