ރާއްޖެ އައި ފަތުރުވެރިންތަކެއް އެއާޕޯޓުން ނިކުންނަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފަތުރުވެރިން އައި އަދަދު %4 މަދުވެއްޖެ

މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،775 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ކަމަށް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %4 މަދުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ވަނީ މަދުކޮށްފަ އެވެ. ބައެއް އެއާލައިންތަކުގެ ދަތުރުތައް ހުއްޓާލާފައި އޮތްއިރު، ޔޫރަޕާއި އެމެރިކާ ސަރަހައްދުގެ ގިނަ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް އަންނަނީ މެދުއިރުމަތީގެ އެއާލައިންތަކުގަ އެވެ.

ތަފްސީލް - ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ފަތުރުވެރިކަމުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ތެރޭ ރާއްޖެ އައިސްފައިވަނީ 758،753 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 791،368 ފަތުރުވެރިން ވަނީ އައިސްފަ އެވެ.

މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،775 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ކަމަށް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކަ އެވެ.

  • މި މަހުގެ 1 އިން 22އަށް އައިސްފައިވަނީ 110،178 ފަތުރުވެެރިން؛ މިދިޔަ އަހަރުގެ އެ މުއްދަތުގައި 150،808 ފަތުރުވެރިން އައި

  • މިއީ %26.9ގެ ދަށްވުމެއް

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެެރިން އައިސްފައިވާ 5 ގައުމު:

  • ޗައިނާ - 111،380 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %15)

  • ރަޝިއާ - 95،645 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %12.9)

  • އިނގިރޭސިވިލާތް - 70،288 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %9.4)

  • އިޓަލީ - 63،144 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %8.5)

  • ޖަރުމަނު -51،113 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %6.9)

ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ މަސް ނިމުނު އިރު 40އަށް ވުރެ ގިނަ ބައިނަލްއަގުވާމީ އެއާލައިނުން ރާއްޖެއަށް ދަތުރުކުރެ އެވެ.

އެނގުން މުހިންމު - ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖެއަށް ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ގެނައުމެވެ. ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށާއި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު މި އަމާޒަށް ވާސިލްވެވިދާނެ ކަމާ މެދު މިހާރު އޮތީ ސުވާލު އުފެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް