ރައީސް މުއިއްޒު 7 އޮކްޓޯބަރު 2024ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމްއެމްއޭ އާއި އާރުބީއައިއާ ދެމެދު ސޮއިކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގައި އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ސޮއިކުރައްވާ އެއްބަސްވުން ބަދަލުކުރަނީ (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

އިންޑިއާއަށް ދައްކަން ޖެހޭ 400 މިލިއަން ޑޮލަރު ފަސްކޮށްދޭން އެދިއްޖެ؛ އެކަމަކު ހުރަސްތަކެއް

އާރުބީއައިން ނަގާފައިވާ ކަރަންސީ ސްވޮޕްގެ 400 މިލިއަން ޑޮލަރު ދެއްކުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިންޑިއާއިން ރާއްޖެއަށް ފަސްކޮށްދީފައިވޭ
19 އޭޕްރީލު 2026
1

ރާއްޖެއިން އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކުރުމަށް ރާއްޖެއިން އެދިއްޖެ އެވެ.

އެނގުން މުހިންމު - ރިޒާވްގެ ހާލަތު ދަށްވުމުން އެކަން ރަނގަޅުކުރުމަށް އިންޑިއާއާ އެކު 400  މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއިކުރީ މި ސަރުކާރުގައި 7 އޮކްޓޯބަރު 2024ގަ އެވެ. އެގޮތުން: 

  • މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކަރަންސީ ސްވޮޕްގެ ދެއްކުން އިންޑިއާއިން ރާއްޖެއަށް ލަސްކޮށްދީފައިވޭ 

  • މިހާރު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ދެއްކުމުގެ މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށް 

ވީކިހިނެއް؟ - އިންޑިއާގެ 'އިކޮނޮމިކް ޓައިމްސް'އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކަރަންސީ ސްވޮޕް ދެއްކުމުގެ މުއްދަތު އިތުރުކޮށް ދޭން ރާއްޖެއިން ވަނީ އެދިފަ އެވެ. އަދި އެކަމުގެ މަޝްވަރާތައް އެ ގައުމުގެ ސަރުކާރުން މިހާރު ކުރަމުން އަންނައިރު މިފަހަރުއެކަން ކޮށްދިނުމުގައި އިންޑިއާއަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ސްކޫކަށް 500 މިލިއަން ޑޮލަރު ރާއްޖެެއިން މި މަހު ދައްކާފައިވުމުން އިންޑިއާގެ ކަރަންސީ ސްވޮޕް ދެއްކުމުގެ މުއްދަތު އިތުރުނުކުރެވިއްޖެނަމަ ރާއްޖޭގެ މާލީ ހާލަތަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވާނެ އެވެ. 

ތަފްސީލް - އިންޑިއާގެ ކަމާ ގުޅޭ އޮފިޝަލުންނާ ހަވާލާދީ އިކޮނިމިކް ޓައިމްސްއިން ބުނި ގޮތުގައި ސްވޮޕްގެ މުއްދަތު އިތުރުކޮށްދޭން އިންޑިއާއަށް މި ވަގުތު ކުރިމަތިވެފައިވާ ދަތިކަމަކީ: 

  • އާރުބީއައިން ސްވޮޕް ފެސިލިޓީގެ ދަށުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ގަވައިދުތަކުގެ ސަބަބުން މުއްދަތު އިތުރުކޮށްދިނުމަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައި 

  • މީގެ ތެރޭގައި އެއްފަހަރު ފައިސާ ނެގުމަށް ފަހު ދެން ނަގަންދެން ހޭދަވާން ޖެހޭ މުއްދަތު ނުވަތަ ކޫލިންގް އޮފް ޕީރިއަޑް އަދި ރޯލްއޯވާ ކުރެވޭނެ ލިމިޓްތައް ވަނީ މިހާރު ހަމަވެފައި 

އިކޮނޮމިކް ޓައިމްސްއިން ފާހަގަކުރާ ގޮތުގައި ރާއްޖޭގެ 400 މިލިއަން ޑޮލަރު ދެއްކުން އާރުބީއައިން ފަސްކުރާ ނަމަ އެކަން ކުރަން ޖެހޭނީ އެ ގައުމުގެ މަރުކަޒީ ބޭންކުގައި ހެދިފައިވާ އުސޫލުތަކުގެ ބޭރުން ހާއްސަ އުސޫލުތަކެއްގެ ތެރެއިންނެވެ. 

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. 

ކަރަންސީ ސްވޮޕަކީ ކޮބާ؟

މިއީ ދެ ގައުމެއްގެ މަރުކަޒީ ބޭންކު (ސެންޓްރަލް ބޭންކް) ދެމެދުގައި ވަކި މުއްދަތަކަށް ފައިސާ ބަދަލުކުރުމަށް ހަދާ މާލީ އެއްބަސްވުމަށް ކިޔާ ނަމެކެވެ. މިއީ މައިގަނޑު ގޮތެއްގައި:

  • ކުރު މުއްދަތަކަށް ބޭނުންވާ ބޭރު ފައިސާ (މިސާލަކަށް ޑޮލަރު) ހޯދުމަށާއި ގައުމުގެ ރިޒާވްގައި ޑޮލަރު މަދުވާ ވަގުތުތަކުގައި ލިކުއިޑިޓީ (ނަގުދު ފައިސާ) ހަމަޖެއްސުމަށް ކުރާ ކަމެއް 

މިފަދަ ފައިސާ ބަދަލުކުރުމުގެ އެއްބަސްވުން މަސައްކަތް ކުރާ ގޮތުގެ މިސާލަކީ: 

  • ރާއްޖެއިން އިންޑިއާއަށް ދިވެހި ރުފިޔާ ދިނުމަށް ފަހު (މިސާލަކަށް 15.42 ގެ ރޭޓުން ބަލައިފިނަމަ 6.16 ބިލިއަން ރުފިޔާ)، އޭގެ ބަދަލުގައި އިންޑިއާއިން ރާއްޖެއަށް 400 މިލިއަން ޑޮލަރު ދިނުން 

ގުޅުންހުރި - ރާއްޖެއިން މިއަހަރު ދައްކަން ޖެހޭ އެންމެ ބޮޑު ބޭރުގެ ދަރަނި 500 މިލިއަން ޑޮލަރުގެ ސްކޫކަށް ރާއްޖެއިން ވަނީ މި މަހުގެ 1 ވަނަ ދުވަހު 525 މިލިއަން ޑޮލަރު ދައްކާ ހަލާސްކޮށްފަ އެވެ. އެ ފައިސާ ދެއްކީ ރިޒާވުން ނަގައިގެންނެވެ.

ނަތީޖާއެއްގެ ގޮތުން ރިޒާވްގެ ހާލަތަށް ހީނަރުކަން އަންނާނެ އެވެ. 

އިންޑިއާއިން މިހާރު ވެސް ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ރާއްޖެއަށް ވިއްކާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑުތަކުގެ މުއްދަތު އިންޓަރެސްޓް ނާރާ ގޮތަށް ފަސްކޮށްދީފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

19 އޭޕްރީލު 2026
ހަނދާނަށް އައީ އެއާރޕޯޓުގައި ހުންނަވައި އަޑަށް ބާރުލައްވާފައި ދެއްވި "ބެކްޔާރޑު ބުލީ" ނޫސް ކޮންފަރެންސްގެ މަތިން.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް