އުރީދޫ ފިންޓެކް މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލް ހިދުމަތް ތައާރަފުކުރުމާ ގުޅޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އުރީދޫއިން ބުނި (ފޮޓޯ/އުރީދޫ)

ޕޭޕަލް

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ އިންތިޒާމު ހަމަޖެހިއްޖެ

ޕޭޕަލް އާއި އުރީދޫ ފިންޓެކް ގުޅިގެން އެ ހިދުމަތް އަންނަ އަހަރު ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އުރީދޫއިން ބުނި

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަން މިއަދު އިއުލާންކޮށްފި އެވެ.

ތަފްސީލް - ޕޭޕަލް އާއި އުރީދޫ ފިންޓެކް ގުޅިގެން އެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރާ ގޮތަށް ހަމަޖެހި، އަންނަ އަހަރު ތެރޭ ހިދުމަތް ފަށަން ތައްޔާރުވަމުންދާ ކަމަށް އޫރިދޫން ބުންޏެވެ.

އެކަމަށް މަރުހަބާ ކިޔައި އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައި އެއް ލަނޑުދަނޑި ހާސިލުވުން ކަމަށެވެ.

އުރީދޫއިން ބުނިގޮތުގައި ޕޭޕަލްގެ ހިދުމަތާ އެކު އާއްމުންނަށާއި ވިޔަފާރިތަކަށް ފައިދާކުރާނެ އެވެ: އެގޮތުން:

  • ޕޭޕަލް ބަލައިގަންނަ ބައިނަލްއަގުވާމީ ވިޔަފާރިތަކުން ތަކެތި ގަތުމަށް އެ ހިދުމަތް މެދުވެރިކޮށް ފައިސާ ދެއްކޭނެ

  • ދިވެހި ވިޔަފާރިތަކަށް ބޭރު ގައުމުތަކުގެ ކަސްޓަމަރުންނަށް ތަކެތި ވިއްކުމުގެ މަގުފަހިވާނެ

  • ޕޭޕަލް އާއި އުރީދޫ އެމް-ފައިސާ އެކައުންޓާ ދެމެދު ފައިސާ ޓްރާންސްފާކުރެވޭނެ

"މިއީ ރާއްޖެ ފުރިހަމަ ޑިޖިޓަލް އިގްތިސޯދަކަށް ބަދަލުވުމުގެ ދަތުރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް،" އުރީދޫއިން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެންމެ ފެންވަރު ރަނގަޅު ޓެކްނޮލޮޖީގެ އިތުރު ވަސީލަތްތަކާއި ހިދުމަތްތައް ރާއްޖެއަށް ތައާރަފުކުރަން ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި:

  • ފަންނުވެރިން ކުރިއަރުވައި ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ޒަރިއްޔާއިން އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ މުހިންމު އަމާޒެއް

  • ރާއްޖޭގެ ތާރީހުގައި އަލަށް ފަށާ ޕޭޕަލްގެ ހިދުމަތުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ މީހުންނާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ހަރަކާތްތެރިވާން ފުރުސަތު ލިބޭނެ

  • މިފަދަ ހިދުމަތްތައް ގައުމުތަކުގައި ފަށައިގަތުމުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ގިނަ

  • މިފަދަ ޒަމާނީ މުއާމަލާތުތައް ކުރުމުގައި ރާއްޖެއަށް ޒަމާނުންސުރެ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވޭ

  • އެ ދަތިތަކުން އަރައިގަނެ މިފަދަ ބައިނަލްއަގުވާމީ ހިދުމަތެއް ފެށުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދީ އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެ އެ ހުރަސްތައް ކަޑަތުކޮށްފި

  • މި ހިދުމަތް ތައާރަފުކުރަން ފާއިތުވި ދެ އަހަރު ކަމާގުޅޭ ފަރާތްތަކާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ

  • މިއީ މާލީ ނިޒާމު ހަރުދަނާކުރުމަށާއި އީޖާދީ ޑިޖިޓަލް ހައްލުތައް ހޯދޭނެ ފަދަ މާލީ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް

ފަސްމަންޒަރު - ރާއްޖެއަށް ޕޭޕަލް ގެނައުމަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ އަަަހަރުގެ އޮގަސްޓު މަހު ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ޖޫން މަސްތެރޭ އެމްއެމްއޭ އިން ބުނެފައިވާގޮތުގައި ޕޭޕަލް ހިދުމަތަށް ރާއްޖޭގައި އެކަށީގެންވާ ޑިމާންޑެއް އޮތް ކަމަށް އާންމުންގެ ހިޔާލުތަކުން ދޭހަވާތީ ޕޭޕަލްގެ ސަރަހައްދީ އޮފީހާ އެކު 2020 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް މަޝްވަރާ ކުރި އެވެ. އެކަމަކު އެ ހިދުމަތް ރާއްޖޭގައި ނުފެށި އޮތީ އެ ކަމަށް ގާނޫނީ ހުރަސްތަކެއް ހުރުމަށް ވުރެ ބޮޑަށް އެ ކުންފުނީގެ އިސްތިރާޖީ ނުވަަތަ ވިޔަފާރީގެ ނިންމުމަކާ ގުޅިގެން ކަމަށް އޭރު ބުނެފައިވެ އެވެ.

ކޮމެންޓް (1)

ތެފައާސާ.

15 އޮކްޓޯބަރު 2025
އޫރިދޫއިން ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރިއަސް، މަމެން ގަބޫލްކުރަނީ ޕޭޕަލްގެ ބާނީއަކީ ރައީސް މުއިއްޒުކަމަށް. އެއީ އޭޓީއެމް ޕޭޕަލް ދޮންބެ. ރަސްމިއްޔާތެއް ބާއްވާފައި ރިބަނެއް ކަނޑާލަން ވާނެ ދެއްތޯ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް