ފޯނަކުން ބީއެމްއެލް ހުޅުވާލައިގެން: މިއަދު ސަރުކާރުން ވަނީ އީ-ވޮލެޓް ތައާރަފް ކުރުމަށް ބީއެމްއެލްގައި ދެންނެވުމަށް (ފޮޓޯ/ބީއެމްއެލް)

ކެބިނެޓް

އީ-ވޮލެޓް ތައާރަފްކޮށް، ޕޭޕަލް ގެނައުމުގެ މަސައްކަތް ފަށައިފި

އީ-ވެލެޓްގެ ހިދުމަތް ތައާރަފްކުރުމުގެ މަސައްކަތް ހަފްތާއެއް ތެރޭ ފެށުމަށް ބީއެމްއެލްގައި އެދުމަށް ނިންމާފައިވޭ

ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް އީ-ވޮލެޓް ތައާރަފްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެދުމާ އެކު، ޕޭޕަލް ފަދަ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖެއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން އިއްޔެ ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެގޮތަށް ނިންމީ، އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހަށް، ރާއްޖޭގައި އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ހައްލު ހޯދުމަށް ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރުމަށް ފަހު އެވެ. 

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ގުޅޭ ގޮތުން މައުލޫމަތު ހާއްސަކުރުމަށް ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، އެ ކަރުދާހަށް މަޝްވަރާކުރުމަށް ފަހު، އެކަމާ ގުޅިގެން ހުރި ބައެއް ހުރަސްތައް ނައްތާލުމަށް ބައެއް ނިންމުންތައް ނިންމި ކަމަށެވެ.

ބުނީ ކީކޭ؟ - "[އޭގެ ތެރެއިން] އެންމެ މުހިންމު އެއް ކަމަކީ، ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަށް ކަމަށްވާތީވެ، ރާއްޖޭގައި އީ-ވޮލެޓްގެ ހިދުމަތް ގާއިމް ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއަށް ދަންނަވައިގެން ގިނަ ވެގެން އެއް ހަފްތާ ތެރޭ ސަރުކާރުން ބޭނުންވާ ގޮތަށް އެ އެކަމުގެ މަސައްކަތް ފެށުން،" ނާޒިމް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ތަފްސީލު - އޭގެ އިތުރުން، ފައިސާ ފޮނުވައި ލިބިގަތުމުގައި އާންމުކޮށް ބޭނުންކުރާ ޕޭޕަލްއަށް އެކްސެސް ހޯދުމަށް ވެސް ސަރުކާރުން މަސައްކަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމިކަން ހާމަކުރައްވައި ނާޒިމް ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ސަރުކާރާ މަޝްވަރާކޮށް، އެކަން ކުރާނެ މަގެއް ހޯދުމަށް ވެސް ނިންމި ކަމަށެވެ. އަދި އެ އެކްސެސް ރާއްޖެއަށް ހޯދުމަށް ގުޅުން ހުރި އެހެން ފަރާތްތަކާ ވެސް މަޝްވަރާ ކުރުމަށް ނިންމިކަން ނާޒިމް ފާހަގަކުރެއްވި އެވެ.

"އޭގެ އިތުރުން، ޕޭޕަލް ފަދަ އެހެން ޕްލެޓްފޯމުތަކަށް ވެސް އެކްސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް [ނިންމި]،" ނާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން، އޭނާ ވިދާޅުވީ:

  • މިކަމަކީ، އިންޓަނެޓާއި ސައިބާ ސެކިއުރިޓީއާ ގުޅުން ހުރި ކަމަކަށްވާތީ، އެކަމާ ގުޅޭ ހާއްސަ ގާނޫނެއް ތައާރަފްކުރުމަށްޓަކައި އެ ކަމާ ގުޅޭ ބިލެއް ޑްރާފްޓް ކުރުމަށް ވެސް ނިންމި

  • ސައިބާ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ސަރުކާރަށް މިހާރު އެއްބާރުލުން ދިނުމަށް އޮތް ޔޫއޭއީ އާއި ތުރުކީއާ ދެމެދު އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ނިންމުން

  • ސައިބާ ސެކިއުރިޓީގެ އިންފްރަސްޓްރަކްޗާ ތަރައްގީކޮށް، ކެޕޭސިޓީ ބިލްޑްކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމަށް ނިންމި

އިތުރު އާޓިކަލް

އިތުރު އާޓިކަލް