އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ޝިއުނާ ހާލިދު (މ). (އެކްސް ފޮޓޯ/އެމްއައިޓީޑީސީ)

އެމްއައިޓީޑީސީ

'އުފެއްދީއްސުރެ އެމްއައިޓީޑީސީ ހިންގަމުން އައީ ގޯސްކޮށް؛ އުވާލުން މުހިންމު'

ސަރުކާރު ކުންފުނިތަކަށް ބަދަލުތަކެއް ގެނައުމަށް ކެބިނެޓުން ނިންމި ނިންމުންތަކުގެ ތެރެއިން އެމްއައިޓީޑީސީއަކީ ހަރަދު ކުޑަކުރުމުގެ ގޮތުން އުވާލަން ނިންމާފައި އޮތް ކުންފުންޏެއް

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ހިންގަމުން އައީ ގޯސްކޮށް ކަމަށްވާތީ ކުންފުނި އުވާލަން ނިންމި ނިންމުމާ އެއްގޮތަށް އެކަމާ ގުޅޭ މަރުހަލާތައް ކުރިއަށްގެންގޮސް ފުރިހަމަ ކުރުމަށް ފިނޭންސް މިނިސްޓްރީއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން ލަފާދީފި އެވެ.

އެނގުން މުހިންމު - ސަރުކާރު ކުންފުނިތަކަށް ބަދަލުތަކެއް ގެނައުމަށް ކެބިނެޓުން ނިންމި ނިންމުންތަކުގެ ތެރެއިން ހަރަދު ކުޑަކުރުމުގެ ގޮތުން އެމްއައިޓީޑީސީ އުވާލަން ނިންމީ 1 ސެޕްޓެމްބަރު 2024ގަ އެވެ.

މެދު ފަންތީގެ ޓޫރިޒަމް ޕްރޮޕަޓީތައް ތަރައްގީކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުފެއްދި އެމްއައިޓީޑީސީ އުވާލުމަށް ފަހު، ސަރުކާރުން ނިންމީ އެ ކުންފުންޏަށް ހަވާލުކޮށްފައިވާ މަސައްކަތްތަކާއި މަޝްރޫއުތައް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އަށް ބަދަލުކުރުމަށެވެ.

އޭގެ ފަހުން 9 މަސް ފާއިތުވެގެންދިޔަ ނަމަވެސް އެ ކުންފުނި އަދި އޮތީ އުވާނުލަ އެވެ.

ވީ ކިހިނެއް؟ - އެމްއައިޓީޑީސީ އާއި އެމްއެމްޕީއާރުސީގެ މާލީ ހާލަތު ދިރާސާކޮށް އެސްއޯއީ ކޮމިޓީއިން އެކުލަވައިލި ރިޕޯޓުގައި އެމްއައިޓީޑީސީ އުވާލުމުގެ ކަންކަން ސަރުކާރުގެ ނިންމުމާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ވަނީ ލަފާދީފަ އެވެ.

ތަފްސީލު - ކޮމިޓީއަށް މައުލޫމާތު ދެމުން ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި:

  • އެ ކުންފުންޏަކީ އުފެއްދި ދުވަހުން ފެށިގެން ވެސް އެކަށީގެންވާ ގޮތެއްގައި ހިންގަމުންދިޔަ ކުންފުންޏެއް ނޫން

  • ދައުލަތުގެ ބަޖެޓުން ކުންފުނި ހިންގަން ބޮޑު ހަރަދެއް ކުރަން ޖެހޭ؛ އެހެންކަމުން އެ ކުންފުނި އުވާލުމަކީ ސަރުކާރު ކުންފުނިތައް އިސްލާހު ކުރުމާއި ފިސްކަލް ރީފޯމާ ވެސް ގުޅޭ މުހިންމު ނިންމުމެއް

ކުންފުނި އުވާލަން ދޭންޖެހޭ އެއްބާރުލުން ދިނުމަށާއި ކުންފުނިން ކުރަންޖެހޭ އެންމެހާ ކަންކަން ކުރަން ފިނޭންސުން އިރުޝާދު ދީފައިވާއިރު، މިހާރު ކުރިއަށްދަނީ، މިނިސްޓްރީން ބުނި ގޮތުގައި އުވާލުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    ބަރެސްދޫ މަޝްރޫއާ ގުޅޭ، ގާނޫނީ ގޮތުން ހައްލުކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން އެކަންކަން ހައްލުކުރުން

  • 2-

    އެމްއައިޓީޑީސީ އުވާލުމުގެ ސަބަބުން އެ ކުންފުނީގައި ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފުންނަށް ލިބިދާނެ ގެއްލުންތަކަށް ހައްލު ހޯދުން

ކޮމިޓީއިން ނިންމީ އެމްއައިޓީޑީސީ އުވާލުމުގައި ކުންފުނީގެ ގާނޫނުގެ 213 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމާއި ސައްހަ ދަރަނިތައް އަދާކުރުމާއި އެ ނޫނަސް އެ ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރަން ފިނޭންސަށް އަންގަން ލަފާ ދިނުމަށެވެ.

އޭގެ އިތުރުން ކުންފުނި އުވާލަން ހަވާލުކުރާ ލިކުއިޑޭޓާގެ މަސްއޫލިއްޔަތު އެ ފަރާތުން އަދާކުރޭތީ ބަލާ ކަށަވަރުކުރަން ވާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކޮމެޓީ ރިޕޯޓު ހުށަހަޅަން ތާވަލުކޮށްފައި އޮތް ނަމަވެސް، ޖަލްސާ ނިންމާލިއިރު އެ ރިޕޯޓު ހުށަހަޅާފައެއްނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް