އިންޑިއާގެ ޔޫޕީއައި ހިދުމަތް ދޭ ކުންފުނީގެ ބައިނަލްއަގުވާމީ ގޮތްޕާއެކު ރާއްޖޭން އެމްއޯޔޫގައި ސޮއިކުރުން (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

އެމްއެމްއޭ

އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލަން މަޝްވަރާ ފަށައިފި

އެމްއެމްއޭ އިން ބުނީ ކުރިއަށް އޮތް މުސްތަގުބަލުގައި އެހެން ގައުމުތަކުގައި ގާއިމްކޮށްފައިވާ މިފަދަ ނިޒާމުތަކާ ފަވަރަ ގުޅާލުމަކީ ވެސް އަމާޒު ކަމަށް

އިންޑިއާގެ ޔުނައިޓެޑް ޔުނިފައިޑް ޕޭމެންޓު އިންޓަފޭސް (ޔޫޕީއައި) އާއި ފަވަރަ ގުޅާލުމުގެ ރަސްމީ މަޝްވަރާތައް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ފަށާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ވިޔަފާރިކުރާ ފަރާތްތަކަށް އޮންލައިން ޕޭމެންޓު ސިސްޓަމްތައް ބޭނުންކުރެވޭ ގޮތަށް ކަންކަން ބައްޓަން ނުކުރެވި ވަނީ ކީއްވެތޯ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ މެދުވެރިކޮށް އެމްއެމްއޭ އިން މައުލޫމާތު ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

އެ މައުލޫމާތު ސާފުކުރުމަށް މަޖިލީހުގެ ކޮމެޓީން އެދުމުން އެމްއެމްއޭ އިން ވަނީ ޕޭމެންޓު ސިސްޓަމްތަކާއި ޑިޖިޓަލް ޕޭމެންޓު އިންފްރާސްޓްރަކްޗާއާ ގުޅޭ ގޮތުން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކޮށް ޖަވާބު ފޮނުވައިފަ އެވެ.

ތަފްސީލް - އެމްއެމްއޭ އިން ފޮނުވި ޖަވާބުގައި ބުނެފައިވަނީ ރާއްޖޭގައި ޒަމާނީ ޕޭމެންޓު ހިދުމަތްތައް ފުޅާކޮށް، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދޭ ހިދުމަތްތައް ފުޅާ ކުރުމަށް 2023 ވަނަ އަހަރު ފަވަރަ ހިދުމަތް ތައާރަފުކޮށްފައިވާ ކަމަށެވެ.

ފަވަރައާ އެކު ފަސޭހަ އަދި ރައްކާތެރި ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ކޮންމެ ބޭންކެއް މެދުވެރިކޮށް ވެސް ކޮންމެ ތަނެއްގައި ހުރެގެން ރާއްޖޭގެ އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން އެމްއެމްއޭ އިން ފާހަގަކޮށްފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ، ފަވަރަ މެދުވެރިކޮށް ބައިނަލްއަގުވާމީ މުއާމަލާތްތައް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ ވެސް އެ އިދާރާގެ މަގުސަދެއް ކަމަށެވެ. އެގޮތުން:

  • އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް، އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލުމުގެ ރަސްމީ މަޝްވަރާތައް ފަށާފައިވޭ

  • މި ހިދުމަތް ގާއިމްކުރުމުން އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވުމަށް ފަސޭހަވެ، އޮންލައިން ނިޒާމުތައް މެދުވެރިކޮށް އަވަސްކަމާއި ރައްކާތެރިކަމާ އެކު ކްރޮސްބޯޑާ މުއާމަލާތްތައް ކުރުމުގެ މަގުފަހިވާނެ

އެމްއެމްއޭ އިން ބުނީ ކުރިއަށް އޮތް މުސްތަގުބަލުގައި އެހެން ގައުމުތަކުގައި ގާއިމްކޮށްފައިވާ މިފަދަ ނިޒާމުތަކާ ފަވަރަ ގުޅާލުމަކީ ވެސް އަމާޒެއް ކަމަށެވެ.

ގުޅުން ހުރި - ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓު ސިސްޓަމް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އިންޑިއާގެ ޔޫޕީއައި ހިދުމަތް ފޯރުކޮށްދޭ ކުންފުންޏާ އެކު މިދިޔަ އޮގަސްޓު މަހު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ޔޫޕީއައި ރާއްޖެއަށް ތައާރުފުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް