ޕޭޕަލް.

ޕޭޕަލް

ޕޭޕަލް ވަރަށް އަވަހަށް ލިބޭނެ؛ މިހާރު ޓެސްޓިން މަރުހަލާގައި: ސައީދު

އެ ހިދުމަތް މިއަހަރު ފަށާނެކަން މީގެ ކުރިން އިއުލާންކޮށްފައިވާއިރު، ސައީދު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ ފައިނަލް ޕްރޮޑަކްޓް ނެރުމުގެ ކުރިން ކުރަން ޖެހޭ ޓެސްޓުތައް ހެދުމުގެ މަސައްކަތް

ރާއްޖޭގައި ވަރަށް އަވަހަށް ޕޭޕަލްގެ ހިދުމަތް ފަށާނެ ކަމަށާއި މިހާރު ކުރިއަށްދަނީ ލޯންޗުކުރުމުގެ ކުރިން ކުރިއަށް ގެންދަންޖެހޭ ޓެސްޓިން މަރުހަލާތައް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ޕޭޕަލްއަކީ ރައީސްގެ ވައުދުފުޅެއް ކަމަށާއި ރައީސްގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ.

"މިވަގުތު މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ދާދި އަވަހަށް އިރާދަކުރެއްވިއްޔާ ޕޭޕަލްގެ ހިދުމަތް ލިބޭނެ،" ސައީދު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - ސައީދު ވިދާޅުވީ ޕޭޕަލް ހިދުމަތް ފަށަން ނިންމާފައިވާ ގޮތުގެ ޓައިމްލައިނެއް ވެސް ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށެވެ.

މިވަގުތު ޓައިމްލައިންއެއް ދޭން ދަތިވަނީ، އޭނާ ވިދާޅުވި ގޮތުގައި ޓެސްޓިން މަރުހަލާތަކެއް ކުރިއަށްދާތީ އެވެ.

"ޕޭޕަލްއަކީ ދުނިޔޭގެ ވަރަށް ޕްރެސްޓީޖަސް ޕޭމަންޓް ގޭޓްވޭއެއް. ރާއްޖޭގެ ޕޭމަންޓް ނިޒާމު، ޕޭޕަލް ބޭނުންވާވަރަށް ޑިވެލޮޕް ވާން ޖެހޭ،" ސައީދު ވިދާޅުވި އެވެ.

"އެމީހުންގެ އޮޑިޓްގެ ތެރޭގައި ޕޭޕަލް ބަލައިގަންނަ ފެންވަރަށް ރާއްޖޭގެ ނިޒާމު ޔަގީންކުރަން އެމީހުން ވެސް ބޭނުންވާނެ."

ސައީދު ވިދާޅުވީ އޭގެ ސަބަބުން ކުދި ވިޔަފާރިތަކާއި ވަކިން ހާއްސަކޮށް އޮންލައިން ވިޔަފާރިތަކަށް ކުރިއެރުން އަންނާނެ ކަމަށެވެ.

"ޕޭޕަލް އަޅުގަނޑުމެންނަށް ލިބޭއިރު، ރާއްޖޭގައި ޕޭމަންޓް ރިސީވިންގައި، ނުވަތަ ޕޭމަންޓް ފޮނުވުމުގައި، އެއްޗެއް ގަނެވިއްކުމާއި އެ މުއާމަލާތް އޮންލައިންކޮށް ހަދާއިރު ޕޭޕަލް ބޭނުންކުރާއިރު އެއް ކަމެއް ޔަގީންވެގެން އެ ދަނީ. ބައިނަލްއަގްވާމީ އެންމެ އެޑްވާންސްޑް ގައުމެއްގައި ވެސް ޕޭޕަލް ބޭނުންކުރާހެން ރާއްޖޭގައި ވެސް ބޭނުން ކުރެވޭނެ،" ސައީދު ވިދާޅުވި އެވެ.

އެނގުން މުހިންމު - ރާއްޖެއަށް ޕޭޕަލް ގެނައުމަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު 2024ގެ އޮގަސްޓުގައި ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ޖޫންގައި އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ޕޭޕަލް ހިދުމަތަށް ރާއްޖޭގައި އެކަށީގެންވާ ޑިމާންޑެއް އޮތް ކަމަށް އާންމުންގެ ހިޔާލުތަކުން ދޭހަވާތީ ޕޭޕަލްގެ ސަރަހައްދީ އޮފީހާ އެކު 2020 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް މަޝްވަރާ ކުރި އެވެ.

އެކަމަކު އެ ހިދުމަތް ރާއްޖޭގައި ނުފެށި އޮތީ އެ ކަމަށް ގާނޫނީ ހުރަސްތަކެއް ހުރުމަށް ވުރެ ބޮޑަށް އެ ކުންފުނީގެ އިސްތިރާޖީ ނުވަަތަ ވިޔަފާރީގެ ނިންމުމަކާ ގުޅިގެން ކަމަށް އޭރު ބުނެފައިވެ އެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ވަނީ އިއުލާންކޮށްފަ އެވެ. އެއީ އުރީދޫ ފިންޓެކް އާއި ޕޭޕަލް ގުޅިގެންނެވެ.

ކޮމެންޓް (6)

ލިޕްސްޓިކް

4 މާރިޗު 2026
ސައީދު ކަލޭމެން ނޫސްކޮންފަރެންސްތަކަށް އަރާތިބޭތަންފެނުނީމާ އެންމެންވެސް ޖަހަނީ ޖޯކް
0 0

ފާގަ

3 މާރިޗު 2026
މީ މިހާރުވެސް އެތައް މިލައަން މީހުން ބޭނުންކުރާ އެއްޗެއް މީނަ ގެންނަންވީމަ ޓެސްޓިން މަރުހަލާއެއް ބާއްވަން ޖެހިއްޖެ. އުރީދޫގެ ވޮލެޓުން އެކަން ކުރަން ޓެސްޓުކުރާ ވާހަކަ ކަންނޭގެ މިދައްކަނީ. މީ ސަރަކާރުގެ ވައުދު ނާމާގެ ދަށުން ވާކަމެއްނޫން. މިހާތަނަށް އޭގެ ދަށުން ވީ ކަމަކީ ހަމައެކަނި އަލިފް ލައިލާ ކަހަލަ ބޮޑު ފޮތެއް ލިޔެ ޗާޕުކުރުން.
1 0

ތެފައާސާ.

3 މާރިޗު 2026
ފެހި ސިގުނަލް މަރުހަލާ ނިމި އަންނަނީ މަރުހަލާވެސް ނިމި ޓެސްޓިންގ މަރުހަލާ ފެށުނީ. މަރުހަބާ!!
1 0

ދިއްދާ

3 މާރިޗު 2026
އަޅެ މީނާ ތިކަހަލަ ޖޯކު ވާހަކަ ދައްކަން ޕޯޑިއަމް ތަކަށް ނާރުވާފާނަންތޯ މުއިއްޒު ކާރީ ދަންނަވާބަލަ. ހެޔޮނުވާނެ. ކުރާ ސުވާލަށް ނުގުޅޭ ޖަވާބު ދެނީ ހަމަ ގަސްތުގައިކަމެއް ނޭނގޭ. ރާއްޖޭގައި 1 އަހަރުވެފާވާ މަސައްކަތު މީހާކާރީ އެހީމާވެސް ހަމަ ތިކަހަލަ ޖަވާބުދޭނެ ދިވެހި ނޭނގޭތީ އޭނާ ހިތަށްއަރާއެއްޗެއް ކިޔާނަގާނެ. ކެކެކެ
2 0

ކުރިކީލަ

3 މާރިޗު 2026
ދެން ތިޔެއް ބޭނުމެއްނޫނޭ ތިޔަަޓެސްޓެއް ނުނިމޭނޭ 2 އަހަރުވިއްޔޭ ޑޮލަަރެއްނެތޭ ތެލެއްނެތޭ ބިންހިއްކާ ޑުރެޖަރުތައް ފޮނުވާލަނިއްޔޭ އިންތިޚާބުތައް ލަސްކުރަން އެބައުޅެޔޭ...ޕޭޕަލަށް ސަލާމޭ އެއީ ޔަހޫދީ އެއްޗެކޭ..
2 0

ބޭޒަޒް

3 މާރިޗު 2026
އަލަށް ފަށާ އެއްޗެއްތަ މީ، ކޮން ޓެސްޓިންނެއް؟ ދިވެހިން ގުނބޯ ހެދޭނެ ކަމަށްތަ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް