މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

އިންޑިއާގެ ޕޭމަންޓް ނިޒާމު ރާއްޖޭގައި ތައާރަފްކުރަން ރައީސް ނިންމަވައިފި

ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓު ސިސްޓަމް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އިންޑިއާގެ ޔޫޕީއައި ހިދުމަތް ފޯރުކޮށްދޭ ކުންފުންޏާ އެކު މިދިޔަ އޮގަސްޓުގައި ވަނީ އެމްއޯޔޫއެެއްގައި ސޮއިކޮށްފައި
20 އޮކްޓޯބަރު 2024
2

އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ރާއްޖެއަށް ތައާރުފުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

އެނގުން މުހިންމު - ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓު ސިސްޓަމް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އިންޑިއާގެ ޔޫޕީއައި ހިދުމަތް ފޯރުކޮށްދޭ ކުންފުންޏާ އެކު މިދިޔަ އޮގަސްޓުގައި ވަނީ އެމްއޯޔޫއެެއްގައި ސޮއިކޮށްފަ އެވެ. އެ އެމްއޯޔޫގައި ސޮއިކުރެއްވީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގަ އެވެ.

ވީ ކިހިނެެއް؟ - މި ނިޒާމު ރާއްޖޭގައި ގާއިމްކުރުމަށް ރައީސް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު އެވެ.

ތަފްސީލް - ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރައީސް ނިންމެވީ ޔޫޕީއައި ތައާރަފުކުރުމަށް ކޮންސޯޓިއަމެއް ގާއިމުކުރެއްވުމަށެވެ. އެގޮތުން:

  • މި ކޮންސޯޓިއަމްގައި ރާއްޖޭގެ ބޭންކުތަކާއި މުއާސަލާތީ ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތައް އަދި ރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް ރައީސް ކަނޑައެޅުއްވި

  • މި ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއަކަށް ރައީސް ހަމަޖެއްސެވީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން

މީގެ އިތުރުން، ޔޫޕީއައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް އިންޓަ އޭޖެންސީ ކޯޑިނޭޝަން ޓީމެއް އެކުލަވާލުމަށް ވެސް ރައީސް ނިންމެވި އެވެ. އެ ޓީމުގައި ހިމެނެނީ:

  • އިކޮނޮމިކް މިނިސްޓްރީ؛ މައި ދައުރު އަދާކުރާނީ މި މިނިސްޓްރީން

  • ފިނޭންސް މިނިސްޓްރީ 

  • ހޯމްލޭންޑް މިނިސްޓްރީ 

  • މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ފާހަގަ ކުރެވޭ - އިންޑިއާގެ ޔޫޕީއައި ހިދުމަތުގެ ދަށުން ފަސޭހަކަމާ އެކު، އެކި ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތައް މެދުވެރިކޮށް ވަގުތުން މޮބައިލް ފޯނު ބޭނުންކޮށްގެން ފައިސާ ފޮނުވާ ހެދެ އެވެ.

ގުޅުން ހުރި ކަމެއް - އިންޑިއާގެ ކާޑް ޕޭމަންޓް ނެޓްވޯކް، 'ރުޕޭ' ވެސް ވަނީ ރާއްޖެއަށް ތައާރަފްކޮށްފަ އެވެ. އެ ކާޑު ތައާރަފްކުރީ ރައީސް މުއިއްޒު އިންޑިއާށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގަ އެވެ.

ކޮމެންޓް (2)

ހިތަދޫ ހުސެން

21 އޮކްޓޯބަރު 2024
އިނޑީއާގެ ސްޓޮކްމާކެޓްގަ ދިވެހި ރީޓެއިލް އިންވެސްޓަރުންނަށް ފުރުސަތު ހޯދަދީބަލަ، އެވެސް ދެިވހިންނަށް ލޯންގްޓާމް ވެލްތް ހޯދޭނެ ގޮތެއް. މި ގައުމުގަ ނެތް އިންވެސްޓް ކުރާވަރު ކުންފުނިތަކެއް،
0 0

އަލިބެ...

20 އޮކްޓޯބަރު 2024
ރުޕޭ ކާޑުގޮތައް ތިޔަ ބޭނުންކުރެވޭނީ އިންޑިއާ މީހުންނަށް އެކަނި. ދިވެއްސަކަށް ކާދު ދޫނުކުރާގޮތައް އޮތް އިރުވެސް ރުޕޭކާޑަކާހެދި ދިވެހިން އަތްޖަހަޖަހާ އަތުން ހަންގޮއްސި.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް