އެއާޕޯޓްގެ ޖެޓީއެއްގެ މަތީގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން: އީރާން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހީނަރުވި ޖީޑީޕީ ވަނީ ދަށަށް ދާން ފަށާފައި (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ޖީޑީޕީ

ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް؛ އިގްތިސާދީ ކުރިއެރުމުގައި ބުރަކި ޖެހިއްޖެ

ފެބުރުއަރީ މަހާ އަޅާބަލާއިރު މާޗުގައި ޖީޑީޕީ ނުވަތަ އިގްތިސާދު ކުރިއެރި މިންވަރު ވަނީ %5.5 ދަށަށް ގޮސްފައި

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ކުރިއެރި މިންވަރު ނުވަތަ ރިއަލް ޖީޑީޕީ ޖެހިޖެހިގެން ދެ މަސް ދުވަހު ދަށަށް ގޮސްފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

ތަފްސީލް - މިދިޔަ ހަފްތާ ސްޓެޓިކްސް ބިއުރޯއިން އާންމުކުރި ފަހުގެ ޖީޑީޕީ ނަމްބަރުތަކުން ދައްކާ ގޮތުން މާޗު ނިމުނުއިރު ރާއްޖޭގެ ރިއަލް ޖީޑީޕީ ހުރީ 9.1 ބިލިއަން ރުފިޔާގަ އެވެ. މިއީ: 

  • މިއަހަރުގެ ޖެނުއަރީއާ އަޅާބަލާއިރު %9 ނުވަތަ 911 މިލިއަން ރުފިޔާގެ ދަށްވުމެއް

  • ޖެނުއަރީން ފެބުރުއަރީއަށް %3.8 ނުވަތަ 382 މިލިއަން ރުފިޔާގެ ދަށްވުމެއް

  • ފެބުރުއަރީން މާޗަށް %5.5 ނުވަތަ 529 މިލިއަން ރުފިޔާގެ ދަށްވުމެއް 

އެހެން ނަމަވެސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ރިއަލް ޖީޑީޕީއަށް ކުރިއެރުން ލިބިފައިވެ އެވެ. އެގޮތުން: 

  • މިދިޔަ އަހަރުގެ ޖެނުއަރީއާ އަޅާބަލާއިރު ޖީޑީޕީ ވަނީ %5.4 އިތުރުވެފައި

  • މިދިޔަ އަހަރުގެ ފެބުރުއަރީއާ އަޅާބަލާއިރު ޖީޑީޕީ ވަނީ %3.5 އިތުރުވެފައި 

  • މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު ޖީޑީޕީ ވަނީ %3.1 އިތުރުވެފައި 

ބޮޑު މަންޒަރު - މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހާ އަޅާބަލާއިރު ޖީޑީޕީއަށް 1.1 ބިލިއަން ރުފިޔާ އިތުރުވެ %4 ކުރިއެރުމެއް އައިސްފައިވީ ނަމަވެސް މަހުން މަހަށް އަޅާބަލާއިރު ޖީޑީޕީއަށް ދަށްވަމުން އައިސްފައި ވަނީ އީރާން ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް އައިސްފައިވާ ހީނަރުކަމާ ހެދި އެވެ. 

ޓޫރިޒަމާއި މަސްވެރިކަން އެކުއެކީ އަޑިއަޅާލައިފި

ޖީޑީޕީގެ ނަމްބަރުތަކަށް ބަލާއިރު އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ އިގްތިސާދުގެ މައިގަނޑު ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމެވެ. އެގޮތުން: 

  • ޓޫރިޒަމް: މި ސިނާއަތުން މާޗު މަހު ޖީޑީޕީއަށް ވަނީ 2 ބިލިއަން ރުފިޔާގެ ހިއްސާއެއްކޮށްފަ އެވެ. ފެބްރުއަރީ މަހާ އަޅާބަލާއިރު މި ދާއިރާ ވަނީ %21.3 ދަށްވެފަ އެވެ. ޓޫރިސްޓުން ރާއްޖޭގައި ރޭކުރި އަދަދަށް އައި ބަދަލަކީ މި ދާއިރާ ދަށްވުމުގެ މައިގަނޑު ސަބަބެވެ.

  • މަސްވެރިކަން: ފަތުރުވެރިކަމަށް ފަހު ދެވަނައަށް އެންމެ ބޮޑަށް ދަށަށް ދިޔައީ މަސްވެރިކަމުގެ ސިނާއަތެވެ. މި ސިނާއަތުން %1.7ގެ ދަށްވުމެއް އައިސްފައިވެ އެވެ. މަސްވެރިކަމުން ޖިޑީޕީއަށް ހިއްސާކޮށްފައި ވަނީ 122 މިލިއަން ރުފިޔާ އެވެ.

  • ދަތުރުފަތުރާއި މުވާސަލާތު: މި ސިނާއަތުން 1.1 ބިލިއަން ރުފިޔާގެ ޖީޑީޕީއަށް ހިއްސާކޮށްފައިވެ އެވެ. ނަމަވެސް މިއީ ފެބުރުއަރީ މަހާ އަޅާބަލާއިރު %10.7 ދަށްވުމެކެވެ.

ޖީޑީޕީއަށް އައި ބަދަލުތައް

މާޗު މަހުގެ ޖީޑީޕީއަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ: 

  • ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި: ޖީޑީޕީގެ ކުރިއެރުމަށް އެންމެ ބޮޑަށް ހިއްސާކުރީ މި ދާއިރާއިންނެވެ. މި ދާއިރާއިން %1.9ގެ ހިއްސާއެއްވެފައިވާ އިރު އެއީ 865 މިލިއަން ރުފިޔާ އެވެ. ފެބުރުއަރީ މަހާ އަޅާބަލާއިރު މި ދާއިރާ ވަނީ %21.5 ކުރިއަރާފަ އެވެ.

  • މާލީ ސިނާއަތް: ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް ކުރީ މި ދާއިރާއިންނެވެ. މާލީ ސިނާއަތުން %1.6ގެ ހިއްސާއެއް ޖީޑީޕީއަށްކޮށްފާވާއިރު އެއީ 731 މިލިއަން ރުފިޔާ އެވެ. މިއީ ކުރީ މަހާ އަޅާބަލާއިރު %2.9ގެ ކުރިއެރުމެކެވެ.

  • އިމާރާތްކުރުން: ތިންވަނައަށް އެންމެ ބޮޑު ހިއްސާއެއް ކުރީ އިމާރާތްކުރުމުގެ ދާއިރާއިންނެވެ. މި ދާއިރާއިން %0.9 ގެ ހިއްސާއެއްކޮށްފާވާއިރު އެއީ 375 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް (3)

އައިޝަތު

29 މޭ 2026
މި ނާއިފު ކިޔާ އެއްވެސް އެއްޗެއް ދިމައެއް ނުވޭ. ދެން މާ މޮޅު ފައިނޭންޝަލް އެނަލިސްޓަކަށް ވެގެން އުޅެނީ
2 0

ނޫނުބާ

30 މޭ 2026
@އައިޝަތު އިދިކޮޅު ސިޔާސީ އެކްޓިވިސްޓަކަށް ލިޔެވޭނީ މިކަހަލަ އެއްޗިއްސެއްނު
0 0

ޣުލޭ

30 މޭ 2026
@އައިޝަތު ނާއިފް އެއްޗެއް އެބަކިޔާތަ؟ ހަމައެކަނި ދައުލަތުގެ ތަފާސް ހިސާބުތަކެއް އަޅާކިޔާލީ.. މިދެން އިކޮނޮމިސްޓެއް ނޫނަސް ކިޔޭނެ އެއްޗެއްދޯ؟ ޒާތީ ވިޔަސް ބޮޑުވަރު.. އެއްޗެއް ލިޔަން ހުރުމީވެސް ރަނގަޅު ކަމެއް ދޯ؟ ތިންކް ޕޮޒިޓިވް
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް