ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މޫޑީސްއިން ރާއްޖޭގެ ރޭޓިން އައުޓްލުކް 'ނެގެޓިވް'އިން 'ސްޓޭބަލް'އަށް ބަދަލުކޮށްފި

މޫޑީސް އިން ރާއްޖޭގެ އައުޓްލުކް މަތިކުރިއިރު، ރޭޓިން ވަނީ ސީއޭއޭ-2ގައި ދަމަހައްޓާފައި
27 ނޮވެމްބަރު 2025
1

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ-2ގައި ދަމަހައްޓައި ކުރިން އޮތް 'ނެގެޓިވް' އައުޓްލުކް 'ސްޓޭބަލް'އަށް މިއަދު ބަދަލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ-2އަށް ބަދަލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ. އެ ފަހަރު، ރާއްޖޭގެ މާލީ ހާލަތާއި އިގްތިސާދު އޮންނާނެ ގޮތް ނުވަތަ އައުޓްލުކަށް ދިނީ 'ނެގެޓިވް' އެވެ.

ރޭޓިން ސީއޭއޭ-2ގައި ދަމަހައްޓައި އައުޓްލުކް 'ނެގެޓިވް' އިން 'ސްޓޭބަލް'އަށް މަތިކުރިކަން މޫޑީސް އިން މިއަދު ވަނީ އާންމުކޮށްފަ އެވެ.

ތަފްސީލް - ރޭޓިންއާ އެކު މޫޑީސް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރޭޓިންއަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ މާލީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދު ހާލަތު ރަނގަޅުވުމެވެ. އޭގެ ތެރޭގައި މޫޑީސް އިން ފާހަގަކޮށްފައިވަނީ:

  • ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކްސް އާއި ފީ، ގްރީން ޓެކްސް އަދި ޓީ-ޖީއެސްޓީގެ ރޭޓުތައް ބޮޑުކޮށް، އާމްދަނީ އިތުރުކުރުން

  • ބޭރު ފައިސާގެ ގާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވުން

  • މިދިޔަ އަހަރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި ބޭރު ފައިސާގެ ބެލެންސް 15 މިލިއަން ޑޮލަރުގައި ހުރިއިރު، މި މަހުގެ 9ގެ ނިޔަލަށް އެ އަދަދު 126 މިލިއަން ޑޮލަރަށް އިތުރުވުން

  • ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި ހަރަދުތައް ކޮންޓްރޯލްކޮށް، މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައް

  • އިންޑިއާ ފަދަ ގައުމުތަކުން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ލައިނާއި ކަރަންސީ ސްވޮޕް ފަދަ އެހީ

މޫޑީސް އިން ބުނީ އަންނަ އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކާއި އެހެނިހެން ދަރަނިތަކުގެ ގޮންޖެހުންތައް އަދިވެސް ރާއްޖެއަށް އެބައޮތް ކަމަށެވެ. ރިޒާވް އާއި އެސްޑީއެފް ރަނގަޅުވުމުގެ ސަބަބުން އެ ދަރަނި ދެއްކުން ފަސޭހަވާނެކަން އެ ތަނުން ފާހަގަކުރި އެވެ.

ބުނީ ކީކޭ؟ - ރޭޓިންއާ އެކު ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ އައުޓްލުކް 'ސްޓޭބަލް'އަށް ބަދަލުކުރުމަކީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭން ގެންގުޅެފައިވާ ހަރުދަނާ މާލީ ސިޔާސަތުތަކާއި އަޅާފައިވާ ފިޔަވަޅުތަކާ އަދި މިހާރު ވެސް ތަންފީޒުކުރަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަމުގެ ހެއްކެއް ކަމަށެވެ.

ދަރަނި ބޮޑުވުމުގެ ހާލަތުން އަރައިގަނެ، ދެމެހެއްޓެނިވި ގޮތެއްގެ މަތިން މާލީ ކަންކަން ތަރުތީބުކުރުމަށް މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަން ފަށާފައިވާކަން އެ މިނިސްޓްރީން ފާހަގަކުރި އެވެ.

ގުޅުން ހުރި - މޫޑީސްގެ އިތުރުން ރާއްޖެއަށް ދެން ކްރެޑިޓް ރޭޓިން ދެނީ ފިޗުންނެވެ. އެ ތަނުން މިދިޔަ ޖޫން މަހު ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީ'ގައި ދަމަހައްޓާފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

28 ނޮވެމްބަރު 2025
އަސްލު މިވީ ކިހިނެތް؟ މޫޑީސްއިން ރާއްޖެއަށް ދީފައިވާ "ޖަންކް" ރޭޓިން ދަމަހައްޓައިފައި. އިއްޔެ ނެރުނު ރޭޓިން އެކްޝަންގައި ވެސް އެ ރޭޓިން އަށް ބަދަލެއް ގެނެސްފައެއް ނުވޭ.... ނެގެޓިވް އިން ސްޓޭބަލްއަށް ބަދަލުކޮށްގެން މި އުޅެނީ ރޭޓިންގ އައުޓްލުކް. އަކީ ކުރިއަށް ލަފާކުރުން. މުސްތަގުބަލާ ބެހޭ ކަމެއް، މިހާރުގެ ވާހަކައެއް ނޫން. އޭގެ މާނައަކީ ރާއްޖޭގެ މިހާރުގެ ޙާލަތު، ނޮން-އިންވެސްޓްމަންޓް-ގްރޭޑް (ޖަންކް)، ކައިރި މުސްތަޤްބަލެއްގައި އެއަށްވުރެ ގޯސްވުމުގެ ފުރުޞަތު ކުޑަކަމަށް. އެހެން ގޮތަކަށް ބުނާނަމަ، ރޭޓިންގ މިހާރުވެސް މިއޮތް ހިސާބުގައި އޮންނާނޭއޭ، އިތުރަށް ގޯސްވުމުގެ ފުރުސަތު ކުޑައޭ. *މިސާލަކަށް:* މިދިޔަ ޓާމްގައި ކުއްޖަކަށް ލިބުނީ "ސީ" ގްރޭޑެއް، މި ޓާމްގައި ވެސް ލިބުނީ ހަމަ "ސީ" ގްރޭޑެއް، ޓީޗަރު މި ބުނަނީ އަންނަ ޓާމްގައި އަނެއްކާވެސް "ސީ" ގްރޭޑެއް ލިބޭނެ ކަމަށް ބެލެވެއޭ، "ސީ" ގްރޭޑަކުން "ޑީ" ގްރޭޑަކަށް ވެއްޓޭނެކަމަކަށް ނުބެލެވެއޭ. މި ވީ ގޮތަކީ މިއީ. މި ވަރުގެ ކަމެއް މުޅި ސަރުކާރު ނިކުމެ ފާހަގަކޮށް ރައީސަށް މަރުހަބާ ކިޔާ ހިސާބަށް ދިޔައީމާ ކަންކަން ގޮސްފައިއޮތް ހިސާބު އަންދާޒާކޮށްލެވޭނެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް